އެއްބާރުލުން ނުހޯދެންޏާ އަވަހަށް މުއިއްޒު އިސްތުފާދީ
ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެ މާލެސިޓީ ކައުންސިލުން ކަންކަން ބޮލުން ނެއްޓުން
ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކަންކަން ބޮލުން ނައްޓަން މާލޭ ސިޓީ ކައުންސިލެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ސިޓީ ކައުންސިލްގެ ޒިންމާއަކީ މޮނިޓަރކޮށް ކަމާ ބެހޭ އިދާރާތަކަށް އެންގުން އެކަނި ހެއްޔެވެ. ކަންކަން ހައްލު ކުރަން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ ސިޓީ ކައުން ސިލްގެ ޒިންމާއެއް ނޫން ހެއްޔެވެ. ވެވެން އޮތްގޮތެއް ހޯދައިގެން މާލޭގެ މައްސަލަތައް ހައްލު ކުރުމަކީ އެހެން ކޮން ބައެއްގެ ކަމެއް ހެއްޔެވެ. ކަމެއް ދިމާވުމުން އެއްބާރުލުމެއް ނުދެޔޭ ބަޖެޓެއް ނެތޭ ކިޔާނެ ކަމެއް ނެތެވެ.
މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަރކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށް މައްސަލަތައް ހުށަހަޅައިގެން އުޅޭ ވާހަކަ ބުނަންވީ މިހާރު ހެއްޔެވެ. ތިޔަ ދައްކަނީ ކޮވިޑްގެ ހާލަތުގައި ކުރި ސާރވޭއެއްގެ ވާހަކަ ނޫން ހެއްޔެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އެނގި ތިބެ އެ ކަންކަން ހައްލު ކުރަން އެއްބާރުލުން ހޯދަން އުޅުމަކީ ތިމާމެންގެ މަސްއޫލިއްޔަތެއް ނޫން ހެއްޔެވެ. ހިތާވެރި ހާދިސާއެއް ހިނގުމުން ކަމުން ރެކި އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވައިގެން ރެކެން އެއްބަޔަކު ވެސް އުޅޭނެ ކަމެއް ނެތެވެ.
މާލޭ ސިޓީ ކައުންސިލުން ތިޔަ ބުނާ ސާރވޭއެއް ހަދާފައި އޮވެދާނެއެވެ. ސާރވޭގެ މައުލޫމާތު ހިއްސާ ކޮށްފައި ވެސް އޮވެ ދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އެކަށީގެންވާ ޕްލޭނެއް ހަދާ ހައްލު ކުރެވެން ހުރި ކަންކަން ހައްލު ކުރުމަށް އެއްވެސް ފެންވަރެއްގައި މަސައްކަތްކޮށްފައި ސިޓީ ކައުންސިލުން ނެތް ކަމެވެ. ކިރިޔާ ކަމެއް ކުރި ނަމަވެސް މީޑިއާ ތަކުގެ ފަލަ ސުރުހީއަށް ނާރުވާ މުއިއްޒަށް ކެތެއް ނުވާނެއެވެ.
ސިޓީ ކައުންސިލުން ސަރުކާރާއި އެއްބާރުލުން ދޭ ނަމަ ސަރުކާރުގެ އެއް ބާރުލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ކަންކަން ކުރެވޭނެ ކޮންމެ ވެސް މަގެއް ފެންނާނެއެވެ. އެއްބާރުލުން ނުލިބޭއިރު މަހުން މަހަށް މުސާރަ ނަގައިގެން ކަންކަން ނުކުރެވޭ މަގާމު ތަކެއްގައި މާލެ ސިޓީ ކައުންސިލްގައި ތިޔަ ތިބެނީ ކީއްވެފައި ހެއްޔެވެ. އެއްބާރުލުން ހޯދޭވަރުގެ ބަޔަކަށް ޖާގަދޭން އަވަހަށް އިސްތުފާ ދޭށެވެ. ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް މާލެ ސިޓީ ކައުންސިލުން ވެސް ބޭނުން ވަނީ ސަރުކާރުން ކަންކަން ނުކުރެވޭ ކަން ދައްކާށެވެ. ސަރުކާރު ބަދުނާމު ކުރާށެވެ. ރައްޔިތުން ރުޅި އަރުވާށެވެ. ރައްޔިތުންނަށް ހިދުމަތެއް ކޮށްދޭކަށް ނޫނެވެ.
ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުން ނޫން ހައްލެއް ސިޓީ ކައުންސިލަށް އޮތް ކަމަކަށް ނުވެއެވެ. މޭޔަރ މުއިއްޒު އަދިވެސް ބޭނުން ވަނީ ޔާމީނު ސަރުކާރުގެ ހުރިހާ ޕްލޭނެއް މި ސަރުކާރުން ތަންފީޒު ކުރުވާށެވެ. އެ ނޫން އެއްވެސް ގޮތެއް މުއިއްޒަށް އޮންނަ ކަމަކަށް ނުވެއެވެ. އެގެން ޖެހޭ ކަމަކީ މުއިއްޒަކީ މިހާރު ހައުސިންގ މިނިސްޓަރ ނޫންކަމެވެ.
ވިލިމާލެ ބްރިޖުގެ މަސައްކަތަށް ވަގުތީ ގޮތުން އިންޑަސްޓްރިއަލް ވިލެޖު ބޭނުން ކުރިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް މުއިއްޒު ކުރަން ބޭނުމެވެ. ވިލިމާލެ ބުރިޖަކީ މި ސަރުކާރުން އަޅާކަށް މުއިއްޒު ބޭނުންވާ ބުރިޖެއް ނޫނެވެ. އެހެން ވީމާ އިންޑަސްޓްރިއަލް ވިލެޖު ނޫން ތަނެއް ގަރާޖުތައް ބަދަލު ކުރާކަށް މުއިއްޒަކަށް ނުފެންނާނެއެވެ. ފެންނަ ކަމަކަށް ނުވެސް ހަދާނެއެވެ. ސަރުކާރުން ތަނެއް ދެއްކިޔަސް ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން އެ ކަމެއް މުއިއްޒު ނުކުރާނެއެވެ.
ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާއި ވިލާ ގޭސްގެ ބިއްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު އެ ސަރަހައްދުގައި މާލޭގައި ހުރި ގަރާޖު ތަކާއި ވޯކްޝޮޕްތައް ބަދަލު ކުރުމުގެ މަސައްކަތް ފެށިއިރު އެ ތަންތަނާ މެދު ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކޮންކަމެއް ކުރަންތޯ މުއިއްޒު ބަލައެއް ނުލައެވެ. އެ ވަރުގެ ބޮޑެތި ނިންމުން ނިންމާ އަމަލު ކުރަން ފަށާއިރު ސަރުކާރުގެ ވިސްނުން ހުރި ގޮތް ބަލާނުލާ މަޝްވަރާ ނުކޮށް ހިތުހުރި ގޮތަކަށް އެއްއިރަކު ވެސް އެއްތާކު އެއްބަޔަކަށް ވެސް ކަމެއް ނުރެވޭނެ ނޫން ހެއްޔެވެ. އެ ވަރުވެސް މުއިއްޒުމެން ބަލައެއް ނުލައެވެ. މަޝްވަރާކޮށް ހައްލެއް ނުހޯދައެވެ. ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ކަހަލައެވެ. އެ މީހުން ހިތުން ސަރުކާރަކީ އެ މީހުން ނިންމާނެހާ ގޮތަކަށް ކަންކަން ނިންމުމުން އެ ކަމަކަށް ފެސިލިޓޭޓް ކޮށްދޭން ތިބި ބައެކެވެ. ދިމާވާ ކޮންމެ ދެރައެއް ގައިން ނައްޓާ އެހެން ފަރާތެއްގެ ބޮލަށް ކަނޑާލުމަކުން ސިޓީ ކައުންސިލަށް ވާޖިބު އަދާ ކުރެވޭ ކަމަކަށް ނުވާނެއެވެ.