ޝާހިދުގެ ހިޔަންޏަށްވެސް ޔާމީނަކަށް ނާދެވޭނެ!

ޔާމީނު ހަދަނީ ބޮޑު ދޮގެއް: އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ޝާހިދު ވާހަކަފުޅެއް ނުދައްކަވާ.

ޝާހިދުގެ ހިޔަންޏަށްވެސް ޔާމީނަކަށް ނާދެވޭނެ!

ރާއްޖެ ދުށް އެންމެ ބޮޑު ގައްދާރަކީ ކާމިނީގޭ ދޮން ސީދީގެ އަބްދުﷲ ޔާމީނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވެރިކަން ކާމިޔާބު ވަންދެން ތިން ހަތަރު ފަހަރަށް އިންތިހާބު ބާތިލު ކުރުވައިގެން ގަދަކަމުން ވެރިކަން ހޯދި އެހެން މީހަކު ވެސް މިރާއްޖެ ނުދެކެއެވެ. 2013 ގައި ކޯޓުން ވެރިކަން ފޭރި ގަނެގެން ނޮވެންބަރ 11 ގައި ކުރަންޖެހޭ ހުވާ ކުރީވެސް އެއް ހަފްތާ ފަހުން ނޮވެންބަރ 17، 2013 ގައެވެ.

ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ދަވާލާށެވެ. ޓޫރިޒަމުގެ ނަމުގައި މިލިޔަން މިލިޔަނުން ޑޮލަރުނަގާ ފައިކޭޓަށް ކަހާލީ ރޯމާ ދުވާލުއެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާ އަރުވާލި ބޭންކް މެނޭޖަރ ގާސިމު އަބްދުލްކަރީމު ބޭއްވީ ޖަލުގައި ޗޭނު ޖަހާފައެވެ. އެކަން ފާހަގަ ކުރި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ތިމާގެ ޒާތާ ބާވަތާ އެނގޭ ބޮޑުރައްޓެހި މީހާ ނަމިރާ ނާޒިމް ވެސް ދިދަ ތަކެއް ބޮލުގައި އަޅުވާ 25 އަހަރަށް ފޮނުވާލީ ޖަލަށެވެ.

ޔާމީނުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ޖަވާބުދާރީ ކުރުވަން އުޅުނު ބައިނަލް އަގުވަމީ ދުނިޔެއާ ވެސް ރާއްޖޭން ގުޅުން ކަޑާލިއެވެ. ކޮމަންވެލްތުން ވަކިވެ ޔޫރަޕިއަން ޔުނިއަން ބޮއިކޮޓްކުރިއެވެ. ވެރިއެއްގެ އަނިޔާވެރިކަން މި ވަރުވީމާ ދިރިތިބީން ސަލާމަތުގެ މަގު ހޯދާނެއެވެ. ރާއްޖެ ތަހައްމަލު ކުރަމުން ދިޔަ އަނިޔާވެރި ކަމުގެ ވާހަކަ އިންޑިޔާގެ ޓީވީ ޗެނަލެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އޭރު ދެއްކެވިއެވެ. އެ ވާހަކަފުޅު މިހާރު ވެސް އެ އޮތީ ފެންނާށެވެ. އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ޝާހިދު ވާހަކަފުޅެއް ނުދައްކަވައެވެ. ވީޑިއޯ އެޑިޓް ކޮށްގެން ރައްޔިތުންނަށް އޮޅުވާލިޔަސް ބޮޑުވަރެވެ. މި އޮތީ އެ ޓެލެކާސްޓްކުރި އެންޑީޓީވީގެ އޮރިޖިނަލް ވީޑިއޯއެވެ.

ރާއްޖޭގެ އޭރުގެ ހާލަތު ކައިރިން ދެކެވަޑައި ގަތުމަށް އިންޑިއާގެ މާންދޫބަކު ރާއްޖެ ވަޑައިގަންނަވަން ޖެހޭކަމަށް ޝާހިދު ވިދާޅުވުމަކީ އިންޑިއާ ސިފައިން ރާއްޖެ ހިފަން އަންނާށޭ ބުނުން ހެއްޔެވެ. އަބްދުﷲ ޝާހިދުގެ އިސްތަށިފުޅުގައި އެ ދޮގު އިލްޒާމު އަޅުވައިގެން ޔާމީނަކީ އަނިޔާ ވެރިއެއް ނޫން ކަމަށް ވާނެ ހެއްޔެވެ. ނުވާނެއެވެ. އޭރު ޝާހިދު ދެއްކެވީ ހައްގު ތެދު ވާހަކަފުޅެކެވެ.  

އަނިޔާވެރި ކަމުން ޔާމީނު ނުކުރަނީ ކީއް ހެއްޔެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. ހީވާގި ކަމާއެކު ވެރިކަން ނަގަހައްޓާ ދޭން ރެޔާއި ދުވާލު މަސައްކަތްކުރި ދިފާއީ ވަޒީރު ކާނަލް ނާޒިމަށް ރައްޔިތުންގެ ރުހުން ލިބޭހެން ހީވެގެން ފިސްތޯލަ އަކުން ފްރޭމްކޮށް ބޭއްވީ އުލު ބައިންދާފައެވެ.

މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން ފިލާ ރައްކާ ވެވުނު ބަޔަކު ފިލާ ރައްކާ ވިޔަސް ޝައިޚް އިމްރާނާއި އެ ނޫން އެތައް ބަޔަކު ކުޑަގޮޅިގައި އުނަގަޑުން ވާގި ނައްތަލާފައި ބޭއްވިއެވެ. ލިބޭލެއް މަދުވެ އަލާނުކެނޑިގެން ރަށްތައް ވިއްކަމުން ބައި އަޅަމުން ދިޔަ ހާލިދު ބުނު ވަލީދުގެ ލަގަބުދިން އަދީބު ގައިގާ އޮޅުއަޅާލީ ފިނިފެންމާ ލޯންޗް ގޮއްވާލި ޗަރު ކޭހުގައެވެ. ކުރިހާ ވައްކަމާ ހިޔާނަތް އަދީބުގެ ބޮލަށް ކަޑާލީ އެންމެން މޮޔައިންނަށް ހިތުން ހަދާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލިއެވެ. ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލާ މަޖިލިހަކީ ޔާމީނުގެ ތިލަފިހިގެ އަކަށް ބަދަލު ކޮށްލިއެވެ. ފާފު އަތޮޅު ވިއްކާލުމުގެ ބޭނުމުގައި ސުއޫދީ ޕްރިންސްގެ އަޅަކަށްވެ ގަތަރާއި އެކު އޮތް ޒަމާންވީ ސިޔާސީ ގުޅުން ކަނޑާލިއެވެ.

ފެނުނު ހުވަފެނަކާ ގުޅިގެން މާމިގިލީ ގާޒީ ނިހާނާއި ޕީޖީ މުޖުތާޒް ގެ ޒަމާން ދުއްވާލީ ހައްޔަރުގެ އަމުރެއް ނެރޭކަމަށް ހީކޮށެވެ. ރާއްޖޭގެ ކަންކަން ފާލުން ނައްޓާ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ބޭއިންސާފުން ހައްޔަރުގައި ތިބި މީހުން ދޫކުރުމަށް ސްޕްރީމްކޯޓުގެ އަމުރެއް ނެރުމުން ޔާމީނު ހީވީ މޮޔަ ވެފައި އޮތް ވަލު ސިންގާއެއް ހެންނެވެ. ގައިރު ގާނޫނީ އަމުރުތައް ހިންގަން ފަސްޖެހުނުހާ ޕޮލިސް ކޮމިޝަނަރުން ގެއަށް ފޮނުވާލިއެވެ.

ސްޕްރީމްކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަޑު ބިންމަތީ ޖައްސާ ބުރިން ހަންނެގީއެވެ. އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީހަމީދު މުޅި ހަޔާތް ބަރުބާދު ކޮށްލިއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ޒިންދަގީ ދުއްވާލިއެވެ.

ނެތް ކުއްލި ހާލަތެއް އިއުލާނުކޮށް ސްޕްރީމް ކޯޓުގެ ބާރު ކަނޑުވަލާ ގޮނޑި ކޮއްކޮ އަކަށް ހަދާލިއެވެ. ސިޔާސީ ހުރިހާ ވާދަވެރިން އެކި ކަހަލަ ތުހުމަތުގައި ފަޓާސް ބަރިއެއްހެން ގޮއްވާލިއެވެ. ގާސިމް އިބުރާހީމާއި އޭނާގެ ދަރިފުޅު ގެ ޒަމާން ދުއްވާލާ ވަސް ފުހެލަން ނުކުރާ ކަމެއް ނެތެވެ. ކާންދީ ގެންގުޅެ ބަރާއި އާރު ހޯދައިދިން އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އުމުރުން 80 އަހަރު ވެފައި ވަނިކޮށް ޖަލަށްލާ ވޭން ދެނިވި އަނިޔާ ދިނެވެ. މިކިޔާލެވުނީ ކުޑަ މިންވަރެކެވެ. މަތިމަތިންނެވެ.