ރައީސް ސޯލިހު ދެއްކެވީ ލާމަސީލު ލީޑަރޝިޕެއް: ރައީސް އަސްލަމް

ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ

ރައީސް ސޯލިހު ދެއްކެވީ ލާމަސީލު ލީޑަރޝިޕެއް: ރައީސް އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ ލާމަސީލު ލީޑަރޝިޕެއް ކަމަށާއި އެކަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ޖަލްސާގައި އޮނަރަބަލް އަސްލަމް އެހެން ވިދާޅުވީ ރައީސް ހުވާކުރައްވާ ދެއްކެވި ވާހަކަފުޅަށް ފަހު މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަ ފުޅުގައެވެ. "ހާއްސަ ގޮތެއްގައި ދިވެހި ރައްޔިތުން ކުރިން ތަޖުރިބާކުރި ބިރުވެރިކަމާއި ތަހައްމަލު ކުރި ހަމަނުޖެހުމުން މިންޖުކޮށް، ދިވެހި ރައްޔިތުންނަށް ހަމަޖެހުން ގެނެސް ދެއްވި. އަދި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ލާމަސީލު ލީޑަޝިޕް ވަކިން ހާއްސަ ގޮތެއްގައި ފާހަގަކުރަން," އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދަށާއި އުމްރީ ތަރައްގީއަށް އެ ސަރުކާރުން ގެނެސްދިން ބޮޑު ބަދަލު، ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ފެހި ގާނޫނު އަސާސީއާއެކު ގެނެސްދިން ފޮނިމީރުކަން އިހުސާސް ވެގެން ދަނީ ހަލަބޮލިކަމުން މިންޖުވެ، ހަމަޖެހުމުގެ ފަސް އަހަރުގެ ދައުރަކަށް ފަހު ވެރިކަމުގެ ބާރުތައް ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެން ދާތީކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިއީ ޑިމޮކްރަސީ ފުރިހަމަވެ ފައްކާވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

އެއް ވެރިކަމަކަށް ފަހު އަނެއް ވެރިކަމެއް އައިސް ބަދަލުވެ ދިޔުމަކީ ޑިމޮކްރަސީ އާއި ޖުމްހޫރިއްޔަތުގެ ތަބީއަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަދަލު ނުވާންވީ ކަމަކީ ޑިމޮކްރަސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބައަށް ދައުލަތުގެ ބާރުތައް ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ވެސް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ. 

ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީނު އެ ރަސްމިއްޔާތަށް ވަޑައި ނުގަތަސް ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެކަނބަލުން  ވަޑައިގަތެވެ.