ހެދެނެ ބިޑަކުން އަތި އޮއް ބިޑާސް އެބެގެ!
މިހާރު އޮތް ޕީއެންސީ މެޖޯރިޓީ މަޖިލީހަކީ މުއިއްޒުގެ ގޮނޑިކޮއްކޮއެއް.
ޕީއެންސީގެ އެމްޕީންނަށް ކަތިވަޅިގެއްލި މަރިޔަބު ގެއްލި ކޮށިދަނޑުވެސް ގެއްލިއްޖެއެވެ. ބަލި ބުޅާ ގަނޑަކަށް ވުރެވެސް އިއްޒަތްތެރި މެންބަރުން ބަލިވެއްޖެއެވެ. ހަގީގަތުގައި އޭގެ ގިނަ މީހުން އެކަން ކުރާކަށް ބޭނުމެއް ނޫނެވެ. ނުކުރި ކަމުގެ ހުނި ޖެހޭކަށްވެސް ބޭނުމެއް ނޫނެވެ. އެންމެ ފަހުން ކުރަން ބޭނުން ނުވިޔަސް ހުނިޖެހެން ބޭނުންނުވެ ދިން ވޯޓުން އަމިއްލަ ދަންމަޅި އަމިއްލަ ކަރަށް ވައްޓާލާ ނިމުނީއެވެ. އަމިއްލަ ފައިން އެރުނު އެއްޗަކަށް އެރި ކަޅި ވިދުނީއެވެ. އެންމެފަހުން އެ ޖެހުނީ " ހެދެނެ ބިޑަކުން އަތި އޮއް ބިޑާސް އެބެގެ"އޭ ބުނާށެވެ.
ދާއިރާއަށް ކަމެއް ކޮށްނުދެވޭނެތާ އަމިއްލަ ބޭނުމަށްވެސް ކަމަކަށް ޑިމާންޑް ނުކުރެވޭވަރުގެ ކޮންމަސް ބުރިއަކަށް މަޖިލިސް މެންބަރުން ބަދަލުވީ އަމިއްލަ އިހުތިޔާރުގައި އަމިއްލައަށެވެ. ބަޔަކު ސްޕްރީމް ކޯޓަށް ފޮނުވައިގެން ކަރަށް މަހާލި ދަންމަޅިންް ސަލާމަތްވާން އުޅޭނެކަމެއް ނެތެވެ. މުއިއްޒުގެ ޖައްބާރުކަމާއި އަނިޔާވެރިކަމާއި ޑިކްޓޭޓަރޝިޕްގެ ހަގީގީ ބާރަކީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. އެ މަޖިލީހުގެ ރައީސް އަދުރޭއާއި ނައިބުރައީސް އަހުމަދު ނާޒިމެވެ.
މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ ހައްގުގައި ސަރުކާރު މެންބަރުންނަށް ދެން އެންމެ ބަހެއްވެސް ނުބުނެވޭނެއެވެ. ސަރުކާރުން ފޮނުވާ ބިލަކަށް ބިނާކުރަނިވި ގޮތުގައި ބަހުސްކޮށް ފާޑެއް ނުކިޔޭނެއެވެ. ހުށަހެޅޭ ގޮތަކަށް ގާނޫނުތަކާއި ކަންކަން ފާސްކޮށްދީ ތައްގަޑު ޖަހާދިނުން ނޫންކަމެއް ނުކުރެވޭނެއެވެ. މިހާރު އޮތް ޕީއެންސީ މެޖޯރިޓީ މަޖިލީހަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ނޫނީ ދެންނުވެވޭނެއެވެ.
ޕީއެންސީގެ އެމްޕީން ދުނިޔެ ރަންވެގެންތިބެ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ހުރިހާ މަގެއް ތިޔަ ބަންދު ކޮށްލީއެވެ. މުއިއްޒު ކަތިލަން ބޭނުންވާ ވަޒީރަކު ނޫނީ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެވުމަކީ މިހާރަކު ކުރެވޭނެ ކަމެއް ނޫނެވެ. މިނިވަން މުއައްސަސާތައް މުއިއްޒު ބޭނުންވާ ގޮތަކަށް ކޮށާލާ ބޭނުން ބަޔަކު ލައިގެން ދައުލަތް ހަރާބުކުރުން ނޫން ކަމެއް މިހާރު މިއޮތް މަޖިލީހަކަށް ދެން ނުކުރެވޭނެއެވެ.
ފަނޑިޔާރުންގެ ގޮތުގައި ތިބޭނީވެސް މުއިއްޒުގެ އަޅުންގެ އަޅުންނެވެ. ސްޕްރީމްކޯޓް އޮންނާނީ މުއިއްޒުގެ މުށުތެރޭގައެވެ. ވާނީ އެހެންތާއެވެ. ގޮނޑި ގެއްލި ދާނެކަމަށް ގަންނަ ބިރުގައި ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ސަރުކާރުން ކުރިޔަސް ޗުއްޕުވެސް ނުބުނެވޭ ވަރަށް މެންބަރުން އެތިބީ އަމިއްލައަށް ބަނދެވިގެންނެވެ. ގޮނޑި ގެއްލުވާލުމުގެ ބާރު މުއިއްޒު އަތަށް ކަހާލަދީ މެންބަރުން ބްލެކްމޭލް ވީއެވެ. މެންބަރުންނަށް " ހެދެނެ ބިޑަކުން އަތި އޮއް ބިޑާސް އެބެގެ"އެވެ.