ޑިމާންޑް އުފައްދައިގެން ބިމުން ވިޔަފާރިކުރުން ނިމުމަކަށް
މާލޭގެ ސަރަހައްދުގެ ބިމަކީ މިހާރު މާލޭ މީހުނަށް ހިލޭ ލިބިދޭ ހައްގެއް
މާލޭގެ ދެކުނު ފަރާތާއި ހުލަނގު ފަރާތް ހިއްކީ ވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ. ހުޅުމާލެ ހިއްކީވެސް ރައްޔިތުންނަށް ބޯހިވާވަހިކަން ދިނުމަށެވެ. އެ ހުރިހާ ބިން ހިއްކައިގެން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ހިއްކިހާ ބިމުން ބޯހިޔާވަހިކަން ދިނުމަށް ބޭނުން ކުރެވިފައިވަނީ ދާދިކުޑަ ބިންކޮޅެކެވެ.
މާލޭގެ ދެކުނުފަރާތުން ދިން މަދު ގޯތިތައްދިނީ އޭރުގެ ނުފޫޒުގަދަ ދެ ތިންވަޒީރުން ބޭނުންވި މީހުންނަށެވެ. މާލޭން ގޯތި އޭރު ދިނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުންނަށާއި ސިފައިންގެއާއި އެސްޓީއޯގެ އިސް މީހުންނާއި ގާޒީންނާ އެނޫން މަޝްހޫރު މީހުންނާއި ބައެއް ވަޒީރުންނަށެވެ. އާއްމު ބޯހިޔާވަހިކަމަށް މާލޭގައި ތިންފަހަރެއްގެ މަތިން އެޅި ސިނަމާލެ ފްލެޓް އިމާރާތްތައް ނޫނީ ބޯހިޔާވަހިކަމަށް މާލޭން ހިއްކި ބިމުން ލުޔެއް ނުލިބި މާލެން ހިއްކި ބިމަކީ ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ބޭނުންތަކަށް ހުސްކުރެވުނުތަންތަނެވެ.
ހުޅުމާލެ ފުރަތަމަ ފޭސް ހިއްކާ ފްލެޓްކޮޅަކާއި ރޯހައުސްތަކެއް އަޅާ ބަޔަކަށް ކުށްޔަށް ދިނެވެ. ގޯތިތައް ބީލަން އުސޫލުން ވިއްކީއެވެ. ދެވަނަ ފޭސް ހިއްކައިގެންވެސް ކުރީ އެކަންތަކެވެ. ހިޔާފްލެޓެއް އެހެން ފްލެޓެއް ކިޔާނެކަމެއްނެތެވެ. އެތަންތަން ހެދުމުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. މާލޭގެ ކުލީގެ އަގު ނުވެއްޓުނެވެ. މާލޭ މީހުނަށް ބޯހިޔާވަހިކަން ނުލިބުނުތާ މާލޭގައި ދިރިއުޅޭ އެހެން މީހުން ކުއްޔަށް ކުރަންޖެހޭ ހޭދަ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުކުރެވުނެވެ.
ސަރުކާރިތަކުން ކުރަމުން އައިކަމަކީ ބިމުގެ ވިޔަފާރި ކުރުމެވެ. މާލެ ސަރަހައްދުގެ ބިމަކީ ރަނަށް ހަދައިގެން ބިންތަކުން ވިޔާފާރިކުރުން ނޫން ދެވަނަ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުގައި ނެތެވެ. ދޭތެރެ ދޭތެރެއިން މާކެޓަށް ބިން ކޮޅެއްނެރެ ބޮޑު އަގުގާ ވިއްކާ ވިޔާފަރި ކުރުން ނޫން ދެވަނަ ވިސްނުމެއް ކުރީ ސަރުކާރުތަކުގައި ނެތެވެ. ވަކި ބައެއްގެ އަތްމަތީގައި މާލެ ސަރަހައްދުގެ ބިންތައް ބާއްވައިގެން ޑިމާންޑް އުފައްދައިގެން ބިމުން ވިޔާފާރިކޮށް މާލޭ ރައްޔިތުން ބާކީކޮށް މާލޭ ސަރަހައްދުގެ ބިންތަކަކީ ބައެއްގެ މޮނޮޕޮލީއަކަށް އޮތީ ޒަމާނުއްސުރެ ހަދާފައެވެ. ސަރުކާރުތަކުން އެކަން ކުރަމުން އައީ ނޭނގި ގެނެއް ނޫނެވެ. ގަސްތުގައެވެ.
މާލޭސަރަހައްދުގެ ބިން ތަކަކީ ބަޔަކު ޑިމާންޑް އުފައްދައިގެން ވިޔަފާރި ކުރަން އޮތް ބިންތަކެއްގެ ގޮތުގައި އޮތް އޮތުން ރައީސް ސޯލިހު މިވަނީ ބަދަލުކޮށްފައެވެ. މާލޭގެ ސަރަހައްދުގެ ބިމަކީ މާލޭ ރައްޔިތުންކުރެ ކޮންމެ މީހަކަށްވެސް ހިލޭ އޮތް ހައްގެއްކަމަށް މިއަދު ބަދަލުކޮށްފިއެވެ. މަލޭގައި ގޮތް ހުސްވެފައިތިބި އެތައް ހާސް ބަޔަކަށް ގެދޮރުވެރިކަން ހިލޭ ކަށަވަރުކޮށްދޭ ތަނަކަށް މާލޭ ސަރަހައްދުގެ ބިންތައް ހަދާދެއްވައިފިއެވެ.
މާލޭ ސަރަހައްދުގެ ބިމަކީ ނުފޫޒުހުރި ބަޔަކު ޑިމާންޑް އުފައްދައިގެން ވިޔާފާރިކުރާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް ލައްވައިފިއެވެ. މާލޭ ސަރަހައްދުގެ ބިމުން މާލޭ ރައްޔިތުންނަށް ހިލޭ ގެދޮރުވެރިކަން ކަށަވަރުކޮށްދީފިއެވެ. ސަރުކާރުން ޑިމާންޑް އުފައްދައިގެން ބިމުން ވިޔަފާރިކުރުން ނިމުމަކަށް ރައީސް ސޯލިހު ގެނެސް ދެއްވައިފިއެވެ.