ސްޕްރީމްކޯޓް ކުޑަކުރާ ބިލް ތަސްދީގު ނުކުރުމަކީ އޮޅުވާލުމެއް!

ސްޕްރީމްކޯޓް ކުޑަކުރާ ބިލް ތަސްދީގު ނުކުރުމަކީ އޮޅުވާލުމެއް!

ރައީސް މުއިއްޒު ލޮލުން ބޮލުން އެދިގެން ތްރީލައިން ވިޕްނެރެގެން ފާސްކުރި ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލް ތަސްދީގުނުކުރިއެވެ. އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވާލީއެވެ. ހުރި ހީލަތްތެރިކަން ދެކިބަލާށެވެ. މުއިއްޒުގެ އެއަމަލަކީ ރޫލް އޮފް ލޯއަށް ހުރުމަތްތެރިކޮށް ހިތުމަށް ކުރިކަމެއް ނޫނެވެ. ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރުމުގެ ބޭނުން މުއިއްޒަށް ކެނޑިގެން ކުރިކަމެކެވެ.

ސްޕްރީމް ކޯޓްގައި ތިބި 7 ފަނޑިޔާރުންނަށް މުއިއްޒުގެ ބާރު ނުފޯރާތީ ޖަހަން އުޅުނު ޗައްކަރު ނުޖަހާ ސްޕްރީމް ކޯޓް މުއިއްޒުގެ މުށުތެރެއަށް ލެވޭގޮތް ވުމުން ބެންޗް ކުޑަކުރާ ގާނޫނުގެ ބޭނުން މުއިއްޒަށް ކެނޑުނީއެވެ. ރައީސް މުއިއްޒު ކޮންޓްރޯލްކުރާ ޖޭއެސްސީ މެދުވެރިކޮށް ސްޕްރީމްކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގުރައިދޫ ކުޑަ ރިޒާ އެދަނީ ހަދާދެމުންނެވެ. ފަނޑިޔާރުން ސަސްޕެންޑް ކޮށްގެންނެވެ. ސަސްޕެންޑްކުރި އެއް ފަޑިޔާރު މިހާރު އިސްތިއުފާ ދީފިއެވެ. އަނެއް 2 ފަނޑިޔާރުން ވަކިކުރާކަށް ދެން ލަހެއް ނުވާނެއެވެ. 

ސްޕްރީމް ކޯޓްގެ ބެންޗަށް މުއިއްޒު ބޭނުން ތިން ޕަޕެޓަކު ލެވޭނެ މަގު މުއިއްޒަށް ފަހިވެއްޖެއެވެ. އަނެއްކޮޅުން އުއްތަމަ ފަނޑިޔާރު ހުރީ އިސްތިއުފާއަށް ފަރިކޮށްފައެވެ. އެހެން ވެއްޖެނަމަ ސްޕްރީމް ކޯޓަށް މުއިއްޒުގެ ހަތަރު ޕަޕެޓުންލާ ބެންޗުގެ މެޖޯރިޓީ މުއިއްޒަށް ލިބުނީމާ ބެންޗް ގައި 7 މީހުން ތިއްބަސް ހެޔޮތާއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ގާނޫނަށް ގެންނަ ބަދަލަކުން ސްޕްރީމް ކޯޓްގައި މަސައްކަތް ކޮށްކޮށް ތިބި 2 ފަނޑިޔާރުން ނާާގާބިލު ކަމަށް ކަޑައަޅާ ވަކިކުރުން ލާޒިމް ކުރިއިރު ފަންޑިޔާރުން ވަކިކުރުމަށް ގާނޫނު އަސާސީގައި ބުނާ ހަމަޔާ ހިލާފުކަން ބަންޑާރަނައިބު އުޝާމަށާއި މުއިއްޒަށް އެނގުނީ އަދި ކިޔާހެއްޔެވެ. އެވަރު އަޒާނަށް އެނގުނު އިރު މުއިއްޒަކަށް އުޝާމަކަށް އޭރު އެނގުނު ކަމަކަށް ނުވިއެވެ. 

ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލް ހުށަހަޅާ ފާސްކުރީ މުއިއްޒު ރައީސްކަންކުރާ ޕީއެންސީގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހުންނެވެ. މުއިއްޒުގެ އޯޑަރަށް ޕާޓީން ތްރީލައިން ވިޕް ނެރެގެންނެވެ. ތްރީލައިން ވިޕް ބްރޭކް ކުރުމުން މެންބަރ އަޒާނަށް ޕާޓީން ވަނީ ފިޔަވަޅުވެސް އަޅާފައެވެ. އެހާ ކުއްލި ގޮތަކަށް ބިލެއް ފާސްކޮށް ޕީއެންސީ ނިންމާނީ މުއިއްޒު ވަރަށް ބޮޑަށް ބޭނުންވެގެން ކަމާމެދަކު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މުއިއްޒު ބޭނުން ނުވާކަމެއް މިހާރަކު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވާނެއެވެ. 

"ބެލްކަނި" ވީޑިއޯ ރިޕޯޓް މައްސަލައިގައި ރުޅި އަރައިގަނެެން ތުޅާދޫ ދާއިރާގެ މެންބަރު ލައްވާ ދިއްގަރު ދާއިރާގެ މެންބަރު ހުށަހެޅުވި މީޑިއާ ރެގިއުލޭޓަަަރީ ބިލަށް ވީގޮތް ދުށީމެވެ. މުއިއްޒު ބޭނުން ނުވުމުން މީޑިއާ ބިލް މަޖިލީހުން ބޭރުކޮށްލީވެ. މަޖިލިސް ހިސޯރުކުރަން މުއިއްޒު ބޭނުންވެގެން ގާނޫނު އަސާސީއަށް ގެނައި ބަދަލު ފާސްކޮށް ތަސްދީގުކުރި ގޮތްވެސް ދެކެފީމެވެ. ސްޕްރީމް ކޯޓު ކުޑަކުރާ ބިލަކީ މުއިއްޒު ސްޕްރީމްކޯޓް އަތްދަށުލާންޖެހި ޗައްކަރެކެވެ.