ނުވާނެންޏާ ގެއަށް ކަނޑާލާ!
ވެރިކަމާ ހަވާލުވީ ތިޖޫރިތައް ފުރިބާރުވާ ވަރަށް ހުންނާނެކަމަށް ޖީބުތައް ފުރާލަންތަ!
އެއް ބައެއްގެ އަތްމަތިން އަނެއް ބައެއްގެ އަތްމައްޗަށް ސަރުކާރު ހިންގުން ބަދަލުވަނީ އަރަންޏާ ދަރަންޏާ އެކުގައެވެ. ފައިދާއާއި ގެއްލުމާ އެކުގައެވެ. ހުރިނަމަ ހުރި މުދަލަކާ ފައިސާއަކާއި ވެސް އެކުގައެވެ. ލިބެން އޮތް އެއްޗަކާ ދާން އޮތް އެއްޗެއްވެސް އެކުލެވިގެންނެވެ.
އެއްވެސް ސަރުކާރެއް ބަދަލުވަނީ ލިބެން އޮތް ހުރިހާއެއްޗެއް ހޯދާ ޖަމާކޮށްދީފައެއް ނޫނެވެ. ދައްކަން ހުރި ހުރިހާއެއްޗެއް ދައްކާ ނިންމާފައެއް ވެސް ނޫނެވެ. ގިނަ ކަންތައް ތަކެއް ކުރިބަޔަކު ވެރިކަން ދޫކޮށްފައި ދާއިރު ކުރެވިފައި ހުރި ގިނަ ކަންތައްތަކެއް ހުރިހެން ދައްކަންވެސް ގިނަ އެއްޗެތި ހުންނާނެއެވެ. އެއްވެސް ކަމެއް ނުކުރާނަމަ ދައްކަންޖެހޭ އެއްޗެއްވެސް ނުއޮންނާނެއެވެ.
ގޯތި ދޫކުރަން ބިން ހިއްކާ ގޯތިދޭން ނޫޅުނުނަމަ ހިއްކަންފަށަފައި ނުނިމި އޮތް ބިމެއްް ނުއޮތީހެވެ. ފްލެޓް އަޅަން ފަށަފައި ނެތްނަމަ ހަވާލުކުރާނެ ފުލެޓެއް ނުހުންނާނެއެވެ. ފަޅުފުންކޮށް ބަދަނރު ހަދަން ނުފަށާނަމަ ނުމިފައި ބަދަރެއް ފަޅެއް ނުއޮންނާނެއެވެ. ނަރުދަމާއާއި ފެން ރަށްރަށުގައި އަޅަން ފަށާފައި ނެތްނަމަ ނުނިމޭ ވާހަކަ ދައްކާކަށް ނުޖެހުނީސް ނުންހެއްޔެވެ. ސްކޫލުތަކާ މަލްޓިޕާޕަސް ހޯލުތައް އަޅަން ނުފަށާނަމަ ނުނިމޭ އެފަދަ ތަންތަނެއް ވެސް ނުހުރީހެވެ. ބަޔަކު ލައްވާ މަސައްކަތް ނުކުރުވާނަމަ ފައިސާ ދޭންޖެހޭ ބަޔަކުވެސް ނުތިބޭނެއެވެ.
ވެރިކަމާ ހަވާލުވީ އިރުވެސް ދަރަނި ދައްކަން ޖެހޭނެކަން އެނގޭ ނޫން ހެއްޔެވެ. ނުނިމޭ އެތައް މަސައްކަތެއް ހުރިކަންވެސް އެނގޭނޫން ހެއްޔެވެ. ކުރީން އޮތް ސަރުކާރުން ކަންކަން ކުރަމުން ފައިސާއެއް ނެތޭ ކަމެއް ނުކުރެވޭނެއެކޭ ހަވާލުވާން އަންނާށެކޭ ނުބުނޭ ނޫން ހެއްޔެވެ. ލިބެން އޮތް ގޮތަކަށް ހޯދައިގެން ދެއްކެން އޮތް ގޮތަކަށް ދައްކަމުން ކުރަންޖެހޭ ކަމެއް ކުރަމުން ދިޔައީ ހޯހޯ ގޮވަމަކުންނެއް ނޫނެވެ. ކުރެވޭނެއޭ ކުރާނަމޭ ބުނަމުންނެވެ.
ރައްޔިތުން ވެރިކަން ހަވާލުކުރީ ވެރިކަން ހޯދަން އުޅުނު އިރު ހުރިހާ ކަމެއްވެސް ވާނެއޭ ކުރާނަމޭ ކުރެވޭނެއޭ ބުނެގެން ނޫން ހެއްޔެވެ. ފަށާފައިއޮތް ކަމެއް ނުހުއްޓާ ބަރާބަރަށް ކުރާނޭކަމަށް ވައުދު ވީމާ ނޫން ހެއްޔެވެ. ނުވިތާކަށް އިތުރު އެހެން ބޮޑެތި ކަންތައްތައް ކުރަންވެސް ވައުދުވީ ގައުމު އޮތް ހާލަތު ނޭނގިއެއް ނޫނެއް ނޫންހެއްޔެވެ.
ވެރިކަން ލިބުމާއެކު ފައިސާއެއް ނެތޭ ކަމެއް ކުރެވޭކަށް ނެތޭ ދައްކަންޖެހި ނުދައްކާ ފައިސާ އެބަހުއްޓޭ ކިޔައިގެން ތިޔަ ދަމަނީ ކޮންހާ ހާސަރެއް ހެއްޔެވެ. ރައްޔިތުންނަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާފައި ހުރި ކަންކަން ނުކުރުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ނުދައްކާށެވެ. ވެރިކަމާ ހަވާލުވީ އެއްވެސް ތާކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެކަމަށް ހީކޮށް ހެއްޔެވެ. ތިޖޫރިތައް ފުރިބާރުވެ ބަންޑުން ވާވަރަށް ފައިސާ ހުންނާނެ ކަމަށް ހީކޮށް ޖީބުތައް ފުރާލަން ކަމަށް ހެއްޔެވެ.
ނެތްފައިސާ ހޯދައިގެން ފަށާފައި ހުރި ކަންކަން ނުހުއްޓާ އައުކަންކަން ކުރަމުން ގައުމު ހިންގަން ނޭގޭންޏާ ރޮއެ އާދޭސްކޮށް ދެފައިތަޅައިގެން ނުވިތާކަށް ޖާދޫ ހަދައިގެން ވެރިކަން ހޯދީ ކީއްކުރަން ހެއްޔެވެ. ހިތްވަރު ހުރި ގޮތްހުރި ބަޔަކު ކުރީ ސަރުކާރޭ ފައިސާއެއް ނެތޭ ކަންކަން ނުކޮށް ހުއްޓާލަން ޖެހެއޭ ދަރަންޏެކޭ ނުގޮވާނެއެވެ. ހަމަތެދެކެވެ. ގައުމު އޮތް ހާލަތާއެކު ކުރިއަށް ގެންދަން ނޭގެންޏާ އަވަހަށް އެއްފަރާތް ވާށެވެ. އިތުރު ގޯހެއް ނުހަދާ އަވަހަށް ނުވާނެންޏާ ގެއަށް ކަނޑާލާށެވެ.