އަދުރޭއަށް އެޓޯލްސް މިނިސްޓަރކަން
މިނިސްޓަރު ނުރުހޭ ހުރިހާ ވެރިން ތިބޭނީ ބޭނުންވީމާ ގޮޅިއަށް މަހާ ލެވޭހެން
ޑރ މުއިއްޒަކީ ކައުންސިލް ތަކުގެ ބާރު ކަނޑުވާލާ މާލެއަށް ބާރުތައް ނެގުމުގައި އަރާ ހުރި ތަރިއެކެވެ. މުއިއްޒުގެ މުށުތެރެއަށް ބާރުތައް ކަހާލަން ނިކުމެ ފޫގަޅައިގެން މުއިއްޒު އެހުރީ ޕީޕީއެމާއި ރައީސް ޔާމީނަށް ވެސް ދޯކާ ދީފައެވެ.
އަދުރޭ އެހެދި އެއްޗެއް ހެދިގޮތުން ލޮންދައިގެން ދިޔަ އިދިކޮޅު ޓިކެޓް އެ އޮތީ މުއިއްޒު ފައިކޭޓުގައެވެ. ވީމާ އަދުރޭއަށް ވެސް އޭގެ ބަދަލު އޮންނަން ވާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ކައުންސިލް ތަކުގެ ބާރު ކަނޑުވާލުމުގެ ހުރިހާ ކަމެއް ކޮށްދޭން އަދުރޭ އެހުރީ މުއިއްޒަށް ނިކަން ރަނގަޅަށް ބައިއަތު ހިފައިގެންނެވެ.
އޮނަރަބްލް ޢަބްދުއްރަހީމަކީ އެޓޯލްސް މިނިސްޓަރގެ އާރާ ބާރާ ޖާހުގައި ތެޔޮލައި ދޭން އެއް ޒަމާނެއްގައި އުޅުއްވި ހައްދުންމަތީ އަތޮޅު އޮފީހުގެ އިސް މުވައްޒަފެކެވެ. ކަތީބު ސިސްޓަމު ގިރައިގެން ބޮއެގެން ހުރި މީހެކެވެ. އެ ބުނާ މަގުފުޅާ 12 ގަނޑު ޓިނަކާ މަތިވީ ވެސް އެ ޒަމާނުގައެވެ.
ނޯދަން ރީޖަނަލް އޮފީހާ ސަދަން ރީޖަނަލް އޮފީހަކީ ރާއްޖޭގެ އުތުރާ ދެކުނުގެ ހުރިހާ ރަށު އޮފީހަކާ އަތޮޅު އޮފީހެއްގައި އޮބި އަޅައިގެން 30 އަހަރު ރައްޔިތުން ފިއްތި މާސިންގާ ދެ އަނދަގޮނޑިއަށް ކިޔައިގެން އުޅުނު އިނގިރޭސި ދެނަމެވެ.
މުއިއްޒު ހަދަންއުޅޭ މިނިސްޓްރީ ގެ ފުލްޓައިމް މިނިސްޓަރަކަށް އަދުރޭ ވަރަށް ފައްކާ ވާނެއެވެ. ކައުންސިލަކުން ކަމެއް ކުރަން ބޭނުންވާ އިރަށް ދުއްވައި ގަންނަން ޖެހޭނީ އަދުރޭ ފައިބުޑަށެވެ. ހައްޖުން އަންނަ މީހަކަށް ރަށު މިސްކިތަށް މުސައްލަ ގަނޑެއް ހަދިޔާ ކުރެވޭނީ ވެސް އަދުރޭ ހުއްދަ ދިނިއްޔާއެވެ. ކައުންސިލު އިދާރާއަށް ބޮތްކެއް ގަނެލެވެނީވެސް އަދުރޭ އޯކޭ ޖެހީމައެވެ. އޭރުން އަދުރޭމެންގޭ ވަލުދޮރާށީ ކިޔުގާ ޖެހެން ނުދާ ކައުންސިލަރަކު ހުންނާނީ އަނދާފައެވެ.
ހަމަތެދެކެވެ. ހދ މާވައިދޫ މީހެއްގެ ހުރި މާދޮން ސަމަންތަރު ހެޔޮ ފަރުނީޗަރ ހަމަ ބަނިޔާދަން އަންބަކާ ވައިހުރި ކަތީބަކު އަޅައިގަތީމާ ވީހެން އޭނާގެ ފިރިމީހާ ރައްޔިތުން ގާތު ސަރުކާރާ ދެކޮޅު ވާހަކަ ދައްކަނީ ކަމަށް އަތޮޅު އޮފީސް މެދުވެރިކޮށް ނޯދަން ރީޖަނަލް އަނދަގޮނޑިއަށް އަންގާލީމާ އެ ނިމުނީއެވެ. ރަށަށް ސިފައިން އަރާ އެ މީހާ ގެންދާ ގޮތަށް ދޫނިދޫގައި އެކޮޅުކޮޅުން އެލުވައިގެން ތަޅާ ރޯނާ ގަންނަވާފައި ހޭނެތުނީމާ ހުއްޓާލަ ފާނެއެވެ. ދެން ހޭއެރީމާ ދިއްކޮށްލާ ބަޔާނުގައި އޮތީ ކޯއްޗެއްތޯ ނުބަލާ ސޮއިކުރީމާ އަނިޔާ ކުރުން ނިމުނީއެވެ.
ކޯޓަށް ގެންގޮސް އިއްވާ ބަޔާން އަޑުއަހާލާ އިރު އެއީ ދައުލަތާ އިދިކޮޅަށް ބަޣާވާތްކޮށް މީހުން މަރަން ރާވާ މާ އިހު އެވާލާ ޒަމާނުގައި މާލޭގައި ޖެހި ބޮޑު ހުޅުގައި ވެސް ބައިވެރިވި މީހެއް ކަމަށް ވެސް އޮންނަނީ ސޮއިކޮށްފައެވެ. ދެން އަންނަނީ މަރު ނުވަތަ އުމުރު ދުވަހުގެ ހުކުމެކެވެ.
މިނިސްޓަރު ގަޔާނުވާ ވެރިން ބޮލުގައި ވަގު ބާދުނާމު އަޅުވާ އެކަހެރިކޮށް އުމުރަށް އެމީހެއްގެ އަބުރު ކަތިލާލައެވެ. ޖަލަށް ނުލާ ބާކީކޮށް އެކަހެރިކޮށް ދިރިއުޅުން ދަތިކޮށްލައެވެ. މިނިސްޓަރު ނުރުހޭ ހުރިހާ ވެރިން ތިބޭނީ ބޭނުންވީމާ ގޮޅިއަކަށް މަހާ ލެވޭހެން ބަޔާންތައް ނަގާ ވަރަ ކޮށާލާފައެވެ.
މުއިއްޒު އަދުރޭއަށް ހަދާދޭން އެ އުޅެނީ އެ މިނިސްޓްރީއެވެ. ރަށު ކައުންސިލުން އަތޮޅުކައުންސިލުން ރީޖަނަލް އޮފީހުން މިނިސްޓަރަށް ނުދަންނަވާ އެއްވެސް ކަމެއް ނުކުރެވޭހެން ކައުންސިލްތަކުގެ އަތް ބަންނަން މުއިއްޒު އެ ރެޑީ ވަނީއެވެ. ރަށްރަށުގެ ރައްޔިތުންނާ ދެކޮޅަށް ރަށްރަށުގެ ބިންތަކާއި ރައްޔިތުންގެ މުދަލަށް ހިތުހުރި ގޮތެއް ހެދުމުގެ ބާރު މިނިސްޓަރކަށް ދިނުމަށް ތައްޔާރު ވަނީއެވެ.
ބިދޭސިންނަށް ބިން ވިއްކަން ގާނޫނު ފާސްކުރި ޣައްދާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުޑާލަން އުޅޭނެ ކަމެއް ނެތެވެ. ޕީއެންސީގެ ވެރިކަމުގައި އެ ދުވަސް ގެނެސް އެޓޯލްސް މިނިސްޓްރީ ހަދައިގެން އަދުރޭ ލައްވާ އަނިޔާވެރިކަން ހިންގަން އުޅޭ އުޅުން ހުއްޓުވަން ޖެހެއެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒު ފޭލިކޮށްލަން ޖެހެނީ އެހެން ވެގެންނެވެ.