ޝިޔާމަށް: ދާއިރާގެ %67.5 ތާއީދު ނެތީމަ ގެއަށް ކަނޑާލާ

ޝިޔާމަކީ ދާއިރާ މީހުންގެ ތާއީދު ނެތް މެންބަރެއް

ޝިޔާމަށް: ދާއިރާގެ %67.5 ތާއީދު ނެތީމަ ގެއަށް ކަނޑާލާ

9 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް އެދުވަހު ވޯޓްލީ މީހުންގެ 38 ޕަސެންޓް ލިބިވަޑައި ގަތުމުން ރައީސް ސޯލިހު އެއްފަރާތްވެ ވަޑައިގަތުމަށް ނައިފަރު ދާއިރާގެ މެންބަރުން އަހުމަދު ސިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީމާ އަންނަނީ ހިންޏެވެ. މާތްކަލާކޯ ސިޔާމޫއެވެ. އެއްފަރާތް ވާންވީ ރައިސް ސޯލިހެއް ނޫނެވެ. އެއްފަރާތް ވާންވީ ސިޔާމެވެ.

ރައީސް ސޯލިހަށް ނިސްބަތް ކުރައްވާ ސިޔާމު ހަޖޫ ޖައްސަވާއިރު ނައިފަރު ދާއިރާގެ ގޮނޑިއަށް ޝިޔާމު އިންތިހާބުވެ ވަޑައިގެން ހުންނެވި ހާލަތު އަމިއްލަފުޅަށް އެނގިވަޑައެއް ނުގަތެވެ. ނައިފަރު ދާއިރާގެ ގިނަ މީހުން ޝިޔާމާ ދެކޮޅެވެ. ޝިޔާމަކަށް ތާއީދެއް ނުކުރެއެވެ. ޝިޔާމު ނައިފަރު ދާއިރާގެ ގޮނޑިއަށް ސަވާރުވެ ވަޑައިގެން ތިޔަ ހުންނަވަނީ އެ އިންތިހާބުގައި ވޯޓުދިން ދާއިރާ ރައްޔިތުންގެ ފަންސާސް ޕަސެންޓް ލިބި ވަޑައިގެނެއް ނޫނެވެ. 

2019 ވަނައަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 3875 މީހުން ތިއްބެވެ. އޭގެ ތެރެއިން އިންތިހާބުގާ ވޯޓު ދިނީ 3057 މީހުންނެވެ. އެއީ އެލިޖަބްލް ވޯޓަރސްގެ 82.82 ޕަސެންޓެވެ. 

ނައިފަރު ދާއިރާއަށް އެ އިންތިހާބުގައި ވޯޓުދިން 3057 މީހުންގެ ތެރެއިން 1798 މީހުން ޝިޔާމަކަށް ވޯޓެއް ނުދެއެވެ. މުޅި ދާއިރާގެ ވޯޓު ހައްގު 3875 މީހުންގެ ތެރެއިން 2616 މީހުން ޝިޔާމް މެންބަރު ކަމަށް އަންނާކަށް ތާއީދެއް ނުކުރެއެވެ. ޝިޔާމަށް އެ އިންތިހާބުގައި ވޯޓު ދިނީ އެންމެ 1259 މީހުންނެވެ. އެއީ ދާއިރާގެ 32.5 ޕަސެންޓެވެ. ވޯޓުލާން ނިކުތް މީހުންގެ 41.18 ޕަސެންޓެވެ. 

ތިމާ ތަމްސީލު ކުރާ ދާއިރާގެ ފަންސާސް އިންސައްތަ މީހުންގެ ތާއީދު ނެތި ގޮނޑިއަކަށް ސަވާރުވެ އިންނަވާ ދެވަނަ ބުރުގައި ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އޮތް ރައީސް ސޯލިހަށް ފުރައްސާރަ ކުރެއްވިޔަސް މީހަކަށް ޑަރުވެސް ހީނުވާނެއެވެ. އެއްފަރާތް ވުމުގެ ވާހަކަ ދައްކަވަން ވާނީ އަމިއްލަފުޅު ހާލު އެނގިވަޑައިގެން ހުންނަވައެވެ.

2019ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާއިން ވޯޓުލީ މީހުންގެ 50 ޕަސެންޓް ލިބިފައި ވަނީ 42 މެންބަރުންނަށެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފެލިދޫ ދާއރާގެ މެންބަރ އިބްރާހީމް ފަޒްލް ރަޝީދަށް ނޫނީ ދާއިރާގެ 50 ފަސެންޓް ހޯއްދެވުނު މެންބަރަކު ޕީޕީއެމް-ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ތަކުގެ ތެރެއަކު ނެތެވެ. ނައިފަރު ދާއިރާގެ މެންބަރު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފުމެން ރައްޔިތުންގެ ތާއީދުގެ ވާހަކަ ދައްކަވާކަށް ރީއްޗެއް ނޫނެވެ.