ޕީޕީއެމްގެ ޕްލޭން ބީ: ދެ ޑޮޓަރުންނަށް ޓިކެޓް

ޕީއެންސީ ރިޔާސީ ޓިކެޓަކީ މުއިއްޒު ޕާޓީ ބޭރުކޮށްލަން ޖެހިމަޅިއެއް

ޕީޕީއެމްގެ ޕްލޭން ބީ: ދެ ޑޮޓަރުންނަށް ޓިކެޓް

އެންމެ ފަހުން މީޑިއާތައް ނުބައި މީސްކޮށް ޕީޕީއެމުން ބަޔާނެއްނެރެ ޑރ. މުއިއްޒަކީ ޕީޕީއެމްގެ ދެވަނަ އޮޕްޝަން ނޫންކަން ކަށަވަރުކޮށް ދިނީއެވެ. ޑރ. މުއިއްޒު ގުއިރޯނުގައި ޖައްސާ ޕާޓީން ބޭރުކޮށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނެ ނަމަ ޕީޕީއެމުން ނެރޭނެ ޖޯޑެއް ނިންމީއެވެ. ޕީޕީއެމްގެ ޕްލޭން ބީގައި ނެރޭނެ ޖޯޑް ނިމިފައިވާ ކަމަށް ޕީޕީއެމްގެ އިސް އޮފިޝަލަކު މައުލޫމާތު ދީފިއެވެ.

ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަކީ ޕީޕީއެމް - ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ދެޕާޓީގެ ސެނެޓުން ނިންމީ އެންމެންގެ ކުރި މަތީގައެވެ. އެނިންމުން ސެނެޓުން ނިންމަން ޖެހުނީ ރައީސް ޔާމީނު ވަކި ނަމެއް ނުދެއްވައިގެނެވެ. ރައީސް ޔާމީނުގެ ކެންޑިޑެސީ އީސީން ބަލައިނުގަތުމުން އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ރައިސް ޔާމީނު ސްޕްރީމް ކޯޓަށް ވަޑައިގަތީއެވެ. އެކަމަށް ސްޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި ޕީޕީއެމުން ކަންތައް ތަކަކަށް އެދުނެވެ. ފުރަތަމަ ކަމަކީ އީސީގެ ނިންމުން ބާތިލުކޮށް ދެއްވުމެވެ. ދެވަނައަށް އެދުނީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ގޮތަށް ނިމިއްޖެނަމަ ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ހޯދާ ދެއްވުމެވެ.

ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ގޮތަށް ނިމިއްޖެނަމަ ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ހޯދާ ދެއްވުމަށް އެދުމުން ޕީޕީއެމްގެ ވިސްނުމަކީ ޕީއެންސީ ކެންޑިޑޭޓަށް ތާއީދުކުރުން ނޫންކަން އެނގިގެން ދިޔައެވެ. އިތުރަށް ބޮޑަށް އެކަން ސާފުވެގެން ދިޔައީ ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވަރަށް ސާފުކޮށް މީޑިއާގައި އެ ވާހަކަ ވިދާޅުވުމުންނެވެ. ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓަކީ ޕްލޭން ސީކަމަށާއި ޕްލޭން ބީއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުން ކަމަށް ނައިފަރު ދައިރާގެ މެންބަރ ޝިޔާމް ވިދާޅުވިއެވެ. 

ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޑރ. ވަހީދު ކަމަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. ޑރ. ވަހީދުގެ ކުށުގެ ރެކޯޑް ސާފު ކުރުމަކީ އެ މައުލޫމާތު ކަށަވަރުކަން ސާބިތުވާ ހެއްކެކެވެ. ޑރ. ވަހީދުގެ ރަނިން މޭޓަކީ ޑރ. ޖަމީލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ވެސް ރަނިންގ މޭޓެވެ. ޑރ. ވަހީދާއި ޑރ. ޖަމީލަކީ ޕީޕީއެމްގެ ޕްލޭން ބީކަން ޝައްކެއް ނެތް މިންވަރަށް ސާފެވެ.