މާލޭ މޭޔަރ ކަމަށް އެންމެ ގާބިލު އުންމީދުވާރަކީ އާދަމް އާޒިމް
މާލެސިޓީގެ އެމްޑީޕީ މެންބަރުން ޕާޓީ ޓިކެޓް ދީފައި މޭޔަރ ކަމަށް ނެރެން އާދަމް އާޒިމަށްވުރެ ލާއިގު އެހެން މީހަކު ނެތެވެ. ސަބަބުތައް ބައިވަރެވެ. ވިސްނާ މީހަކަށް މި ވާހަކައިގެ ތެދުކަން ގަބޫލު ކުރެވޭނެއެވެ. އާދަމް އާޒިމް ވާދަ ކުރަނީ މީހުންނަކާ ނޫނެވެ. ހައްލުކުރަން ކުރިމަތީގައި ހުންނަ މައްސަލަތަކާއެވެ.
ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލަށް އާދަމް އާޒިމް ނޫނަސް ކިތަންމެ ބަޔަކު ކައުންސިލަރުންގެ ގޮތުގައި އިންތިހާބުވިއެވެ. އާދަމް އާޒިމް ނޫން އެންމެން ހުވާކުރުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރީއެވެ. އެމްޑީޕިއަށް މޭޔަރ ގޮނޑި ދިފާއުކޮށް ދިން ދިނުމުގައި ޕާޓީ ބަދަލު ނުކޮށް އާދަމް އާޒިމު ދެމި ހުއްޓެވެ. ފަސޭހަގޮތެއް ހިޔާރެއް ނުކުރެއެވެ. ހަމަ އެކަނި އެ ސަބަބަށްޓަކައި ވެސް އާދަމް އާޒިމަށް ފުރިހަމަ ދައުރެއް ހޯދާދޭން އެމްޑީޕީން މަސައްކަތް ކުރަން ޖެހެއެވެ.
އާދަމް އާޒިމްގެ މޭޔަރުކަމުގެ ކުރު މުއްދަތުގައި މާލޭގެ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާދެމުން ދިޔުމަކީ އާދަމް އާޒިމް ހޮވަންޖެހޭ އަނެއް ސަބަބެވެ. ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމަށް ކުރަމުންދާ މަސައްކަތް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށްވެސް އާދަމް އާޒިމް ހޮވަން ޖެހެއެވެ. މާލެސިޓީ އެތައް މޭޔަރަކު ތަޖުރިބާ ކުރިއިރު އާދަމް އާޒިމް ފަދަ ގާބިލް ކެރޭ ހީވާގި ނަތީޖާ ނެރެދެވުނު މޭޔަރަކު ނުފެނެއެވެ. ގެނެވޭ ބަދަލަކުން ފެންނަމުންދާ ހެޔޮބަދަލުތައް ހުއްޓުމުގެ ބިރު އޮތުމުންވެސް އާދަމް އާޒިމް ހޮވަންޖެހެއެވެ.
އެހެން ކަމުން މާލެ ސީޓީ މޭޔަރކަމަށް މި ހިނދަށް އެންމެ ގާބިލު އުންމީދުވާރަކީ އާދަމް އާޒިމް ނޫން ދެވަނަ މީހެއްނޫނެވެ. އާދަމް އާޒިމަށް ދެވޭ ވޯޓަކީ ހިތްހަމަ ޖެހުމަށް ދެވޭ ވޯޓެކެވެ. އިތުބާރަށް ދެވޭ ވޯޓެކެވެ. ކާމިޔާބަށް ދެވޭ ވޯޓެކެވެ. މުރާލިކަމާއި ހީވާގިކަމާއި ކެރުމަށް ދެވޭ ވޯޓެކެވެ. އެދޭ ކުރިއެރުމާއި ހަމަޖެހުމާއި ސުލްހައަށް ދެވޭ ވޯޓެކެވެ.
ރާއްޖޭގެ މިޒަމާނުގެ ތާރީހުގައި އާދަމް އާޒިމް ފާހަގަވެގެން ދަނީ ދެވަނަ އުމަރު ޒާހިރުގެ ގޮތުގައެވެ. ޖަދަލުކުރުމާއި ބަހަނާ ދެއްކުމާއި ޝަކުވާ ކުރުމަކީ އާދަމް އާޒިމްގެ ކިބައިން ފެންނަކަމެއް ނޫނެވެ. އާދަމް އާޒިމަކީ ހުދުފަށަށް ބޮޑުނުކޮށް އަމަލީ މަސައްކަތުން އަމާޒަށް ވާސިލުވާ ފަހުލަވާނެކެވެ. އެކު އެކުގައި އެތައް ކަމެއް އެއްފެންވަރެއްގައި ހިންގާ ނަތީޖާ ހާސިލުކުރުމުގެ ލާމަސީލް މިސާލެކެވެ.




