ދެން އަންދާލާނީ ކޮމިޝަނަރު ނޫންކަމެއް ނޭގެ!
ފުލުހުންގެ ބަޔަކު އިސްވެ ތިބެ ދައްކާ އެ ދިނީ އެ މީހުންގެ ހުރި ޖާހިލުކަން
ދިވެހި ފުލުހުންގެ ކޮންމެ މީހަކީ ހުވައެއް ކޮށްގެން މަގާމާ ހަވާލުވެ މުޖުތަމައުގެ ރައްކާތެރިކަމާ ހަމަޖެހުމަށް މަސައްކަތް ކުރަން ތިބި ބައެކެވެ. އެ މީހުން ކިޔަމަންތެރިކަން އަދާކުރަން ނުޖެހެނީ ގައިރު ގާނޫނީ އަމުރަށެވެ. އެމީހަކު ދެކޭ ގޮތްނޫން ކޮންމެ ގޮތަކީ ގައިރު ގާނޫނީ ކަމެއްކަމަށް ބެލުމުގެ ހައްގެއް އެހެނެއް ކަމަކު ނޯވެއެވެ. ފުލުހުންނަކީ ހުރިހާ ވަގުތެއްގައި ވެސް ޗޭން އޮފް ކޮމާންޑަށް ކިޔަމަން ތެރިކަން އަދާކުރުން ލާޒިމު ބައެކެވެ. ސިޔާސީ ގޮތުން އެ މީހަކު ގަބޫލު ނުކުރާ ވެރިއަކު އެމީހެއްގެ މައްޗަށް އަމުރުކުރަން ހުރުމަކީ ޗޭން އޮފް ކޮމާންޑް ބުރޭކް ކުރަން އޮތް ތަޅުދަޑިއެއް ނޫނެވެ.
ހުރިހާ ފަހަރަކު ފުލުހުންގެ ވެރިންގެ ގޮތުގައި ތިބޭނީ އެމީހުން ރުހޭ ބަޔަކަށް ނުވެދާނެއެވެ. އެހެނެކޭ ކިޔާ އެމީހުންގެ ހުރުމަތް ކަޑާލާ މުއައްސަސާގެ އިތުބާރު ކެނޑޭ ޒާތުގެ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ފުލުހަކަށް އޮތް ހައްގެއް ނޫނެވެ. ބަޔަކު ކިތަންމެ ނުރުހުނަސް ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރަކީ އަދި ޝައިހު އިމްރާނެވެ. ޕޮލިސް ކޮމިޝަނަރަކީ މުހައްމަދު ހަމީދު (އެމްސީ ހަމީދު)އެވެ.
ޝައިހު އިމްރަނާއި އެމްސީ ހަމީދު ނޫނަސް އެ މަގާމުތަކުގައި އެހެން ބަޔަކު އަބަދުވެސް ތިބޭނެއެވެ. އެއްވެސް އިރަކު އެ މަގާމް ތަކުގައި ތިބޭނީ ހުރިހާ ފުލުހުން ރުހޭ މީހުނެއް ނޫނެވެ. އެންމެ ބޭނުންވާ މީހުނެއް ވެސް ނޫނެވެ. ކިތަންމެ ނުރުހޭ ބަޔަކު ތިއްބަސް މަގާމުގެ ގޮތުން އެ މީހުނަށް ގަދަރުކޮށް ކިޔަމަންތެރިކަން އަދާކުރާން ޖެހެއެވެ.
ދިވެހިން ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން އެންގުމުގެ ގޮތުން ރޭބޭއްވި ހިނގާލުމަށް ފަހު ފުލުހުންގެ ބަޔަކު އިސްވެ ތިބެ އަންދާލީ ނަތަންޔަހޫއާއި ބައިޑިންގެ ފޮޓޯ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ އާއި ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދުގެ ފޮޓޯ ވެސް އެ މީހުން އެންދިއެވެ.
ފުލުހުންގެ ބަޔަކު އިސްވެ ތިބެ ދައްކާ އެ ދިނީ އެ މީހުންގެ ހުރި ޖާހިލުކަމާ ގޮތެއް ނެތްކަމެވެ. އެމީހުން އެ ކަނޑާލީ މުސްލިމުންގެ އެއްބައިވަންތަކަން ސާބިތު ކޮށްދޭން ބޭއްވި ހިނގާލުމުގެ ހުރުމަތެވެ. ރޯ އެކުރީ ނަފްރަތުގެ ހުޅެވެ. ވައްޓާލީ ފުލުހުންގެ މުއައްސަސާގެ އަގެވެ.
ހެދޭ ނުހެދޭ ނޭނގި އަމިއްލައަށް ގެއްލުވާ އެލަނީ އަމިއްލަ ނަފުސާއި މުޅި މުއައްސަސާގެ އިތުބާރެވެ. ސާބިތު އެ ކޮށްދިނީ ލިބިއޮތް ބާރުގެ ބޭނުން ކޮށްގެން ދައުލަތުގެ އިސްވެރިންނާ މެދު ރައްޔިތުން ނަފްރަތު ކުރުވުމަށް ގިނަ ކަންތައް ތަކެއް ފުލުހުންގެ ނަމުގައި ކުރިކަމެވެ. ފުލުހުންގެ ތެރޭގައި ބަޔަކު ތިބެ މަގާމުގެ ބޭނުން ކޮށްގެން ހަމަ ނުޖެހުން ހިންގުވާ ހަރާން ކޯރުވިކަމެވެ. ރައްޔިތުން ސަރުކާރު ދެކެ ރުޅި އެރުވުމަށް ފުލުހުންގެ ތެރޭގައި ބަޔަކު ތިބެ ރާވައިގެން ކަންތައް ތަކެއް ކުރިކަމެވެ.
ފުލުހުންގެ ނަމުގައި ތިބި އެ ފަދަ މީހުންނަކީ ނުރައްކާތެރި ބައެކެވެ. ކޮންމެ ސަރުކާރެއް އޮތަސް އެ މީހުންގެ ފުށުން ގައުމަށާއި ރައްޔިތުންނަށާއި ސަރުކާރަށް ރައްކާތެރި ކަމެއް ފައިދާއެއް ނުއޮންނާނެއެވެ. އެ މީހުންނަކީ ބޮޑެތި މުޖުރިމުންނެވެ. މުޖުރިމުންނަށް ދައުލަތުގެ ރައްކާތެރިކަމާ ބާރު ހިނދުކޮޅަކަށް ވެސް ދެވިފައި އޮވެގެން ނުވާނެއެވެ.
އާއްމު އެއްވުމެއްގައި ހޯމް މިނިސްޓަރާއި ޕޮލިސްކަމިޝަނަރގެ ފޮޓޯ އެންދި ފުލުހުންނަކީ ހިފާ ހައްޔަރުކޮށް ތަހުގީގްކޮށް ފިޔަވަޅު އަޅަން ޖެހޭ ބަޔެކެވެ. މުޅި ދައުލަތުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ. ގާނޫނީ ހުވައެއްގެ މަތީގައި ތިބެ އެވަރު ބޮޑު ޖަރީމާއެއް ހިންގި ބަޔަކަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެން އަންދާލާނީ ޕޮލިސްކަމިޝަނަރު ނޫންކަމެއް ނޭގެއެވެ. އެމީހުންގެ ފުށުން ކުރިއަށް އޮތްތާގައި ހިނގާނީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން އޮތީ ހިތައް އަރުވާލުމެވެ.