ހޮވާނީ ކަމެއްނުކޮށް މުސާރަނަގާނެ ބައެއްތޯ- ހައްގު ހޯދާދޭން އުޅޭނެ ބައެއްތޯ

ހޮވާނީ ކަމެއްނުކޮށް މުސާރަނަގާނެ ބައެއްތޯ- ހައްގު ހޯދާދޭން އުޅޭނެ ބައެއްތޯ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުން އަދި ކައުންސިލްތަކުން އާންމު ރައްޔިތަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަން ސަރުކާރުގެ އަމަލު ތަކުން ބުނެދެއެވެ. “ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން" ކަމަށް ރައީސް ވިދާޅުވުމުން އެނގިގެން ދިޔައީ ކައުންސިލްތަކުން ސަރުކާރުގެ ކިބައިން ކުރާންޖެހޭ އުންމީދެއް އޮވެގެން ނުވާނެ ކަމެވެ. 

މީގެން ދަސްކުރަންޖެހޭ ފިލާވަޅަކީ އަތޮޅުތެރޭގެ ރައްޔިތުން ކޮންމެހެން ސަރުކާރުން ބޭނުންވާ ބަޔަކު ހޮވިޔަސް ނުހޮވިޔަސް އެ ރަށަކަށް ވާނެ ފައިދާއެއް ނެތްކަމެވެ. ރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވީ ކީއްވެތޯ، ސަރުކާރު މަޖިލިސް މެމްބަރެއްގެ ގާތުއަހާލިއަސް ސުލޫކީ މައްސަލައެއް ކަމަށް ބަލާ އާދަނު ވުޒާރާއިން ސަސްޕެންޑު ކުރެވިދާނެ" ކަމަށް ސަރުކާރުގެ ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

ބަޖެޓުގައި އަތޮޅުތެރޭގައި ހިންގާނެ މަޝްރޫއު ތަކުގެ މައުލޫމާތު ހިމެނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރު މަޖިލިސް މެމްބަރުން ވަނީ ނިންމާފައެވެ. އަދި ވަކި އެއްވެސް ދާއިރާއެއްގައި ހިންގަން ފަށާފައިވާ މަޝްރޫއު އެއް ސަރުކާރު މަޖިލިސް މެމްބަރަކު ސާފު ކުރުމަށް ދައުލަތުގެ ވުޒާރާއަކަށް ގޮސްފިނަމަ އެ މެމްބަރަކު ބުލެކް ލިސްޓު ވީއެވެ. “މިހާރު އެންމެ ގިނައިން ރައީސް ގެ ފަރާތުން ލިބޭ މެސެޖަކީ”އައިމް ވެރީ ޑިސިޕޮއިންޓެޑް”ކަމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވެއެވެ. ގާނޫން އަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަމަލު ކުރަމުން ގޮސްފައިވާ އުސޫލުން ނަމަ މަޖިލިސް މެމްބަރުން ކޮންމެ ފަޅިއެއްގައި ތިބި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކަން ކޮށްފައިވާ ގޮތެވެ. 

ރައްޔިތުންގެ މަޖިލިހާއި އަތޮޅު ކައުންސިތަކާއި ރަށުކައުންސިލްތަކާއި އަންހެނުން ކުރިއަރުވާ ކޮމެޓީ ތަކަކީ އެއްބައެއްގެ ގޮތުގައި ގެންގުޅުމުގެ އެއް ނާރެހެވެ. ނަމަވެސް، މުއީޒު ތަފާތު ދައްކައިފިއެވެ. “މޯޑީ ހޭތޯ ހޯގާ” ބުނެ އަވަށް ޓެރި ގައުމެއްގެ ކެމްޕެއިން ކުރި ގޮތަށް ރާއްޖެވެސް ބަދަލުވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަ ބިނދުނީއެވެ. އަތޮޅު ކައުންސިލް ނިޒާމުން ގެއްލުނީއެވެ. ރަށު ކައުންސިލްތައް ދަތްނެތް ސިންގާއަކަށް ބަދަލުވީއެވެ. ސިޓީ ކައުންސިލްތަކަކީ ސަރުކާރާއި ސީދާ މުއާމަލާތް ކުރެވޭ ތަންތަނެއް ނޫނެވެ. ހައްގެއް ހޯދަން ދާނެ ތަނެއް ނެތެވެ. 

މިއަދުގެ ހަގީގަތަކީ މަޖިލިހާއި ސިޓީ ކައުންސިލާއި ރަށު ކައުންސިލާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރަން ހޮވާ މީހުންނަކީ ހަމައެކަނި މުސާރައަކަށް ދާ ތަންތަން ކަމުގައިވުމެވެ. އާއިލާތަކުގެ ބޮޑުކަމާއި ސަރުކާރުން ވޯޓާއި ތާއީދަށް މޮޑޭ ފުށްގަނޑަކަށް ވީއެވެ. ރައްޔިތުންގެ މަޖިލިހަށް ލިބިދީފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ދޫކޮށްލާ ސަރުކާރުގެ މެމްބަރުންނަށް ވާން އެއްބަސްވެ ބަޖެޓު ހެދުމުގެ އުސޫލުތަކާއި ހިލާފަށް ފާސްކުރަން އެއްބަސްވި ހިސާބުން ސަރުކާރުގެ މަޖިލިސްމެމްބަރުންގެ ބާރު ގެއްލުނީއެވެ. އަތޮޅު ތަކުން ސަރުކާރަށް ކާމިޔާބީތަކެއް ނެތްކަން އެގުނު ހިސާބުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ހުދުމުހުތާރު އަމަލެކެވެ. އެހެންނަމަވެސް މިއީ މިއަދުގެ ހަގީގަތެވެ. 

އިންތިހާބެއްގެ ބަހާރު މޫސުމް އައީއެވެ. ސަރުކާރުން ބުނީ ސަރުކާރު ފަޅީގެ މަޖިލިސް މެމްބަރުން ހޮވީމާ އަތޮޅުތަކާއި ރަށްތައް ތަރައްގީ ވީއެވެ. ވީވައުދުތައް ނޯޓު ކޮށްލި މީހަކު ނެތެވެ. ސަރުކާރު މަޖިލިސް މެންބަރުންވެސް ތިބީ 50،000ރ ނޫނީ 75،000ރ އަށްތޯ ކޮލިފައިވަނީ އަމިއްލައަށް ސުވާލު ކޮށްލަކޮށްލައެވެ. ބިރުން ވިރިވިރި އެވެ. ކާކުދެކެ ތޯއެވެ. ވަލީއުލްއަމުރެވެ. ރާއްޖޭގެ ރައްޔިތުންގާތު އާދޭސް ކޮށްގެން ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި ވާގޮތަށް ވެރިކަން ކޮށްދޭނެ ކަމަށް މާތް ކަލާނގެ ގަންދީ ހުވާކުރަމުން ވެރިކަމުގައިހުރި ހާދިމެއް ދެކެއެވެ. އާނ އެކެވެ. ވެރީންނަކީ ރައްޔިތުންނެވެ. އެ ހައްގު ގެއްލުވާލެވުނީއެވެ. ސަރުކާރުގެ ބަސްތަކާއި އަމަލުތަކުން އެގެނީ ރައްޔިތުންނަކީ ޗާބީ ދީފައި ދޫކޮށްފައިވާ ބުދު ތަކެއް ކަމެވެ. އާރެއް ބާރެއް ނެތް ބައެއްކަމެވެ. 

ރައްޔިތުން ގެ މަޖިލިހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނުން މަނާބައެކެވެ. ދައުލަތް ބޮއްސުންލިއަސް ގައުމު ބަނގުރޫޓުވިއަސް އެއްޗެއް ނުބުނެވޭނެއެވެ. ކައުންސިލް ތަކުގެ ހައިސިއްޔަތު ރައީސް ހާމަ ކުރެއްވީއެވެ. ސަރުކާރުން ރަށްރަށުގެ ރައްޔިތުންނާއި މެދު ކުރާނެ އުންމީދެއް އޮވެގެން ނުވާނެކަމެވެ. 2024އިން ފެށިގެން މަޖިލިހަކީ ސަރުކާރު މެމްބަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. ކައުންސިލް މަގާމުތަކަކީ ސަރުކާރު ކައުންސިލަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. އެއްވެސް ޒިންމާއެއް ނެތެވެ. ސަރުކާރުން އަންގާ ގޮތަށް އަމަލު ކުރުމަކީ އަސާސީ ޒިންމާއެވެ. ގާނޫނީ ޒިންމާއެއް ނެތެވެ. މާލޭ ސިޓީ ކައުންސިލުގައި އެޖެންޑާ ކުރާ ކަންކަމަށް ބަލާ ސަރުކާރު ފަޅިއަށް ތާއީދު ކުރާ މެމްބަރުންގެ ކަމަކީ ވޯކް އައުޓު ކުރުމެވެ. 

ގޮތް ނިންމާނީ ރައްޔިތުންނެވެ. ގާނޫނުތަކުން ހަވާލުކޮށްފައިވާ ޒިންމާ އުފުލާނެ ރައްޔިތުންގެ މަޖިލީހެއް މިއަދު ނެތްކަމަށް ބުނުން ޖާއިޒެވެ. ރައީސް މުއިއްޒު ބަސް އިއްވައިފިއެވެ. ކައުންސިލް ތަކަކީ ސަރުކާރުގެ ފަރާތުން ކަމެއް ވާނެ ކަމަށް އުންމީދު ކޮށްގެން ވާނެ ބައެއް ނޫން ކަމެވެ.

ރައްޔިތުން ތަމްސީލު ކުރާން މަޖިލީހަށް މި ދަނޑިވަޅުގައި ވަދެ ތިބި އިދިކޮޅު މެމްބަރުންނަށް ޝުކުރު ހައްގެވެ. އަދި ކައުންސިލް ތަކުގެ ތެރެއިން ވާދަވެރި ވިސްނުމުގެ މެމްބަރުންގެ ހިދުމަތްތަކަށް ޝުކުރު ހައްގެވެ. ހަމަ ކަށަވަރުންވެސް ކަމެއް ނުވާނެ ބަޔަކަށް މުސާރަ ދީފައި ކައުންސިލް ތަކަށް ބަޔަކު ވައްދާނީތޯ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާނެ ބަޔަކު ހޮވާނީތޯ މިއީ މިއަދުގެ ސުވާލެވެ. ހުދުމުހުތާރު ވެރީންގެ ކުރިމަތީ ހައްގުބަސް ބުނުމަކީ މަތިވެރި ޖިހާދެކެވެ