ރައީސް ޔާމީން މިނިވަންކުރާ މަގުޗާޓް ކުރެހިއްޖެ!؟
ފޮނިބައިސާ ތަކާއި ދޮގު ހުސް ހޮޅި ވައުދު ތަކުގައި ދިވެހިން އޮޔާލުން
ދޫވެހިން ކަނޑުއަޑީ ޓަނަލުން ގޮސް ރަސްމާލެއަށް ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލަނީ ތޯއްޗެކެވެ. އެހެންވެއްޖެ ނަމަ، 11 އަހަރުގެ ހުކުމް ހަމަވިޔަސް ރައީސް ޔާމީން ހުންނަވާނީ ބަންދުގައެވެ.
ދޮގުހެދުމަކީ ވޯޓުން މަޖިލިސް ގޮނޑިތައް ވެސް ކަހާލެވޭނެ ކަމަކީ ތާއެވެ. ބަޔަކު މޮޔައެއް ނުވާނެ ހެެއްޔެވެ؟ ހުވާ ކުރާގޮތަށް މިނިވަން ކުރަން ވައުދުވި ރައީސް ޔާމީނު ބަންދުގައެވެ. ވެރިކަމަށް އަރާ ގޮތަށް ބާލަން ބުނި ހަތިޔާރު އެޅި 2 ހާސް އިންޑިއާ ސިފައިން ވީތަނެއް ނޭނގެއެވެ. ރޯދައަށް ހެޔޮއަގުގައި މުދާކޮޅެއް ގަންނަން ވިޔަފާރި ވެރިޔަކަށް އަދި ބޭރުގައި ހުރި ކިޔަވާ ކުއްޖަކަށް ފޮނުވަން ފަސޭހަ ރަހުމަތަކުން ގަނެވޭނެ ޑޮލަރެއް ބޭންކުގައި ހުރީއެއް ނޫނެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފަތުއަޑު ކިޔާފައި އުފުލެނީއެވެ.
ފެންފޮދެއް ވެހިލައިފިއްޔާ ރަށުއެންމެން އުނަގަނޑުތާ ފެނުގައެވެ. ފެން ހިނދިއްޖެއްޔާ މަގުތަކުގައި ބުޅާ ގުޔެވެ. ބާނާ މަސް ކިރުވައެވެ. ދޭނެ ލާރިއެއްނެތި މަސްވެރިންނަށް ސަރުކާރު ދަރައެވެ. މުސާރަ ނުދެވިގެން ކުންފުނިތަކުގައި ތިބި ނިކަމެތި މުވައްޒަފުން ކަނޑާ މަގުމަތި ކުރަނީއެވެ. ބޮޑުބައްޔެއް ވެގެން ފަރުވާއަށް މާލެ ގެންނަން ޖެހިއްޖެ ނަމަ ފުރާނަ އާ މާތްރަސްކަލާނގެއާ ވަކީލެވެ. ރަށްރަށުގައި ހިންގި މަޝްރޫއުތައް ހުއްޓިފައެވެ.
އެކަމަކު ފުންކަމާ ގަދައޮޔާ މޫސުމީ ސިންގާތަކެއް ފަދަ ބިޔަ ރާޅުނަގާ ވާދޫ ކަނޑު އަޑިން ބިއްލޫރި ޓަނަލެއް ދަމާ މާލެއާ ބިޔާދޫ އަތޮޅު ކަނޑު އަޑިން ގުޅާލަން ރައީސް މުއިއްޒު އެއޮއް ވަޢުދުވީއެވެ. ވައިސަރީއެވެ.
މިހިރައިވޭ ފޮނިބައިސާ ތަކާއި ދޮގު ހުސް ހޮޅި ވައުދު ތަކުގައި ދިވެހިން އޮޔާލާ ގެއްލި ހަލާކުވާން ކުރިމަތީގައި ދެން އޮތީ މިއަވާގައި ޖެހިގެން މަޖިލިސް ވޯޓު ސަރުކާރުން ދައްކާ ކެންޑިޑޭޓުންނަށް ދިނުމެވެ.
ހަމަ މިހެން ކެއްކި ހިޔާލީ ފޮލައާއި ބުއި ބޮނޑިން ތަލިފިހި އެދިލައިގާ އަނގަ ހުޅުވިފައި ތިއްބާ، އަނެއް އިންތިހާބަށް އަނެއް ތެލިވަރުތައް ކައްކަން ފެށީއެވެ.
ކުށުގެ ރެކޯރޑްގެ ކެންޑިޑޭޓުން ގިނަވެ ފިތުނަ ފަސާދަ ބޮޑުވެ، އިހުލާސްތެރިކަން ކުޑައޭ ބުނެ ވާދަކުރުން މަނާކުރި މީހުން ނުކުރާ ކުށަށް ރައީސްގެ ހެޔޮފުޅު ކަމުން މެންދުރުފަހު މާފު ދިނީމާ ހާދަހާވާ ރަނގަޅެވެ. ކިޔޭ ނުކިޔޭ އެއް، ހެދޭ ނުހެދޭއެއް އެބަ އެނގޭ ހެއްޔެވެ؟
ރިޔާސީ އިންތިހާބުން މޮޅުވާން ހެދި ދޮގުގިނަވެފައި ބިޔަ ކަމުން މަޖިލިސް އިންތިހާބަށް ހަދާ ތެދުވެސް ދޮގަށްވެ މީހުންތައް ސަރުކާރު ދެކެ ފޫހިވަމުން ދަނީ އަމަށަކު ވަރަކަށް ނޫނެވެ.
އެންމެ މޮޅުގޮތެއް ކަމަށް ފެންނަނީ ކެމްޕޭނު ނުކޮށް އަރާމުގައި ތިބެ މިހާރު ތިޔަ ހަދާ ގޮތަށް ހޮވުނީމާ ހޮވޭ މީހާ ގަންނާނީއެވެ. އޭރުން ކުރަންޖެހޭ މަސައްކަތް ކުޑަވެ ހައްޓަށް ލުއިވެ ހިނގާ ހަރަދު ވެސް ކުޑަވާނެއެވެ.