ރާއްޖޭގެ މިޒަމާނުގެ ކޮރަޕްޝަންގެ ބައްޕައަކީ ޔާމީނު
ދޫވެހި ޓަވަރާއި ނަސަންދުރައަކީ ޔާމީނުގެ ހިޔާނާތުގެ ރަމްޒު

ރައީސް ޔާމީނު ދައްކާ ވާހަކަތަކުން ޔާމީނަކީ ދުވަހަކުވެސް ވެރިކަން ކުރި މީހެކޭވެސް ހީނުވެއެވެ. ކޮރަޕްޝަނާއި ފަސާދައަކީ ރައީސް ޔާމީނު ދަންނަ ކަމެކޭވެސް ހީނުވެއެވެ. އަނިޔާއާއި ބޭއިންސާފުގެ އަޑުވެސް ނާހާ ކަހަލައެވެ.
ދިވެހި ދައުލަތް ދަރުވާލުމުގައި ރައީސް ޔާމީނުގެ އެއްވެސް ހިއްސާއެއް ނެތްކަން ދައްކަން އެދައްކާހާ ވާހަކައަކީ ބޮޑުވެގެންވާ ދޮގެކެވެ. އޮޅުވާލުމެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ވެސް ޔާމީނުގެ ބައިވެރިވުމެއްނެތި އަދީބާއި ޒިޔަތު ހިންގާ ނިންމާލި ކަމެއްކަމަށް ގަބޫލުކުރުވަން ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަން ގަބޫލެއް ނުކުރެވެއެވެ. ޔާމީނުގެ އާރާބާރުގައި ޔާމީނު ނުކުރުވާކަމެއް ޔާމީނުގެ ވަޒީރަކަށް ނުކުރެވޭނެކަން އެނގެނީ މިހާރު މުއިއްޒާ ގުޅުވައިގެން ޔާމީނު އެ ދައްކާ ވާހަކައިންނެވެ. ފަޒުލް ދައުލަތުން ކުރިވައްކަން މުއިއްޒުގެ އިރުޝާދަށް ބައިއަޅައިގެން ކުރިކަމަށް ވަންޏާ އެމްއެމްޕީއާރުސީ އާއި ޖެހުނީމާ އަދީބުގެ އެކަނި ކަމަކަށް އެކަންވަނީ ކީއްވެހެއްޔެވެ.
ހަގީގަތުގައި މިޒަމާނުގެ ރާއްޖޭގެ ކޮރަޕްޝަނާއި ފަސާދައިގެ ބައްޕައަކީ ރައީސް ޔާމީނު ކަމަށް މީހުން ގަބޫލުކުރީ އިއްޔެއަކު މިއަދަކު ⁰ނޫނެވެ. 2013ގައި ރާއްޖޭގެ ވެރިކަން ލިބުމުގެ މާކުރިއްސުރެ ޔާމީނުގެ ނިއްކުރީގައި ކޮރަޕްޝަނާއި ހިޔާނާތުގެ ސިއްކަ ވަނީ ޖެހިފައެވެ. ރައީސް މައުމޫނުގެ ވެރިކަމުއްސުރެ ޔާމީނުގެ ހިޔާނާތްތެރިކަން އޮތީ ދައުލަތުގެ ތެރޭގައި މޫލާފައެވެ.
800 މިލިޔަން ޑޮލަރގެ ތެލުގެ ވަގު ވިޔަފާރީގެ ވާހަކައަކީ ރައްޔިތުންގެ ތެރޭގައި ދެއްކި ހިޔާލީ ވާހަކައެއް ނޫނެވެ. އެސްޓީއޯ ސައިފަތް ދަޑުގެ ހިޔާނާތަކީ ނުހިނގާ ކަމެއް ނޫނެވެ. އެފްއެސްއެން އުފެދިގެން އައިގޮތާއި އެކަމުގެ ވަށައިގެން ހިނގާ ދިޔަކަންކަމަކީ ގިނަ ބަޔަކު ދަންނަ ވާހަކައެކެވެ.
އެމެރިކާގެ ކަރުދާސް ކުންފުންޏަކާއެކު ހިންގަންއުޅުނު ގައުމީ އިންސުއަރެންސް ސްކީމަކީ މަދަނަ އުފެދެން ދިމާވި ސަބަބެވެ. ރާއްޖެއަށް އިންސާނީ ވަގުފާރި ތައާރަފްކޮށް ނިޒާމުގެތެރެއިން ހިންގާ ކަޓްނަގާ އެންމެ ބޮޑު ވަގުވިޔަފާރިއަށް ބޭރުން މީހުން އެތެރެކުރުން ހެދިއެވެ.
މުޅި ދައުލަތް ވައްކަމުގެ ނިޒާމަކަށް ބަދަލުކޮށްލީ ޔާމީނުގެ އިގްތިސޯދީ ވަޒީރުކަމުގައެވެ. އެސްޓީއޯއާއި ސްޓެލްކޯ ފަދަ އެސްއޯއީ ތަކަކީ ރައްޔިތުންނާއި ދައުލަތުގެ މިލްކިއްޔާތު ފެލައިގެން އަމިއްލަ ޖީބަށް ބޮޑުކުރާ މެޝިންތަކަކަށް ބަދަލުކޮށްލީ ސީދާ ޔާމީނެވެ.
ރާއްޖޭގެ ވެރިކަމަށް އައުމުގެ ކުރިން މުޅި ދައުލަތް ވަގުންގެ މެޝިނަރީއަކަށް ބަދަލުކޮށް ރައީސް މައުމޫނުގެ ވެރިކަން ނިންމުވާ ރައީސް ނަޝީދު ވެރިކަމުން ވައްޓާލާ ރައީސް ވަހީދު ހައިޖެކްކޮށްގެން ވެރިކަން ޔާމީނު ހޯދީ މުޅި ދައުލަތް ދަވާލާށެވެ. ރަށްތަކާއި ފަޅުތަކާއި ފަރުތަކާ އަދީބުމެން މެދުވެރިކޮށް ވިއްކާ ބައިއަޅައިގެން ބަހާ ވަގުގަ ވަގުހިފީއެވެ.
މެގަ ޕްރޮޖެކްޓް ހިންގުމަށް ނެގިހާ ބޮޑެތި ލޯނުތަކުގެ ބޮޑުބައި ފެން ފޮދަކާވެސް ނުލާ ދިރުވާލީއެވެ. ބްރިޖޭ ދަރުމަވަންތަ ހޮސްޕިޓަލޭ ހިޔާޓަވަރޭ އެއަރޕޯޓޭ ކިޔާ އަނގަފުޅާ ކުރަން އިންނަ ދޫވެހި ޓަވަރާއި ނަސަންދުރައަކީ ޔާމީނުގެ ހިޔާނާތުގެ ރަމްޒެވެ.