މުޅި އެމްއެމްއޭ ފާޅުގައި ތެދުވެ މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ!

މުޅި އެމްއެމްއޭ ފާޅުގައި ތެދުވެ މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ!

މިހާރަކު ރާއްޖެއަކީ ގާނޫނުގެ ހުކޫމަތު ހިނގާ ތަނެއް ނޫނެވެ. ގާނޫނާއި ގާނޫނުގެ ހަމަޔަކީ ވެރިމީހާއާއި އޭނާގެ އައުވާނުން ކުރާނެ ގޮތަކަށް ކުރާނެކަމެއް ކުރަން އޮތް އެއެްޗަކަށް ވުމުން ނުވެނުދާނެ ހުރިހާ ގޮތެއް މިހުރެގެން ވަނީއެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުން ހިންގާ ޖަރީމާތައް ފެންމަތި ވީވީހެން ދައުލަތުގެ ތެރޭގައި ތިބި ނަޒާހަތްތެރިންނަށް ނާމާންކަމާ ބިރުވެރިކަން ވާނީ ބޮޑެވެ. 

ބާރަށު ޝުޖާއުގެ ފަސާދައިގެ ކުޑަ މިންވަރެއް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭކަން ތަހުގީގީ އިދާރާތަކަށް ތަފްސީލް ރިޕޯޓަކާއެކު ހުށަހެޅުމުން ކަހާތަން ހިރުވާނުލާ އެތައް ދުވަހެއް ވަންދެން އެމީހުން އެ ތިބީ ދެނަހުރި ކަމަށް ނުހަދައެވެ. ހާމަވީ ގޮތަކަށް މަރުކަޒީ ބޭންކްގެ އިންޓެލިޖަންސް ޔުނިޓްގެ ރިޕޯޓް ހާމަވުމުން ވެސް ޝުޖާއު ހިފާ ހައްރު ކުރުމުގެ ބަދަލުގައި އެއްފަރާތްކޮށްލީ އެމްއެމްއޭގެ އިންޓެލިޖަންސް ޔުނިޓްގެ ވެރިޔާއެވެ. 

ލޯތަކުގައި އަނދުން އަޅުވާލުމަށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނޭ ނިކަން ބާރަށް ތަހުގީގީ އިދާރާތަކުން ބުނެލުން ނޫންކަމެއް ނުކުރެއެވެ. މުއިއްޒު ބޭނުން ވީމާ އިމިގްރޭޝަން ޝައްމާނުގެ މައްސަލަ ރޭނިދި ނުނިދާ ތަހުގީގުކޮށް އޭނާ ނޮޅާ ކަށިކާލެވުނަސް ގުންފައި ޖަހާފައި ފުލުހުން ބަލަންފެށި އެޗްޑީސީ ފަޒުލްގެ މައްސަލަ ދުއްވާލިހެން ޝުޖާއުގެ މައްސަލަވެސް ދާނީ ތޮޅިއަށެވެ. 

ބާރަށު މެންބަރު ޝުޖާއުގެ މައްޗަށް ކިތަންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް ކިތަންމެ ވަރުގަދަ އިންޓަލިޖެންސް ރިޕޯޓެއް އޮތަސް ޝުޖާއަށް އެޅޭނެ ފިޔަވަޅެއް މިވެރިކަމެއްގައި ނުއޮންނާނެއެވެ. ތަހުގީގީ އިދާރާތަކުގެ އިތުބާރު ގެއްލުނަސް މަރުކަޒީ ބޭންކްގެ ސުއްދާނު ނުހިފުނަސް މުއިއްޒާއި ސިފައިންނާއި ފުލުހުންނާއި ކޯޓްތަކަށް ވަރިހަމަ ވާނެއެވެ. 

ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ މަރުކަޒީ ބޭންކަކީ މުއިއްޒުގެ ބަންގާޅު ބޮޑުފޮއްޓަށް ހެދުމުން ގޮރުނަދޯރުގެ ނަޒާހަތުގެ ވާހަކަ ވެސް ރަގަޅުވާނީ ނުދެއްކުމެވެ. އެތާކު މިހާރަކު ސާޖިދާ ނޫން މީހަކު ގޮރުނޮދޯރަކަށް ބަހައްޓާނެ ކަމެއްވެސް ނެތެވެ. 

މަރުކަޒީ ބޭންކުގައި ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސް ހުރި މީހަކު ބަހައްޓާނެ ކަމެއްނެތެވެ. އެކަމުގައި މުނައްވަރެއް ހާސިމެއް ގާސިމެއް ތަފާތެއް ނުވާނެއެވެ، ދުނިޔޭގެ ހަމަލަމައާއި އެއްގޮތަށް ކަމެއް ކުރެވިދާނެއޭ ހިތާ އެކަމާ މީހަކު އުޅޭކަށްވެސް ހެޔޮނުވާނެއެވެ. 

ފަންނުވެރި ހަމަލަމަ ގަބޫލުކުރާ މީހަކު މަނިޓަރީ އޮތޯރިޓީގައި މިހާރު ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެކަހަލަ މީހަކު ހުއްޓަސް އެމީހަކު އަމިއްލަ ހާލައިގެން އަވަހަށް ސަލާމަތް ވުމަށްވުރެ މޮޅު އެއްވެސް ގޮތެއް ނެތެވެ. ދުވަހެއްގެ ކޮޅުންވެސް ތިމާއަށް މީހެއްގެ އިތުބާރާއި އިހުތިރާމް ހޯދަން ބޭނުން މީހަކު އަވަހަށް އެމްއެމްއޭއިން ވަކިވުން ނޫން ގޮތެއް ނެތެވެ. 

ހަމަލަމަ ގަބޫލުކުރާ އެކަކުވެސް މުއިއްޒާއި މުއިއްޒުގެ އައުވާނުންނަށް ކަޅުފައިސާ ދޮވެދީ ދައުލަތް ދަވާލަދިނުމުގެ ބައިވެރިއަކަށް ވާކަށް އެމްއެމްއޭގައި ހުންނަން ހެޔޮނުވާނެއެވެ. ކަމެއް ރަނގަޅު ކުރެވިދާނެކަމަށް އުންމީދުކޮށްގެން ހުރެ ތިމާމެންގެ އަބުރާ އިއްޒަތް ނަގާލާނެކަމެއް ނެތެވެ. އެހެން ނޫނީ ހިއްވަރެއް ހުރިއްޔާ އެމްއެމްއޭގެ ހުރިހާ މުއައްޒަފުން މުއައްސަސާގެ ދިފާއުގައި ތެދުވާށެވެ. އެކިކަހަލަ ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒުގެ ސުންބުއްޔަށް މަރުކަޒީ ބޭންކު ހަދާ ހެދުން ހުއްޓުވުމަށް މުޅި އެމްއެމްއޭ ތެދުވެ މުއިއްޒަށް ނޫނެކޭ ނުބުނެ ވާކަށްނެތެވެ.