ނަޒާހަތްތެރި އިލްމީ ފަނޑިޔާރުން ވަކިކުރުމަކީ ގައުމަށްދޭ އެންމެބޮޑު އަނިޔާ!

ޑރ މުއިއްޒު ރާއްޖެއަށް ސިލްސިލާކޮށް އަނިޔާތަކެއް ދަނީ ކުރަމުންނެވެ. މުއިއްޒުގެ ސިލްސިލާ އަނިޔާތަކުގެ ތެރެއިން ދެމުންދާ އިއާދަ ނުކުރެވޭނެ އެންމެ ބޮޑު އަނިޔާއެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވަނީ ނަޒާހަތްތެރި އިލްމީ ފަނޑިޔާރުން މަގާމުން ދުރުކުރުމެވެ. ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ހުކުމްޖަހާ ފަނޑިޔާރުން މަގާމަށް އިސްކުރުމެވެ.
މުއިއްޒު ވެރިކަމަށް އިސްވީއިރު ރާއްޖޭގެ ސްޕްރީމް ކޯޓުގައި ތިބެއްވި 7 ފަނޑިޔާރުންނަކީ ރައްޔިތުންގެ އިތުބާރު އޮތް ނަޒަހާތްތެރި ބައެއް ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ދުއްޓެވެ. ރާއްޖޭގެ ސްޕްރީމް ކޯޓާ ކުޅުން އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭ ކަމަށް މަޝްހޫރު ގާނޫނީ މާހިރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވެއެވެ.
ފަނޑިޔާރު ސުއޫދަކީ ސްޕްރީމް ކޯޓްގައި ހުރި އެންމެ ވަރުގަދަ ގާނޫނީ ސިނކުޑިކަމަށް ޑރ. ޖަމީލު ސިފަ ކުރައްވާފައިވެއެވެ. ވުޖޫދުގައި ނެތް ކަަމެއް އުފައްދައިގެން ސްޕްރީމް ކޯޓްގެ ބެންޗާ މުއިއްޒު ކުޅެލީ ހުސްނުއްސުއޫދާއި އަޒްމިރަލްދާއާއި މަހާޒުގެ ނަޒަހާތްތެރިކަން ގެއްލިގެނެއް ނޫނެވެ. ފަނޑިޔާރުކަމަށް ކުފޫ ހަމަ ނުވެގެނެއްވެސް ނޫނެވެ.
ނެތް މައްސަލައެއް އުފައްދައިގެން ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަދެލަން މުއިއްޒު ބޭނުން ވެގެންނެވެ. ހިރެނުލެވޭ ވަރަށް މެންބަރުން ޗޭނުޖަހައި ގެންގުޅެން ބޭނުން ވީލެއް ބޮޑުކަމުންނެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި މުއިއްޒު އަތްދަށުގައި ހިތުހުރި ގޮތަކަށް ބޭއްވޭނީ ރައްޔިތުންގެ މަޖިލިސްް ބްލެކްމެއިލް ކޮށްފައި ބާއްވައިގެން ތާއެވެ.
މުއިއްޒު ހުރި ނުބައި ނުލަފާކަން ދެކިބަލާށެވެ. އެކަންކަމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ދެނަހުރި ކަމަށްވެސް ނުހަދާ ކޮންމެ ކަމެއް ހަދާލީ އިއްތިފާގަކަށެވެ. ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްކުރި ކަމެއް މުއިއްޒަކަށް ނޭގެއެވެ. ގޮނޑިގެއްލޭ މައްސަލައިގެ ޝަރީއަތެއް ސްޕްރީމް ކޯޓުގައި ހިގާކަމެއް ޖޭއެއްސީއަށް ކަނޑައަޅާ މެންބަރު ބަދަލު ކުރެވުނު ކަމެއް ތިންފަނޑިޔާރުން ސަސްޕެންޑް ކުރިކަމެއް މުއިއްޒަށް އެގޭކަމަށް ވެސް ނުހެދިއެވެ. ހުސްވެސް އިއްތިފާގެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހަކަށް ގައުމުގާ ހިނގާ އެވަރުކަން އެނގޭނީ ނޫސްތަކުން ކަމަށްވީމާ އަވަހަށް އިސްތިއުފާދީފާ ޖެހޭނީ ގެއަށް ކަނޑާލާށެވެ. ނޫނީ ޖެހޭނީ އަޒުލް ކުރާށެވެ.