ޖޭއެސްސީ އިސްލާހުކޮށް ކޯޓަށް ނުފޫޒު ފޯރުވުން މުއިއްޒަށް ހުއްޓުވިދާނެބާ!

ވެރިކަން ހޯދުމަށް ކުޅުނު ސިލްސިލާ ޑްރާމާގެ އެޕިސޯޑެއް

ޖޭއެސްސީ އިސްލާހުކޮށް ކޯޓަށް ނުފޫޒު ފޯރުވުން މުއިއްޒަށް ހުއްޓުވިދާނެބާ!

2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކުރުމުގެ ވައުދާއެކުއެވެ. ނަމަވެސް ރައީސް އިބްރާާހިމް މުޙައްމަދު ސޯލިހު އެ ވައުދު ނުފުއްދަވާތީއޭ ބުނެ, އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އައީ ފާޑުކިޔަމުންނެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެ ކޮމިޝަނުގައި ތިއްބަވައެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކާއި، އެޓާނީ ޖެނެރަލާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އެ ކޮމިޝަން އޮންނަނީ ނުފޫޒުގެ ތެރޭގައި ތާށިވެ ފިތިބާރުވެފައި ކަމަށް ސިޔާސީ ގިނަ ބޭފުޅުން ވިދާޅުވެއެވެ.

އޭރު އެންމެ އަޑުހަރުކޮށް ވާހަކަދެއްކެވި އެއް ބޭފުޅެެއް ކަމަށްވާ މިހާރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ ރައީސް އިބޫގެ ސަރުކާރުން ޖޭއެސްސީ ވިޔަފާރި ކުންފުންޏަކަށް ހަދާފައިވާ ކަމަށެވެ. ކޯޓުތަކުގައި ހުކުމްކުރައްވަން ތިއްބަވާ ފަނޑިޔާރުންނަށް ހުކުމެއް ކުރެއްވެވެން އޮންނަނީ ކޮމިޝަނުން އެޕްރޫވްދިނީމާ ކަމަށެވެ. މައްސަލައެއް ތާވަލުކުރެވެނީ ވެސް ކޮމިޝަންގެ އެޕްރޫވްއާއެކު ކަމަށެވެ. ވެރިކަން ލިބުނީމާ ކުޅިކުޅެލާނެ ކަމަށް ބުނެ ޝުޖާއު އޭރު ވަނީ ފަނޑިޔާރުންނަށް އިންޒާރު ވެސް ދެއްވައިފައެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާވަލު ނުކުރަނީ ޖޭއެސްސީގެ ނުފޫޒުން ކަމަށް ވެސް މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އޭރު ވިދާޅުވެފައިވެެއެވެ. ޔާމީންގެ މައްސަލައާ ގުޅިގެން, އޭރު ''ދެފަޔަށް ހިނިއަރައިގެން'' އިރުއިރުކޮޅާ ރައީސް އޮފީހަށާއި ހައިކޯޓަށާއި ޖޭއެސްސީއަށް ދުވި މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ޢަބްދުއްރަހީމް އަބްދުއްލާ ވެސް ވިދާޅުވީ އިބޫގެ ސަރުކާރުން ޖޭއެސްސީ އޮތީ ހިސޯރުކޮށްފައި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ޔާމީނަށް ބޭވަފާތެރިވި ''ބައިގަނޑު'' އޭރު އައީ ޖޭއެސްސީއާއި ފަނޑިޔާރުގެއާ ބެހޭ ގޮތުން މިފަދަ މޭރުންތަކުން ވާހަކަ ދައްކަމުންނެވެ. 

އޭރުގެ އިދިކޮޅުން ފާޑުކީ ނަމަވެސް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ރައީސް އިބޫގެ ސަރުުކާރުން ކޮށްފައިވެއެވެ. ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލެއް ވެސް މަޖިލީހަށް ފޮނުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ޖުޑީޝަރީއަށް އަތްބާނައި ނުފޫޒު ފޯރުވުން ނިންމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަކޮށް ހަގީގީ ގޮތުގައި ޒިންމާދާރު ޖޭއެސްސީ އަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި 37 ބިލެއް ފޮނުއްވަން ސަރުކާރުން ނިންމާފައިވާއިރު އޭގެތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލެއް ހުށަހަޅަން ވަނީ ނިންމާފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލެއް ހުށަހަޅަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު މަޝްވަރާކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރުއީ ނިޒާމަށް ބާރު ފޯރުވާ މީހަކު ހުރިނަމަ ސަރުކާރުން ވަކިކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އޭޕްރީލު 15 ގައި ކްރިމިނަލް ކޯޓުން ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ދިވެހި ފުލުހުންގެ ހިޚިދުމަތުގެ އިސްވެރިންތަކެއް އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެފައެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ އިހުސާނާއި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށެވެ. ނަމަވެސް މުއިއްޒު އެކަމެއް ބައްލަވައިފައެއް ނުވެއެވެ. ފިޔަވަޅެއް ވެސް އަޅުއްވައިފައެއް ނުވެއެވެ. 

ކަންމިހެން ހުރިއިރު ސުވާާލަކީ ޖޭއެސްސީ އިސްލާހުނުކޮށްގެން އުޅުނު ބައިގަނޑަށް ވެރިކަން ލިބި މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބި ހުރިހާ ބާރެއް ލިބިފައިވާއިރު ޖޭއެސްސީ އިސްލާހުކުރާނެތޯ އުފެދޭ ސުވާލެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް މުއިއްޒު ވިދާޅުވިޔަސް އެކަން އެގޮތަށް އޮންނާނެތޯ އުފެދޭ ސުވާލެވެ. 

ޖަވާބަކީ ޖޭއެސްސީ އިސްލާހުކުރަން އެ އުޅެނީ ނަމެއްގައިކަމެވެ. މުއިއްޒު އެ ވިދާޅުވާ ''ހަގީގީ މާނައިގައި'' ޖޭއެސްސީ އިސްލާހު ނުވާނެކަމެވެ. ނުކުރާނެކަމެވެ. ކުރުމުގެ ނިޔަތެއް ވެސް ނެތްކަމެވެ.

ޖޭއެސްސީ އިސްލާހުނުކޮށްގެން އޭރު ދެއްކި ހުރިހާ ވާހަކަތަކަކީ މިނިވަންކަން ގެއްލެނީކަމަށް ބުނެ ''އިންޑިއާ އައުޓް'' ކެމްޕޭން ޖެއްސި ފަދައިން ވެރިކަން ހޯދުމަށް އޭރު ކުޅުނު ސިލްސިލާ ޑްރާމާތަކުގެ އެޕިސޯޑެކެވެ.