ހަނދާން ނުނެތޭނެ ފަސާދައާއި އަނިޔާގެ ހަތް އަހަރު
ކޯޓުތަކުގެ ބާރު ކަނޑުވާލާ އިންސާފު ހޯދާދޭ ބަޔަކީ ގޭންގުތައް ކަމުގައި ހަދާފަ
ވޭތުވެދިޔަ ހަތަރު އަހަރުގެ ކުރިން މުޅި ދައުލަތް އޮތީ ހީރަސް ކެނޑިފައި އޮތް ފޮތެއް ހެނެވެ. ގައުމު މިހާލަތަށް ބަޔަކު މީހުން ގަސްދުގައި ވައްޓާލީ މިއަދަކު ނޫނެވެ. މިހާރު މި އޮތް ވެރިކަން ފެށުމުގެ ކުރިން ހިނގި ހަތް އަހަރަކީ ރާއްޖޭގައި ފަސާދައާއި އަނިޔާވެރިކަން ނިހާޔަތަށް ބޮޑު ހަތް އަހަރެވެ. އޭރު ޖެހުނު ތާކުން ޖެހުނު މީހަކު ދައުލަތް ލޫޓުވަނީއެވެ. މުއައްޒަފަކަށް ވަޒީފާގެ ރައްކާތެރި ކަމެއް ނެތެވެ. ސިޔާސީ ބޭނުމުގައި ގުރުބާން ނުކުރާ އެއްކަމެއް ނެތެވެ. އަނެއް ކޮޅުން ދައުލަތުގެ ހުރިއްޔާ ހުރި އެސެޓެއްގައި ވިޔާފާރިކޮށް ބޭނުންކޮށް ބައިއަޅައިގެން ކައިހުސްކޮށް އޮތީ ނިންމާފައެވެ.
ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް ރީތިނަން ވެއްޔާ މޮޑެލާފައެވެ. ދުނިޔޭގެ އެތައް ބަޔަކާ ގުޅުން ކަނޑާލާފައެވެ. އިސްލާމީ ބައެއް ގައުމުތަކާއި ސިޔާސީ އަހުވަންތަ ގުޅުން ރަސްމީކޮށް ކަޑާލާފައެވެ. އެކުވެރި އެހީތެރި އެތައް ގައުމެއް ހިމެނޭ ކޮމަންވެލްތާއި ގުޅުންކަޑާފައެވެ. ޔޫރަޕިއަން ޔުނިއަނާއި އެމެރިކާއާއި އެކުގައި އޮތް ބަދަހި ގުޅުން ހީނަރުވެ އެކަހެރިވެފައެވެ. އެހެން ބައެއްގެ އެހީތެރިކަން ނުލިބޭ ވަރަށް ރާއްޖެ އޮތީ ބާކީ ވެފައެވެ.
ސިޔާސީ ފިކުރު ތަފާތު އެންމެންގެހެން ދިރިއުޅުން ދަތިކޮށްފައެވެ. ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްފައެވެ. ޖަލުގެ އަނިޔާ އާދައިގެ ކަމަކަށްވެ އެތައް ބައެއްގެ ފުރާނަ އުދުއްސާލާފައެވެ. ރިސްވަތާ ފަސާދައިން ކޯޓުތައް ތަގައްޔަރު ކޮށްފައެވެ. މަގުތައް ނާމާންވެ ސަލާމަތުން އެބުރި ގެއަށް ވަދެވޭނެކަމުގެ ޔަގީންކަށް ރައްޔިތު މީހާއާށް ގެއްލުވާލާފައެވެ. މީހުންމެރުމާއި ޑްރަގުއާއްމު ކުރުވާފައެވެ. ކޯޓުތަކުގެ ބާރު ކަނޑުވަލާ އިންސާފު ހޯދާދޭ ބަޔަކީ ގޭންގުތައް ކަމުގައި ހަދާފައެވެ.
މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ކުރިއަށް ނެރެފައެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކެއް ހިންގާ މުޅިދައުލަތުގެ މުސްތަގުބަލު އެކީއެކައްޗަކަށް މޯގޭޖު ކޮށްފައެވެ. ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ފަހުން އަންނަ ބަޔަކަށް މަޖުބޫރު ކުރުވާފައެވެ. ދަރިންގެ ދަރިންގެ މިނިމިންޏަށް ބޯނުހިކޭވަރު ކޮށްލާފައެވެ. ދަރނިވެރި ލޯނުތަކުގެ ބޮޑުބައެއް ބަޔަކު މީހުން ދިރުވާލައި ހަޖަމްކޮށް ނަޖިހަށް ހަދާފައެވެ.
ނުކުރާ އެތައްކަމެއް ކުރިކަމަށް ހަދާ ބިލިޔަން ބިލިޔަނުން ޖީބުތަކަށް ގަންބާ ފުރާފައެވެ. ހަމައެއް ލަމައެއްނެތި އިންސާނީ ވަގުފާރި އާއްމުކޮށްފައެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅުމަށް ދޫކޮށްލާ އާއްމު ކުދި ވިޔަފާރިތައް ބިދޭސީ ލޭބަރުންގެ އަތްމައްޗަށް ފޮރޮޅާލަ ދީފައެވެ.
ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނެވެ. ލަފާފުރޭނެ ފަދައެއް ނެތިފައި ސަތޭކައަށް ވުރެ ގިނަރަށް އޮތެވެ. ފަޅެއް އޮތްނަމަ ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ގިނަ ރަށްރަށަށް ކުރިމަތިވެ ތިބީ ގޮތް ހުސްވެފައެވެ. ނަރުދަމާއާއި ސާފުބޯފެނުން ގިނަ ރައްޔަތުން ތިބީ މަހުރޫމުވެފައެވެ. ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމަކީ ގިނަ ރަށްރަށުގައި އާއްމުކަމެކެވެ. ކަރަންޓުލިބުނަސް ލިބެނީ ބަލިމީހަކަށް އައިވީ ދޭ ބީދައިންނެވެ. ސިއްހީ މަރުކަޒުތައް ހުންނަނީ ނަމެއްގައެވެ. ފަރުވާދޭނެ އާލާތް ހުރިއްޔާ ޑޮކްޓަރެއް ނުހުރެއެވެ. ޑޮކްޓަރަކު ހުރިއްޔާ އާލަތެއް ނުހުރެއެވެ.
މިހާރު އެހެންތޯއެވެ. ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ހާދަހާ ހިކުމަތްތެރިއެވެ. ހާދަކެއްތެރިއެވެ. ހާދަ ދުރުވިސްނަވައެވެ. ތަފާތު ސިޔާސީ ވާދަވެރިން ބައިވެރި ކުރައްވައިގެން ސަރުކާރު ހިންގަވަމުން އެގެންދަވަނީ ފިސާރި މޮޅަށެވެ. ސިޔާސީ ފިކުރު ތަފާތު ވުމަކީ އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫންކަން އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އިންސާނީ ހައްގާއި ގައުމީ ކަރާމާތް ނަގަހައްޓަވާ ދަމަ ހައްޓަވަމުން އެގެންދަވަނީ އަޖައިބެއްހާ މޮޅަށެވެ.