އެފްރިކާ ބައްރުގެ އެންމެ މުއްސަދި އަންހެނާ ހޯދަންފަށައިފި
އެފްރިކާ ބައްރުގެ އެންމެ މުއްސަދި އަންހެނާ އިޒިބެލް ޑޮސަންތޮސް އަކީ އެންގޯލާގެ ކުރީގެ ރައީސްގެ ދަރިކަބަލުން.
ދުނިޔޭގެ ފުލުހުންގެ އޭޖެންސީ އިންޓަޕޯލުން އެންގޯލާގެ ވިޔަފާރި ޓައިކޫން އިޒަބެލް ޑޮސަންތޮސް ހޯދުމަށް އިއުލާނުކޮއްފިއެވެ. އިންޓަރ ޕޯލްގެ ރެޑް ނޯޓިސްގައިވަނީ ހިފާ ހައްޔަރު ކުރުމުގެ އަމުރެއް ނޫންކަމަށް ރޮއިޓާސްއިން ހަބަރުދެއެވެ. ބުދަ ދުވަހު އިންޓަރޕޯލްއިން ނެރުނު އަމުރުގައިވަނީ އިޒަބެލް ޑިސަންތޮސް އުޅޭތަނެއް ހޯދާ ލޮކޭޓުކުރުމަށާއި ގާނޫނީ ފިޔަވަޅު އެޅުމާއި އެންގޯލާއަށް ފޮނުވާ ދިނުމެވެ.
އެންގޯލާގެ ޕަބްލިކް ޕްރޮސިކިއުޓަރ ހެލްޑަރ ޕިއްޓާ ގްރޮސް ރިޕޯޓަރުންނަށް ދިން އިންޓަވިއުގާ ބުނެފައިވަނީ އެންގޯލާ ސަރުކާރުން 49 އަހަރުގެ ވިޔަފާރިވެރިޔާ ބަންދުކޮއްގެން ގެނައުމަށް އިންޓަޕޯލްގައި އެދިފައިވާނެ ކަމަށެވެ. އޭނާގެ މައްޗައް ސަރުކާރުން ވަރަށްގިނަ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.
ޑޮސަންތޮސް ބުނަމުން ދަނީ އޭނާގެ މައްޗައް ކުރާ ތުހުމަތު ތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއްވެސް ހަގީގަތެއް އެކުލެވޭ އެއްވެސް ދައުވާއެއް ކޮއްފައި ނެތްކަމަށެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި ހުރި އެންމެ މުއްސަދި މީހާއެވެ. އަދި އެފްރިކާ ބައްރުގައި ހުރި އެންމެ މުއްސަދި އަންހެން ވިޔަފާރިވެރިޔާއެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި 2017 ވަނަ އަހަރާއި ޖެހެންދެން ޖުމްލަ 38 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ޖޯސް އެޑްވާޑޯ ޑޮސަންތޮސްގެ ދަރިކަބަލުންނެވެ. އެންގޯލާގެ ކުރީގެ ރައީސް ޖޯސް އަވަހާރަވުމަށް ފަހު ޖޯސްގެ މުދާތައްވެސް ލިބިފައިވަނީ އިޒެބެލް އަށެވެ.
އެންގޯލާގެ ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ޑޮލަރުގެ ހިޔާނާތް ވެފާވާ ކަމަށް ތުހުމަތު ކުރިއެވެ. އަދި އެންގޯލާގެ ތެޔޮ ކުންފުނި ސޮނަންގޯލްއިން ވެސް އެ ކަމަނާގެ ބައްޕާފުޅުގެ ވެރިކަމުގައި ވައްކަން ކުރިކަމަށް ތުހުމަތު ކުރެއެވެ. 2020ވަނަ އަހަރު އިޒެބެލް އާއި އިޒެބެލްގެ ފިރިކަލުންގެ މައްޗައް ކަރަޕްޝަންގެ ތުހުމަތު އުފުލުނެވެ.
ސީއެންއެން ޕޯޗްގަލް އަށް އިޒިބެލް ޑޮސަންތޮސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުފައިވަނީ އެންގޯލާގެ ކޯޓުތައް މިނިވަން ނޫން ކަމަށާއި ފަޑިޔާރުން ހުކުމް ކުރަނީ ސިޔާސީ ވެރިން ހިތް ރުއްސަން ކަމަށެވެ. އިޒެބެލްގެ އާއިލާ ފިލައިގެން ގޮސް ދިރިއުޅެމުން ދަނީ ކޮން ގައުމެއްގައިކަން އަދި ވަނީ ކަށަވަރުނުވެއެވެ. ޕޯޗަގަލް، އިގިރޭސިވިލާތް އަދި އޫއޭއީއަށް ވެސް ދާދި ފަހުން ދަތުރު ކުރި ކަމަށް ނޫސްތަކުން ބުނެއެވެ.