ބަތްޕާރުސަލުގެ ދިފާއުގައި އިދިކޮޅުން ބަބުރަށް އެރުން.
އޮންނަން ޖެހޭ ސުލޫކު ނެތި ރުގުޔާ ކުރެވިގެން ފޮނުވި ޕާރުސަލެއް؟
ގުރްއާނާ ބެހޭ މަރުކަޒުގެ ބޮޑަކަށް އުޅުއްވި އަޒީބެއަކީ ޔާމީނާ ކިތަންމެ އަރިސް ބޭފުޅަކަށް ވިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ.
ޔާމީން މިނިވަން ކުރި ސުޕްރީމް ކޯޓްގެ ބެންޗްގެ އިސް ފަނޑިޔާރަކަށް އަޒީބެގެ ދަނބި ދަރިޔަކު އިނުމަކީ މުޅިން އެހެން އިއްތިފާގެކެވެ. ޔާމީން މިނިވަން ވެފައި އެހުރީ އެންމެ ފަނޑިޔާރެއްގެ ރައުޔަކުން ވެސް ނޫނެވެ.
ހައްޖު ގްރޫޕާއި ރެސްޓޯރެންޓް ހިންގާ ބަފައެއްގެ ދަނބި ކޮޔަށް ބަތްޕާރުސަލެއް ދިއްކޮށްލިއްޔާ އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟
ރަށު މަދަރުސާ މުދައްރިސަކަށް ހުއްޓާ އެންދެރިމާގޭ ބޭފުޅުންނަށް ރުގުޔާ ހަދާދީގެން މަތީ މަގާމެއް މައުމޫނު ދެއްވިޔަސް އެއީ ގޯހެއް ނޫންތާއެވެ. އެންދެރިމާގޭ ބޭފުޅުން ކުރިމަތީ މާބޮޑަށް މަގުބޫލުވެ ޒައީގްރޫޕުން ހައްޖަށް މީހުން ގެންދަން އުޅެފައި ޒަމްޒަމް ގްރޫޕު ހެއްޖަކަސް އެއީ އެވަރުކަމެއް ނޫންތާއެވެ. މައުމޫނުގެ ކަންވެރިކަމުގެ ތެރެއިން ޔާމީނަށް ތައާރަފުވެ ޔާމީނަށް ވެރިކަމަށް އާދެވުމުގައި އަޒީބެގެ ރުގުޔާއިން އަސަރެއް ކުރުމާ ނުކުރުން އެއީ މުޅިން އެހެން ކަމެއްތާއެވެ. ރަނގަޅު ހަދިޔާއަކަށް އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން އަޒީބެއަށް ކަންފުޅެއް ވެފައި އޮތް ކަމެއް އެނގެނީއެއް ވެސް ނޫނެވެ. އަޒީބެއަށް ހުރިހާ މޮޅެއް ލިބުނީ ޔާމީންގެ ވެރިކަމުގައި ކަމަށް ވިޔަސް އެއީ ބަޔަކު ތުންފިތެން ޖެހޭ ކަމެއް ނޫނެވެ.
އަޒީބެއާ ޔާމީނު ނުލާހިކު ގާތެވެ. ޔާމީނަކީ އެކައުންޓް ފުރި ބަންޑުންވާ ވަރަށް ބޯކޮށް ރުފިޔާ އޮތް މީހެކެވެ. ވެރިޔަކަށް ހުންނަ މީހަކު ކަންކަމާ ގާތް ކުރާނީ އޭނާއަށް އިތުބާރު ހިފޭ ގާތް މީހުންނެވެ. މަގާމެއް ނުވަތަ އަމިއްލަ ކަމެއް ވެސް ހަވާލު ކުރެވޭނީ އެވަރުގެ މީހަކަށެވެ.
ދެ އަކުރު އޮޅިގެން ޖަލު ހުކުމުން ޔާމީން ސަލާމަތް ކުރީ އަޒީބެ އަޑީގައި ހުރެގެން ކަމަށް ބުނެވޭނެ ހެތްކެއް ނުދެއްކެއެވެ. ހެކި ފެންނާނީ ވެސް ބަލައިގަންނަން ތިބި ބަޔަކަށެވެ. ކޮންމެ ގޮތެއް ވިޔަސް އަޒީބެއާ ޔާމީނަކީ ގާތް މީހުން ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި އަޒީބެގެ ދަރިންނަކީ ދަރިން ނޫން ކަމަކަށް ވެސް ނުހެދޭނެ އެވެ. ޔާމީން ސަލާމަތް ވީމަ ހިތާމަ ކުރާ މީހުން ތިބޭ ގޮތަށް އެކަމާ އުފާ ކުރާ މީހަކަށް އަޒީބެ ވާނެއެވެ. އުފާވާ ކަމެއް ވިޔަސް ސުޕްރީމް ކޯޓަށް ބަތްޕާރުސަލް ފޮނުވޭނީ އެވަރުގެ މީހަކަށެވެ. އަޒީބެއާ ފަނޑިޔާރުގެ އޮތް ޢާއިލީ ގުޅުމަކީ ބަތް ޕާރުސަލަކާ އެޅުވޭ ވަރަށްވުރެ ގާތް ގުޅުމެކެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރެއް ވީމާ އެ ދުވަހުގެ އެ ޕާރުސަލަކީ ސުލޫކީ ޕާރުސަލެއްތޯ ނޫންތޯ އަހާ ސުވާލު ކޮށްލުމަކީ ޖޭއެސްސީއަށް ވެސް ނުކުރެވޭނެ ކަމެކެވެ.
ތިންނާޅި ބަނޑު ހަނޑުލަށް ވުރެ އަނބި ފިރިކަމުގެ ބާރު ގަދަކަން ސްޕްރީމް ކޯޓަށް ފައިނަގާ އުޅެ ނުލިބުނު ކަނބަލުންނަށް ވެސް ނޭގެނީތާއެވެ.
ހުރިހާ ކަމެއްވެސް ރަނގަޅެވެ. އަޅައިގަނެގެން މި އުޅެނީ އެހެން ކަމެއްގައެވެ. ޖޭއެސްސީން ސުވާލު ކުރުމާ ގުޅިގެން ޔާމީން ސަލާމަތް ކުރި ބެންޗްގެ އިސް ފަނޑިޔާރާ، އެ ފޮނުވި ބަތް ޕާރުސަލު ފޮނުވި ފަނޑިޔާރުގެ ބަފާބެގެ ދިފާޢުގައި އިދިކޮޅަށް ވަފާތެރި މީހުން މި އޮއްވާން ފެށި ވަޖިދަކުންނެވެ.
އެންމެން އެތިބީ އޭގެ ދިފާއުގައި ބަބުރަށް އަރާ ކަށިމަތި އަޅައިގެން ނުކުމެއެވެ. މިހާރު ހިތަށް އަރަނީ ތިޔަ ބަތް ޕާރުސަލުގެ މައްސަލަ ބަލަން ޖެހެނީ ނިކަން ރަނގަޅަށެވެ. ކުކުޅު ފައި ލުމަށްފަހު އޭގައި އޮންނަން ޖެހޭ ސުލޫކު ނެތި ރުގުޔާ ކުރެވިގެން ފޮނުވި ޕާރުސަލެއްތޯ ހަމަ ރަނގަޅަށް ވެސް ބަލާން އެބަ ޖެހެއޭ މިހާރު އެބަ ހީވެއެވެ.