މުއިއްޒު ޒިންމާއިން ރެކެން ޔުމްނުހާދިސާ ސިޔާސީކުރުން ބަލައެއްނުގަނެވޭ!

ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު، ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ކުރައްވާ މަސައްކަތް ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒް އިސްމާއީލް ފާޑުވިދާޅުވެއްޖެއެވެ.
މި މޭރުމުން ފައްޔާޒް އެކްސްގައިޕޯސްޓެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށް ދޭހަވާގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ވަނީ ސިޔާސީ ކުރައްވާފައެވެ. ހިތާމަވެރި އެހާދިސާ ސިޔާސީ ކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ "މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު (ޑރ.މުއިއްޒު) ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި (މީގެ އަހަރުތަކެއް ކުރިން) ޕްރޮމޯޓް ކުރި މީހުން" ކަމަށެވެ.
ރައީސް އެހެން ވިދާޅުވީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް މުއިއްޒު ނަންވިދާޅުނުވެ އެ އިޝާރާތް ކުރައްވަނީ އެމްޑީޕީއަށް ކަމަށް ބެލެވެއެވެ.
ބިރަކާ ނުލާ މަޖާކުރުމުގެ ވާހަކަ ޕްރަމޯޓް ކުރެއްވި ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ މިހާރަކު އެމްޑީޕީއާއި އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫނެވެ. ރައީސް ނަޝީދަކީ ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކާއި ދައްކަވާ ފެންނުހިފޭ އެއްވެސް ވާހަކަފުޅަކަށް ފާޑުވިދާޅުވާ ބޭފުޅެއް ނޫނެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި އިބޫނޫން ގޮތެއް ހޯއްދަވަން މުއިއްޒު އަތްޕުޅުގައި ހިއްޕަވައިގެން ރައީސް މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީވެސް ރައީސް ނަޝީދެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާއާއި ގުޅުންހުރި ޑްރަގް ޕާޓީގައި އިސްކޮށް އުޅުނު ޒުވާނުންނަކީ ރައީސް މުއިއްޒުގެ އަރިހުގައި ރައީސް އޮފީހުގައި މަސައްކަތް ކުރާ ބައެއްކަން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ބިރަކާ ނުލާ މަޖާކުރަނީ ރައީސް މުއިއްޒުގެ އައުވާނުންކަން އެނގިވަޑައިގެން ހުންނަވާ ޒިންމާއިން ރެކިވަޑައިގަތުމަށް ޔުމްނު ވެއްޓުނު ހާދިސާ ރައީސް ސިޔާސީކުރެއްވު ކުރެއްވުން ބަލައެއް ނުގަނެވެއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ވެސް ރައީސްގެ އެ ވާހަކަފުޅަކީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޒިންމާއިން ރެކި ވަޑައިގަތުމަށް ރައީސް މުއިއްޒު އެމްޑީޕީއަށް ދެއްވި ސިޔާސީ ހަމަލާއެކެވެ.