ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަކަށް
ޕީޕީއެމަށް ޕީޖީ އަނގައިގާ މަލަމެއް ނޭޅޭނެ!
ކްރިމިނަލް ކޯޓުގައި ޝަރީއަތް ތާވަލު ކުރަންޖެހެނީ ވެސް ހަސްމުން ނުވަތަ ހަސްމުންގެ ވަކީލުން ކުރެން އަހާ އެ މީހުން ބޭނުންވާ ގޮތަށް ހެއްޔެވެ. އެއީ އެއްވެސް އިރަކު ކަންކޮށް އުޅޭ ގޮތެއް ނޫނެވެ. ޝަރީއަތް ތާވަލުކޮށް ޝަރީއަތަށް އަންނަން ކިޔުމުން ހަސްމަށް ޖެހޭނީ ޝަރީއަތަށް ހާޒިރުވާށެވެ. ބައެއް ހާލަތްތަކުގައި ހަސްމުން އެދޭ ގޮތަށް ތާވަލު ކުރުން އަވަސްކޮށް ލަސްކޮށްދީ ހަދަނީ ވެސް ޝަރުއީ މަސްލަހަތެއް އޮވެގެންނެވެ. ޝަރީއަތުގައި އޮންނާނީ ހަމަ އެކަނި ޝަރުއީ މަސްލަހަތެވެ. ސިޔާސީ މަސްލަހަތެއް ޝަރީއަތުގައި ނުއޮންނަނެއެވެ.
ޝަރީއަތުން ކުރާ ހުކުން ހަރާންކޮށް ސިޔާސީ މަސްލަހަތު އިސްކޮށްގެން ޝަރީއަތަށް ނުފޫޒު ފޯރުވަން ޔާމީނުގެ ދިފާއީ ވަކީލުންނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ޝަރީއަތުގެ ކުރިމަތީގައި ޔާމީނެކޭ އެހެން މީހެކެ އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަކަށެވެ. ގިނަބަޔަކު ތާއީދު ކުރުމަކީ ޝަރީއަތުން ރިއާޔަތް ކުރަން ޖެހޭ ކަމެއް ނޫނެވެ.
އެއްވެސް މީހަކަށް ރިޔަސީ އިންތިހާބަށް ކުރިމަތި ލެވޭނީ ގާނޫނީ ހަމަތަކުގެ މަތިން ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ ވަރަށް ކުށެއް ބުށެއް ނެތިއްޔާއެވެ. ވަކި މީހަކު ރިޔާސީ އިންތިހާބަށް ނެރެން އެ މީހަކު ސާފުކޮށް ދިނުމަކީ ޝަރީއަތުން ކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. ޝަރީއަތުގެ ޒިންމާ އަކީ ހުށަހެޅޭ މައްސަލަތަކަށް ވީހާވެސް އަވަހަކަށް އިންސާފު ހޯދާ ދިނުމެވެ. އިންސާފުގެ ކުރި މައްޗަށް ގެނެވޭ މީހަކީ ރައީސް ކަން ކޮށްފައި ހުރި މީހެއްތޯ ނޫންތޯ ޝަރީއަތަކުން ނުބަލާނެއެވެ. އިންތިހާބަކަށް ކުރިމަތިލާ މީހެއްތޯ ނޫންތޯ ވެސް ޝަރީއަތަކުން ނުބަލާނެއެވެ. ކޮން ބަޔަކު ލޯބިވާ ކަކުތޯ ވެސް ޝަރީއަތަކުން ނުބަލާނެއެވެ.
ޝަރީއަތަކީ ކޮމްޕްރަމައިޒް ކުރާތަނެއް ނޫނެވެ. މީހަކު ރުހޭ ނުރުހޭ ބަލާ ތަނެއްވެސް ނޫނެވެ. އަނެއް ކޮޅުން ކޯޓެއްގައި ހިންގާ އިސްތިއުނަފީ މައްސަލައަކާ ހުރެ ދަށުކޯޓުގައި ދައުވާ ކުރެވޭ އެހެން މައްސަލައެއް ފަސްކޮށް ލަސް ކުރާކަށް ނުޖެހޭނެއެވެ. ދެ ކޯޓަށް އެއްވަގުތެއްގައި ހާޒިރުވާން ޖެހިއްޖެ ހަސްމަކު ވަގުތުގެ ފުށުއެރުން ހައްލުކުރަން އުޅުމަކީ އެ ހަސްމެއްގެ އަމިއްލަ ކަމެކެވެ. އެ ހަސްމެއްގެ ދިފާއީ ވަކީލުންގެ ޒިންމާއެކެވެ.
ޔާމީނު ވެގެން ވަކި ތަފާތު ގޮތަކަށް ކަންކަން ކުރުވުމަށް މަސައްކަތް ކުރުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމެވެ. އަމްދުން ޕީޕީއެމުން ބައި ހަދާފައި ޕިޖީ އަރިހަށް ގޮސް މައްސަލައަށް ނުފޫޒު ފޯރުވާން އުޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ޔާމީނުގެ ދިފާއުގައި މަސައްކަތް ކުރެވޭނީ ޔާމީނަށާއި އޭނާގެ ފަރާތުން ދިފާއީ މަސައްކަތް ކުރަން ހަވާލުކޮށްފައި ތިބި ވަކީލުންނަށެވެ. އެވެސް ޝަރީއަތުގެ ތެރޭގައެވެ. ޝަރީއަތުން ބޭރަކު ނޫނެވެ. އަނެއްކޮޅުން އޭނާގެ އަނބި ދަރިންނަށްވެސް އޭނާގެ ހައްގުގައި މަސައްކަތް ކުރެވެނީ ޝަރީއަތުން ބޭރުން ހިނގާ ޒާތީ ހައްގު ކަށަވަރު ކުރުމުގެ ކަންކަމުގައެވެ. ޔާމީނުގެ ދިފާއުގެ ނަމުގައި ޕީޕީއެމަށް ކުރެވޭނެ އެއްކަމެއް ވެސް ނުއޮންނާނެއެވެ. އެގޮތަށް ޖަމައަތް ހަދައިގެން މުއައްސަސާތަކަށް ހިނގާ ބިރުދައްކާ މުޒާހަރާ ކުރުމަކީ ހައްތަހާ ވެސް ކުރެވޭ ކުށެވެ. އުފައްދާ ފިތުނައެވެ. އެކަމުން ޔާމީނަށް ލިބެނެ އިންސާފެއް ނުއޮންނާނެއެވެ.
ޝަރީއަތް ކިތަންމެ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ތާވަލު ކުރިޔަސް ވަކީލުން ޖެހޭނީ ޝަރީއަތަށް ހަމަ ދާށެވެ. އެކަމާ ނުރުހިގެން ވާހަކަ ދައްކާއިރު އަނެއްކޮޅުން ރިޔާސީ އިންތިހާބުގެ ކުރިން މައްސަލަތައް ނުނިންމައިގެން އެހާ ކަންތައް ބޮޑު ކުރެއެވެ. އަވަހަށް ޝަރީއަތް ބާއްވާތީ ވެސް ކަމަކު ނުދެއެވެ. ލަސްވެގެންވެސް ކަމަކު ނުދެއެވެ. އަޅެ ހިތްވަރު ހުރިއްޔާ ނުފޫޒު ފޯރުވަން ނޫޅެ ކުށެއް ނެތްކަން ޝަރީއަތަށް ސާބިތު ކޮށްދޭށެވެ.
ސިޔާސީ ގޮތުން ބިރު ދައްކަން ޕިޖީ ގާތަށް ގޮސް ޕީޖީގެ އަނގައިގައި މަލަން އަޅަން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ސިޔާސީ ބަޔަކު ޕީޖީއަށް ގޮސް ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ރައީސް އޮފީހުން ގަޒީންނަށް ނުފޫޒު ފޯރުވަނިއްޔޭ ކިޔަމުން ދުވަލު ދެ ދަޅައަށް ރައީސާ ބައްދަލުކުރުމުގެ ނަމުގައި އެބަދެއެވެ. ޕީއެމްގެ ލީދަރޝިޕްގައި ތިބި މީހުންގެ ބޭނުމަކީ ޔާމީނު މިނިވަން ކުރުމެއް ނޫނެވެ. އެމީހުން މަޝްހޫރުވުމެވެ. އެދޭ ގޮތްނޫން ކޮންމެ ގޮތަކަށް އިއްވާ ނިޔާއަކީ ހަރާން ހުކުމެއް ގޮތުގައި ސިފަކޮށް މުޒާހަރާ ކުރަނީ އެހެން ވެގެންނެވެ. ބޭނުމަކީ ވެރިކަން ލިބުމުން އެހެން ހަދާނަމޭ މިހެން ހަދާނަމޭ ބުނެ ފަޑިޔާރުންނާ ޕިޖީއަށް ބިރު ދެއްކުމެވެ. ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.