ގާޒީ ޝަކީލުގެ ހުކުމަކަށް ޖަލުގައި އޮތީ ޔާމީން އެކަނި!

ޔާމީނު ޖަލުގައި އޮތީ އިދިކޮޅު ކެންޑިޑޭޓް ވެގެނެއްނޫން. ރިޝްވަތުހިފާ މަނީލޯންޑް ކޮށްގެން.

ގާޒީ ޝަކީލުގެ ހުކުމަކަށް ޖަލުގައި އޮތީ ޔާމީން އެކަނި!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް ފައިސަލާ ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅުނު ވ. އާރަށު މައްސަލަ އެކަންޏެއް ނޫނެވެ. ހައިކޯޓަށް ފަނޑިޔާރުން ބޭނުން ވެގެން އިއުލާނު ކުރުމުން އެކަމަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް އެ ގަމާށް އެދުމުގެ ހައްގުލިބިގެންވެއެވެ. އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް އެހައްގުން މަހުރޫމު ކުރުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ. 

މަގާމަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެންމެ އެކަށީގެންވާ މީހަކަށް ވަޒީފާ ހަމަޖެއްސުމަކީ އެކަން ކުރާގޮތެވެ. ވަކި މީހެއްގެ މައްސަލައެއް ބެލި މީހަކަށް ވިޔަތީ މީހަކަށް ލިބެންޖެހޭ ހައްގަކުން މަހުރޫމެއް ނުކުރެވޭނެއެވެ. ގާޒީ ޝަކީލް ހައިކޯޓް ފަނޑިޔާރަކަށް ބަދަލު ކުރުމަކީ ނެތް މަގާމެއް އުފައްދައިގެން ދިން ހަދިޔާއެއް ނޫނެވެ. 

ކުށުގެ ބޮޑެތި އެތައް މައްސަލައެއް ގާޒީ ޝަކީލު ވަނީ ބައްލަވާ ފައިސަލާ ކުރައްވާފައެވެ. ޝަކީލު ދަށު ކޯޓުގައި ނިންމެވި މައްސަލަ ތަކުން އިސްތުއުނާފް ކުރެވުނު މަދު މައްސަލައެއްގައި ނޫނީ ޝަކީލު ކުރައްވާފައިވާ ހުކުމަށް މަތީ ކޯޓް ތަކުން ވަނީ ތާއީދުކޮށްފައެވެ. އެ ކަމުން ވެސް އެނގިގެން ދަނީ ގާޒީ ޝަކީލުގެ އިންސާފް ވެރިކަމެވެ. ފަނޑިޔާރު ކަމަށް ތަސައްރަފް ފުދޭ މިންވަރެވެ. އެ ފަދަ ބޭފުޅަކު ހައިކޯޓްގެ ބެންޗަށް ކުރިމަތި ލައްވާފައި ވަނިކޮށް އެ ބޭފުޅަކު ނުނަގާ ނަގަން އޮންނާނީ ކާކު ހެއްޔެވެ.

ފަނޑިޔާރުގެއަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންގެ ކުރިމަތީގައި ވަކި މީހަކީ ތަފާތު މީހެއް ނޫނެވެ. މަސްވެރިޔަކަސް ދަނޑުވެރިޔަކަސް ރައީސްކަން ކޮށްފައި ހުރި މީހަކަސް ފަޑިޔާރުންގެ ކުރިމަތީގައި ހަސްމުން ވަނީ ހަސްމުންނަށެވެ. ކުރީގެ ރައީސް ޔާމީނު ވެގެން މައުމޫނު ވެގެން ހާއްސަ އިމްތިޔާޒެއް ޝަރީއަތުގައި ނުއޮންނާނެއެވެ. ހުށަހެޅުނު މައްސަލަ ނިމުމުން އެކަން އެ އޮތީ ނިމިފައެވެ. ވަކި މައްސަލައެއް ބެލި ފަނޑިޔާރަކަށް ވިތީ ވަކި މަގާމެއް ނުދެވޭނެ ހަމައެއް ދުނިޔޭގެ ތާކުނުވެއެވެ. 

ރާއްޖޭގައި ޝަރީއަތް ކުރާނެ ފަނޑިޔާރުންނާއި ޝަރީއަތް ކުރާނެ ގޮތާއި ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމަކީ ޕީޕީއެމްއަށް އޮތް ކަމަކީ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނަކީ ޕީޕީއެމަށް ވަގަކަށް ނުވެދާނެއެވެ. ޔާމީނު ރައީސް ކަމުގައި ހުރެ ރިޝްވަތު ހިފިކަމާއި މަނީލޯންޑަރ ކުރިކަން އެއޮތީ ޝަރީއަތަށް ސާބިތުވެފައެވެ. ކިތަންމެ ބާރަށް ހުކުމް ހަރާމޭ ގޮވަމުން ނެގިނެގިފައި ޖެހުނަސް ވަގުކަލޭގެ އެއޮތީ ޖަލުގައެވެ. މޮޅިއްޔާ އިސްތިއުނާފް ކޮށްގެން ނެރެލަބަލާށެވެ. ޔާމީނަށް ހުކުމް ކުރި ގާޒީއާއި ވިއްދާލައިގެން ޝަރީއަތަށް ނުފޫޒު ފޯރުވަން ޒާތްޒާތަށް ބިރުދައްކަން ނޫޅޭށެވެ.

އަޖައިބެކެވެ. ގާޒީ ޝަކީލު ކުރެއްވި ހުކުމަކަށް ޖަލު ހުކުން ތަންފީޒު ކުރެވެނީ ޔާމީން އެކަންޏަކަށް ނޫނެވެ. ގާޒީ ޝަކީލު ހުކުން ކުރައްވައިގެން ޖަލު ހުކުން ތަންފީޒުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެހެން ނޫނަސް ހެންވޭރު ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަކާ ޕީޕީއެމަކާ ކީކީހެއްޔެވެ. ޔާމީނު ޖަލުގައި އެއޮތީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވެގެނެއް ނޫނެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގ ގެ ކުށްވެރިއަކަށް ވެގެންނެވެ.