ބައިހަދާފައި ގޮސް ވެއްދި މައްސަލަ އެދިޔައީ ޗޮކުން
ސްޕްރީމްކޯޓަށް ބަލައިގަންނަން ވެސް ކަމުނުދިޔަ!
ގާނޫނީ ވަކީލުކަމުގެ ލައިސަންސް ހޯދައިގެން މަވެތިވެ މަސްހޫރުވާން ގައިވީދާ މީހުން އެބައުޅެއެވެ. ތިމާމެނަށް ލިބިފައި އޮތްވަކީލު ކަމުގެ ސަނަދަކީ ސައްހަ ގޮތުގައި ހޯދާފައި އޮތް އެއްޗެއް ކަމާމެދު ސުވާލު އުފެދޭވަރުގެ ގަޅި ކަންކަމެއް ހަމަޖެހޭ މީހަކު ނުކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ސާލިހު ހުންނެވުވުމުން އިރިއިރި ލަވައިގެން ހެދޭ ނުހެދޭ ނޭނގެއެވެ. ސާފު ދިވެހި ބަހުން ލިޔެފައި އޮތް ގާނޫނއަސާސީގައި ބުނާއެއްޗެއް ނޭނގޭ ގަމާރުން ގާނޫނީ ވާހަކަ ނުދައްކަން ވެއްޖެ ނޫން ހެއްޔެވެ. ނޫނީ ވިއްޔާ ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 126 ވަނަ މާއްދާ ބަޅުރުކުން ގެންގުޅޭ ގާނޫނު އަސާސީގައި ނެތީ ތޯއްޗެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ސައްހަ މަގުން ގާނޫނު އަސާސީއާއި އެއްގޮތަށް ނިންމާފައި އޮތް ކަމެއް އެކޮޅުކޮޅުން ޖަހަން ސްޕްރީމް ކޯޓަށް ދާނީ މޮޔައިންނެވެ. އެކަން މިއަދު އެނގިގެން އެ ދިޔައީއެވެ. ބައިހަދާފައި ގޮސް ސްޕްރީމްކޯޓަށް ވެއްދި މައްސަލަ އެދިޔައީ ޗޮކުންނެވެ. ބަލައިގަންނަން ވެސް ކަމުނުދިޔައެވެ.
ބަޅުރުކުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް ހެއްދެވުމަށްޓަކާ އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ނަސީމް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.
ކިތަންމެ ފަހަރަކު އަނބުރަ އަނބުރާފައި ސްޕްރީމް ކޯޓަށް އެ މައްސަލަ ވެއްދިޔަސް މައްސަލަ ބަލައިގަންނާނީ ފުލެއް ބިތެއް އޮތް ކަމެއް ނަމަތާއެވެ. ރައީސް ސާލިހުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ގާނޫނީ އެއްވެސް މުއައްސަސާއަކަށް ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ. ބަޅުރުކު ލޯޔަރުން ކުރެ ބަޔަކު ޕާޓީ ތެރޭގައި މަސްހޫރުކަން ހޯދަން ދުވާލު ދެދަޅައަށް ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލަ އެބަ ވައްދައެވެ. ހަރުތާކު ޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ އެކަމާ ނޫޅެ ޑރ. ޖަމީލުމެން ލޮލުފިޔަ ނުޖެހީހެވެ. ޖަމީލުމެން އެކަމާ ނޫޅެ އެ ތިބެނީ ސުވާލު އުފައްދާނެ ހަނި ފުރުސަތެއް ވެސް ނެތިގެންނެވެ. ނުނީ އެކަން ކޮށްގެން ފައިސާ ގަޑެއް ލިބެން ނެތިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަން ކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެ އޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަން ކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެ މާއްދާ ބުނާ ގޮތަށެވެ. އެއްޔަކީ ސްނިލް ޝެޓީ ހެދިގެން އަސްއަދުމެން ފިލްމު ކުޅުނު ފާޑަށް ކުރާ ކަމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ގާނޫނު އަސާސީ ބުނާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ. އަލުން މަގާމުގެ ހުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރެއްވީހެވެ.
ރައީސް ސާލިހު އެ ހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ 2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ. އެހާލަތު މެދުވެރިގެން މީހަކު ނޫޅެއެވެ.