ހުދު ރަން: ލޮނު

ލެޓިން ބަހުން ލޮނަށް ކިޔަނީ ސެލެރިއަމް: އިނގިރޭސިބަހުން މިކިޔާ "ސެލެރީ" މި ލަފުޒުގެ އަސްލަކީ ލޮނު.

ހުދު ރަން: ލޮނު

ފީފާއެއްގެ މޫދު ލޮނުގައި 6 ކިލޯ ފުއްލޮނު ހުންނާނެއެވެ. ކަނޑުގައިވާ ހުރިހާ ފެނަކާއި ލޮނު ވަކިކޮށްފިނަމަ މުޅި ދުނިޔޭގައި ކޮންމެ އަކަ އިންޗިއެއްގައި ދިގު ތިން ރުކަށް ވުރެ އުހަށް ފުއްލޮނު ހުންނާނެއެވެ.

ލޮނަކީ ރާއްޖޭގައި ކިތަންމެ ގިނަ އެއްޗެއް ކަމުގައިވެފައި ވިޔަސް އަދި ދިވެހިރާއްޖެއިން މި ލިބޭހާ ފަސޭހައިން ދުނިޔޭގެ އެހެން މީހުންނަށް ލޮނެއް ނުލިބެއެވެ. އެހެންކަމުން ލޮނާއި ހެދި ބޮޑެތި ހަނގުރާމަ ކުރެވިފައިވެއެވެ. 

ޔޫރަޕުގައި މަޝްހޫރު ފަރަންސޭސި އިންގިލާބު ފެށުމުގެ އެއް ސަބަބެއްކަމުގައި ލޮނު އަގު ބޮޑުވުން ހިމެނެއެވެ. އިނގިރޭސީން އިންޑިޔާ އަޅުވެތިކޮށްފައިވަނިކޮށް އެ ގައުމު މިނިވަންވުމުގެ ސަބަބަކަށް އިންޑިޔާ މީހުންނަށް ލޮނު އުފެއްދުން އިނގިރޭސީން މަނާކޮށް، ލޮނުން ސަރުކާރަށް ފައިސާ (ޓެކްސް ނުވަތަ ވާރު) ނަގާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ފަރަންސޭސި ލަސްކަރެއް ރަޝިޔާގެ މޮސްކޯ ހިފަންގޮސްގެން ނާކާމިޔާބު ވެގެން އަންނަން ޖެހުނީ ލޮނު މަދުވުމުގެ ސަބަބުން ފަހުލަވާނުންގެ ފާރުތައް ރަނގަޅު ނުވާތީއެވެ. މިހާރުވެސް އެފްރިކާގެ ބައެއް ގައުމު ތަކުގައި ލޮނަކީ ފައިސާގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ.

ކަނޑާ ދުރުގައި އޮންނަ ގައުމުތަކުގައި ލޮނަކީ (ބިމުގެ އަޑީގައި ފުއްލޮނު ނުވާނަމަ) ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. މިހެންވެ، ހިމާލިޔާ ފަރުބަދަ ކާރީގައި އޮންނަ ޓިބަޓުގައި ލޮނަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއް އިރެއްގައި ލޮނާއި ރަން ލާއްސަކަށް ލާއްސެއް މާރުކުރެވުނު ދުވަސް ވަރެއް ވެސް ދިޔައެވެ.

އޮސްޓްރިއާ އަކީ މީގެ ދެތިން ސައްތަ އަހަރުގެ ކުރިން ވަރަށް ބާރުގަދަ ގައުމެކެވެ. އެއް އިރެއްގައި ޔޫރަޕުގެ ހުޅަނގުން އިރަށް، ރަޝިޔާއިން އެޓުލާންޓިކު ކަނޑާ ހަމައަށް އޮސްޓްރިއާގެ މީހުން ވެރިކަން ކުރިއެވެ. އޮސްޓްރިއާގެ ބާރު އެހާ ގަދަވީ ހުދު ރަނުގެ ސަބަބުންނެވެ. ހުދު ރަނަކީ ލޮނެވެ.

ކުރީ ޒަމާނުގައި ވަޒީފާ އަދާކުރާ މީހުނަށް އުޖޫރަ ދޭ ދިނުމަށް ރާއްޖޭގައި ކިޔާ އުޅެނީ "ބަނޑު ހަނޑޫ" ދިނުމެވެ. ރާއްޖޭގައި އުޖޫރަ ދިނީ ފައިސާގެ ބަދަލުގައި  ހަނޑުލެވެ. އެކަމަކު އިހުގައި ރޫމީންގެ ފަހުލަވާނުންނަށް "ބަނޑުހަނޑޫ" ގެ ގޮތުގައި ދެވުނީ ލޮނެވެ. ލޮނަށް އެ މީހުން ވާހަކަ ދައްކާ ލެޓިން ބަހުން ކިޔަނީ ސެލެރިއަމްއެވެ. މިހާރު އިނގިރޭސިބަހުން މުސާރައަށް މިކިޔާ "ސެލެރީ" މި ލަފުޒުގެ އަސްލަކީ އެއީއެވެ. އާދެ! ލޮނެވެ.