ސާޖިދާގެ ގޮނޑިކޮއްކޮ: ސިވިލް ސަރވިސް ކޮމިޝަން
ވަކި މީހަކަށްޓަކާ މުޅި ނިޒާމް ގަޑުބަޑުކޮށްލުން
ކާކަށް ކޮން އެއްޗެއް އޮޅުވާލާކަށް ހެއްޔެވެ. އެކަކަށް އެކައްޗެއްވެސް ނޯޅެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ކަމުގައި ހުރި ސާޖިދާ މުހައްމަދަށް ނޯޕޭލީވް ދީގެން އޭނާ އަދާ ކުރަމުން އައި ވަޒީފާގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުވުމަކީ ސިވިލް ސާރވިސް ކޮމްޕްރަމައިޒް ވެފައިވާކަމުގެ ހެއްކެވެ.
ސިވިލް ސާރވިސް މުއައްޒަފުނަށް ނޯޕޭ ލީވް ދީގެން މަސައްކަތް ކުރުވާނީ އެ އިދާރައަކުން ހިންގާ ހާއްސަ ޕްރޮޖެކްޓަކަށް އެ މުއައްޒަފެއްގެ ބޭނުން ބޮޑުކަމުންނެވެ. ރަސްމީ މަސައްކަތް ކުރަމުން ހާއްސަ ޕްރޮޖެކްޓްގެ މަސައްކަތަށް އެ މުއައްޒަފަކަށް ވަގުތު ނުދެވޭނެތީ އެ ޕްރޮޖެކްޓް ނިމެންދެން އެ ޕްރޮޖެކްޓަކަށް އެ މުއައްޒަފަކު ދޫކޮށް ދިނުމުގެ ގޮތުން ނޯޕޭ ލީވެއް ދެނީއެވެ. އެ ނޯޕޭ ލީވަކީ ޕްރޮޖެކްޓް ނިމުމުން ރަސްމީ މަސައްކަތަށް އެބުރި އަންނަ ގޮތަށް ދެވޭ ނޯޕޭ ލީވްއެކެވެ.
ފިނޭންސް މިނިސްޓްރީގައި 2018 އިން ފެށިގެން ފަސް މުވައްޒަފަކު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްފައިވަނީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ދެ މުވައްޒަފަކާއި ހައުސިން މިނިސްޓްރީގައި ތިން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ އެތަންތަނުން ހިންގާ ހާއްސަ ޕްރޮޖެކްޓް ތަކެއްގައެވެ. އެ ޕްރޮޖެކްޓް ތަކަށް އެ މީހުންގެ ބޭނުން ބޮޑުކަމުންނެވެ، ފުލްޓައިމްކޮށް ރަސްމީ މަސައްކަތުގައި އުޅެމުން ޕްރޮޖެކްޓަށް އެމީހުނަށް ވަގުތު ނުދެވޭނެތީއެވެ. ކޮމްޕްރަމައިޒް ވެގެން ސާޖިދާއަށްޓަކާ ކޮށްދެވުނު ކަންތައް ހަލާލުކުރަން ސިވިލް ސާރވިސް ކޮމިޝަނެއްކަމަކު އެކަން ހުއްޖަތަކަށް ދައްކަން ނުހަދާށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ނޯޕޭ ލީވަކުން ދޫކޮށްފައި އެ ހުރިއްޔަކީ ފުޑް އެންޑް ޑްރަގާއި ގުޅޭ ޕްރޮޖެކްޓެއްގެ މަސައްކަތަކަށް ނޫނެވެ. ހަމަ އެހެންމެ ރާއްޖޭގެ ސިއްހީ ދާއިރާއަށް ހާއްސަކޮށްގެން ހިންގާ ޕްރޮޖެކްޓެއްގެ ފަންނީ މަސައްކަތެއް ކުރުމަށްޓަކައި އެ ޕްރޮޖެކްޓަށް އޭނާގެ ބޭނުން ތެރިކަން ބޮޑު ކަމުންނެއްވެސް ނޫނެވެ.
އެންމެ އަޖައިބު ކުރުވަނި ކަމަކީ މުއައްޒަފަކަށް 4 އަހަރުގެ ނޯޕޭ ލީވްއެއް ދިނުމަށްފަހު ހަމަ އެމުއައްޒަފު ލައްވާ ކޮންޓެކްޓް އުސޫލުން އޭނާ އަދާކުރާ ވަޒީފާއާއި ގުޅުންހުރި މަސައްކަތް ތަކެއް ކުރުވުމެވެ. މުއައްޒަފަކަށް ނޯޕޭ ލީވެއް ދިނުމުން އޭނާ އަދާކުރަމުން ދިޔަ ރަސްމީ މަސައްކަތްތައް ފުލްޓައިމްކޮށް ކުރާނެ އެހެން މީހަކު އޭނާ ނިކުންނަށްދެން ވަގުތީ ގޮތުން ހޯދަން ޖެހެއެވެ. ކޮންޓްރެކްޓެއް ހަދައިގެން އަގުދީގެން އެމަސައްކަތްތައް ކުރަން ނެރެން ޖެހޭނީ ނޯޕޭ ލީވްގައި ހުރި މުއައްޒަފެއް ނޫނެވެ. އޭނާ ލީވްގައި ހުއްޓާ ނެރެގެން ކުރާނެ މަސައްކަތެއް ނުއޮންނާނެއެވެ. ލީވްގައި ހުރި މީހާގެ މަސައްކަތް ކުރުވާނީ ވަގުތީ ގޮތުން ނެރޭ އެހެން މީހަކު ލައްވައެވެ.
ސަޖިދާ ނޯޕޭ ލީވަށް ދިޔުމުން އޭނާކުރި ރަސްމީ މަސައްކަތްތައް ފުލްޓައިމްކޮށް ކުރާނެ އެހެން މީހަކު ނުހޯދާ ސާޖިދާއަށް ވީއިރަކުން ކުރަން ކޮންޓްރެކްޓެއް ހަދައިގެން ފައިސާ ދޭގޮތަކަށް އޭނާގެ ވަޒީފާގެ ޒިންމާގައި ހިމެނޭ އެއްވެސް ކަމެއް ނުކުރުވޭނެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގެ ޒިންމާތައް އަދާކުރުމަށް ޖެހޭނީ އެހެން މީހަކު ވަގުތީ ގޮތުން ހޯދާށެވެ.
ގާނޫނީ ގޮތުން ވާޖިބު އަދާކުރަންޖެހޭ މުއައްޒަފަށް މުސާރަ ނެތް ޗުއްޓީދީ މަސައްކަތުން އެއްފަރާތްކޮށްފާ ހަމަ އެމަސައްކަތް ނުވަތަ ގުޅުން ހުރި މަސައްކަތެއް ކުރުވަން ކޮންޓްރެކްޓެއް ހަދައިގެންވެސް އެ އިދާރާއަށް އެ މުއައްޒަފަކު ނުނެރެވޭނެއެވެ. އޮފީހުން ހިންގާ ޕްރޮޖެކްޓެއްގައި ނޫންގޮތަކަށް ނޯޕޭލީވްގައި ހުންނަ މުއައްޒަފަކު އޮފީހުގެ މަސައްކަތަށް ނިކުމެއްޖެ ނަމަ ދީފައިވާ ޗުއްޓީއަށް ނިމުން އަންނާނެއެވެ. ވަކި މީހަކަށްޓަކާ މުޅި ނިޒާމް ގަޑުބަޑުކޮށްލީއެވެ. ސާޖިދާ ކުރިމަތީ ސިވިލް ސާވިސް ކަމިޝަން ކުޑަކަކޫ ގޮނޑިކޮއްކޮއަކަށް ވީއެވެ.