ގައުމުގާ ފައިސާ ނެތީއެއްނޫން - މުއިއްޒުގައި އިހުލާސްތެރިކަންނެތީ

މުއިއްޒުގެ ދިވެހީންގެ ރާއްޖެ: ބޯޓު އަޑިއަށް ދިއުން ނޫނީ ގަސްތުގައި އޮޅުވާލުންތަ؟

ގައުމުގާ ފައިސާ ނެތީއެއްނޫން - މުއިއްޒުގައި އިހުލާސްތެރިކަންނެތީ

އަޑުއިވޭ ވާހަކަތަކަށް ބަލާއިރު، މަލީގޮތުން މުހިންމު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ރާއްޖެއަށް ލަންކާއަށް ކުރިމަތިވި ހާލަތު ޖެހުން މާދުރެއްނޫނެވެ. ރައީސް ޑރ. މުއިއްޒު "ދިވެހީންގެ ރާއްޖެ" ގެ ނަމުން ނަން ދީފައިވާ ގައުމު ބަނގުރޫޓުވުމުގެ މަލަމަތި ފެންނަން ފަށައިފިކަށް އެބޭފުޅުން އެބަ ވިދާޅުވެއެވެ. ގައުމުގެ ފޮރިން ރިޒާވް ދަށްވެ، ދަރަނި އަދާކުރުން ނިހާޔަތައް ދަތިއިރު އަދިވެސް ރައީސްގެ ހައްލުތައް ހީވަނީ އަޑިއަށްދާ ބޯޓު ސަލާމަތް ކުރުމަށްވުރެ ސިޔާސީ ގޮތުން ޖަހަންއުޅޭ ޗައްކަރެއްހެނެވެ. ނޫނީ ދެބޯގެރި ދުއްވުމެއްހެނެވެ.

ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރުމަށް ރައީސް މުއިއްޒު ނިންމެވުމާއި ގުޅިގެން، ރައްޔިތުންތިބީ، ދެން ކުރާނީ ކޮންކަމެއްތޯ ބަލަބަލައެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން މަދެއްނުވިއެވެ. ސަރުކާރުންކުރާ ބޭރުގެ ދަތުރުތައް މަދެއްނުވިއެވެ. ކުފޫ ހަމަ ނުވާ މީހުން އެމްބަސީތަކުގެ މަތީ މަގާމުތަކަށް ލަނީއެވެ. ޕާޓީ ބަދަލުކުރި ކުރީގެ މެންބަރުންނަށް ބޮޑު މުސާރައަކާއެކު ސްޓޭޓް މިނިސްޓަރުކަށް ދެނީއެވެ. ބައެއް ކުންފުނިތަކަށް މީން ދުވަހަކު ނުލާވަރަށް ޑީއެމްޑީން ވަނީ ލާފައެވެ. ބައެއް ކުންފުނިތަކަށްވަނީ 2 ނުވަތި 3 ޑީއެމްޑީން ލާފައެވެ. މިގޮތުން ހައްޖު ކޯޕަރޭޝަނަށް އެއްފަހަރާ 2 ޑީއެމްޑީއިން ވަނީ އައްޔަނުކޮށްފައެވެ.

މުއިއްޒުވަނީ މަޖިލިސް މެންބަރުންގެ އަދަދު 93 އިން 77 އަށް މަދުކުރަން ވާހަކަފުޅު ދައްކަވާފައެވެ. މިހާރު މަޖްލިސް ސުޕަރ މެޖޯރިޓީ އޮތީ ޕީއެންސީއަށް ލިބިފައެވެ. ބޭނުން އެއްޗެއް ހަދަންވީއެވެ. ކުރަންކުރަން ތިބޭނެ ކަމެއްނެތެވެ.

އިދިކޮޅު އެމްޑީޕީން ބުނަމުންދަނީ، ސިޔާސީ ގޮތުން އައްޔަންކުރާ މީހުންގެ އަދަދު މިހާރުވެސް 2000 އަށް ވުރެ ގިނަ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކުރިން މުއިއްޒު ވައުދުވެވަޑައިގެންނެވި މިންވަރަށްވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.

މުއިއްޒު ވިދާޅުވަނީ ގައުމުގައި ފައިސާ ނެތް ވާހަކައެވެ. ނަމަވެސް އަމަލުފުޅު ތަފާތެވެ. ގެންދަވަނީ ގިނަ ހަރަދުތަކެއް ކުރައްވަމުންނެވެ. މުއިއްޒު ބޭނުންފުޅިވަނީ  ކައުންސިލަރުންގެ އަދަދު މަދުކުރުމަށެވެ. އެކަމަކު ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ އަދަދު މަދުކުރުން މާ ބުއްދިވެރިއެވެ. އެމީހުންނަށް ދޭ މުސާރަ މާބޮޑެވެ. އެއް ސްޓޭޓް މިނިސްޓަރެއްގެ މުސާރައިން އެއް ކައުންސިލަށް މުސާރަ ދެވޭނެއޭ ބުންޏަސް ހެޔޮވާނެއެވެ. ވީމާ ސިޔާސީ މަގާމުތައް މަދުކުރުން މާ އައުލާކަންބޮޑެވެ.

ފައިސާ ނެތްނަމަ ސަރުކާރުން ރަސްމާލެ ތަރަށްގީ ކުރުމުގެ މަސައްކަތް ނުފަށާނެކަން ހަމަ ކަށަވަރެވެ. އަދި އެބުނާ ދަތި ހާލަތާއި ދިމާވާނަމަ ސިޔާސީ މަގާމްތައް މަދުކޮށްލީހެވެ. އިތުރު ބޭފުޅުން ތަކެއް މަތީ މަގާމުތަކަކަށް ނުލާނެއެވެ. ފައިސާނެތީއެއް ނޫނެވެ. އިހްލާސްތެރިކަންނެތީއެވެ.