މާދަރީބަހުގެ ދުވަސް: ހުރިހާ ދިވެހިންގެބަހަކީ ދިވެހި ބަހެއްނޫން!

މާދަރީބަހުގެ ދުވަސް: ހުރިހާ ދިވެހިންގެބަހަކީ ދިވެހި ބަހެއްނޫން!

ދިވެހިންނަކީ އެއްދީނަކަށް އުޅޭ އެއް ނަސްލެއްގެ އެއްބަހުން ވާހަކަ ދައްކާ އެއްބައެއް ކަމަށް ބުނެއުޅެއެވެ. ދިވެހިންގެ އެއްބައެއް ވަންތަކަން ދެއްކުމަށް ޒަމާނުއްސުރެ ގަބޫލުކުރާ އެ ފަލްސަފާއަކީ ހަގީގަތެއް ހެއްޔެވެ. އެގޮތުން ދިވެހި ބަހާމެދު ގަބޫލުކުރުވާފައި އޮންނަ ގޮތަކީ ދިވެހި ރާއްޖޭގެ ކޮންމެ ހިސާބަކަށް ނިސްބަތްވެ ކޮންމެ ބަހުރުވައަކުން ވާހަކަ ދެއްކިޔަސް ދިވެހިރާއްޖޭގެ މީހުން ވާހަކަ ދައްކާނީ ދިވެހި ބަހުންކަމަށް ގަބޫލުކުރާ ގަބޫލުކުރުމެވެ. 

އެހެނެއް ކަމަކު އައްޑޫ ފުވައްމުލައް ހުވަދޫއަށް ނިސްބަތްވާ މީހުން ދިވެހި ބަހުން ދައްކާ ވާހަކަ ކުޑައިކޮށްވެސް ފަހުމުނުވާ ދިވެހިން ދިވެހިރާއްޖޭގައި ވަރަށް ގިނައެވެ. އަމްދުން އައްޑޫ ފުވައްމުލައް ހުވަދޫ މީހުންގެ ދިވެހި ބަހުން މުއާމަލާތު ކުރަން އެއްވެސް މިންވަރަކަށް ނޭގޭ ދިވެހިން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އިންތިހާއަށް ގިނައެވެ. ކޮންމެވެސް ގޮތަކުން އައްޑޫ ފުވައްމުލައް ހުވަދޫ ބަޔަކާ މަސްހުނިވެގެން އުޅެން ދިމާނުވާ މައްދިވެއްސަކަށް އައްޑޫ ފުވައްމުލައް ހުވަދޫ ބަހުން ދައްކާ ވާހަކައެއް ފަހުމެއްނުވެއެވެ. 

އާއްމު ދިވެހި ބަހުން ވާހަކަ ދައްކާއުޅޭ ދިވެއްސަކަށް އިނގިރޭސި ބަހާއި އަރަބި ބަހާއި އުރުދޫ ބަހެކޭ އައްޑޫ ހުވަދޫ ބަހެކޭ ތަފާތެއް ނޯވެއެވެ. އިނގިރޭސި ބަހާއި އަރަބި ބަހާއި އުރުދޫ ބަސްފަދަ ބޭރު ބަސްތައް ވެސް ދަސްކުރީމާ ނުވަތަ އެބަހަކުން ވާހަކަދައްކާ ބަޔަކާ މިލިގެން އުޅުނީމާ ދަސްވެއެވެ. އެނގެއެވެ. މައްދިވެހި ބަހުން ވާހަކަދައްކާ ދިވެއްސަކަށް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަސް ވެސް އެނގެނީ ދަސްވަނީ  އެބަހަކުން ވާހަކަދައްކާ ބަޔަކާ މިލިގެން އުޅުމުންނެވެ. ނޫނީ ވަކީން އެބަސް ދަސްކޮށްގެންނެވެ. 

އަނެއްކޮޅުން އާއްމު ދިވެހި ބަހުގެ ހަމަތަކަށް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހުގެ ހަމަތަކެއް ނުފެތެއެވެ. އާއްމު ދިވެހި ބަހެކޭ އެއްގޮތަށް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހުގައި ބަހަވީ ވަކި ހަމަތަކެއް ހުރެއެވެ. ގަވައިދެއްގެ ސިފައިގައި ހަމަތައް ލިޔެވިފައި ނެތް ނަމަވެސް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަސް ބޭނުން ކުރެވޭ ރީތި އުސްލޫބެއް އެއިން ކޮންމެ ބަހެއްގައި އޮވެއެވެ. ތަރުތީބެއް އެމުނި އެކުލެވުމެއް އޮވެއެވެ. އާއްމު ދިވެހި ބަހުގެ ބަހަވީ ހަމަތަކަށް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހުގެ ބަހަވީ ހަމަތައް ފައްތައިގެން އެ ބަސްބަހުގެ ހަމަ ހިފެހެއްޓޭނެ ގޮތެއް ނޯވެއެވެ. 

ހަގީގަތަކީ އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހަކީ ދިވެހި ބަހުގެ ބަހުރުވަ ތަކެއް ނޫންކަމެވެ. އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހަކީ ދިވެހި ރާއްޖޭގައި މީހުން ވާހަކަ ދައްކާ މުސްތަގިއްލު ބަސްތަކެއް ކަމެވެ. ދިވެހިންގެ އެއްބައެއް ވަންތަކަން ދެއްކުމަށްވެސް އައްޑޫ ބަހާއި ފުވައްމުލަކު ބަހާއި ހުވަދޫ ބަހާއި ދިވެހި ބަހަކީ އެއް ބަހެއްގެ ގޮތުގައި ހެދެން ނެތްކަމީ ހަަގީގަތެކެވެ. 

ދިވެހިރާއްޖޭގައި ދިވެހިން މޮށިއުޅުނަސް އައްޑޫ ބަހަކީ އައްޑޫ މީހުންގެ މާދަރީ ބަހެވެ. ފުވައްމުލަކު ބަހަކީ ފުވައްމުލަކު މީހުންގެ މާދަރީ ބަހެވެ. ހުވަދޫ ބަހަކީ ހުވަދޫ މީހުންގެ މާދަރީ ބަހެވެ. ދިވެހި ބަހެކޭ އެއްގޮތަށް އެ ބަސްބަހުގެ ބަހަވީ ދިރާސާތައް ހަދާ، ބަހަވީ ހަމަތައް ލިޔެވި އެބަސްބަހުގެ އަދަބީ ތަރިކަ ވަކީން ރައްކާތެރިކޮށް އަދަބިއްޔާތު ކުރިއަރުވަން ޖެހެއެވެ. އެއްގޮތް ކަންތައް ތަކެއް ހުރުމަކީ އެކައްޗަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ.   

އިސްވެ ދިޔަ ސަބަބުތަކަށް އެކަނި ވިސްނާލިޔަސް ދިވެހި ރާއްޖޭގެ އެންމެން ވާހަކަ ދައްކަނީ އެއްބަހުން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އައްޑޫ ބަހަކީ އައްޑޫބަހެވެ. ފުވައްމުލަކު ބަހަކީ ފުވައްމުލަކު ބަހެވެ. ހުވަދޫ ބަހަކީ ހުވަދޫ ބަހެވެ. އެއިން އެއްވެސް ބަހަކީ ދިވެހި ބަހެއްނޫނެވެ. ދިވެހި ބަހުގެ ބަހުރުވައެއްވެސް ނޫނެވެ. އެކަމަކު އެއީ ދިވެހީންގެ ބަސްބަހެވެ.