ނޫސްތަކަށް ދައުލަތުން ފައިސާދޭ އުސޫލެއް އޮންނާކަށް ނުޖެހޭ!

ހުރިހާ ނޫސްތަކަށް އެއްވަރުގެ ހަމަހަމަ ފުރުސަތެއް ނޯވޭ

ނޫސްތަކަށް ދައުލަތުން ފައިސާދޭ އުސޫލެއް އޮންނާކަށް ނުޖެހޭ!

ކޮންމެ ބަޔަކުވެސް އެބަޔަކު ބޭނުންނުވާ ގޮތަކަށް ހަބަރާ މައުލޫމާތު ފެތުރޭކަށް ނުވަތަ ފަތުރާކަށް ބޭނުމެއް ނުވާނެއެވެ. އެ ބަޔަކު ބޭނުން ނޫން ގޮތަކަށް ފަތުރާ ހަބަރާ މައުލޫމާތަކީ ތެދު ކަމަކަށްވެސް ގިނަ ފަހަރަށް ގަބޫލެއް ނުކުރާނެއެވެ. ކޮންމެ ބަޔަކަށްވެސް ނޫސްވެރިކަމާއި ނޫސްވެރިން މުހިންމުވަނީ އެބަޔަކު ބޭނުންވާ ކަމެއްގެ ހަބަރާއި މައުލޫމާތު ފަތުރާލަން ބޭނުން ވުމުންނެވެ. 

ބަޔަކު ނޭދޭ ގޮތަކަށް ނޫސްވެރިކަން ކުރާނަމަ އެގޮތަށް ނޫސްވެރިކަން ކުރާ ބަޔަކާ ނުރުހޭ ދެކޮޅުވެރިން ވެސް ތިބޭނެކަން ނޫސްވެރިންނަށް އެގެންޖެހެއެވެ. ނުރުހޭ ބައެއްގެ އެއްބާރުލުން ނުލިބޭނެކަން ވެސް އެނގެން ޖެހެއެވެ. ތަފާތު މަސްލަހަތު ތަކުގައި ތަފާތު ގޮތްގޮތަށް ނޫސްވެރިކަން ކުރާއިރު އެކަން ގަބޫލު ކުރަންޖެހެއެވެ.

ހުދުމުހުތާރު ވެރިކަމެއް އޮތްތަނެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫސްވެރިކަން ކޮށްދީގެންނެވެ. ޑިމޮކްރަސީގެ ބޯޑު އަޅުވައިގެން ކުރާ ވެރިކަމެއް ނަމަވެސް ހުރިހާ ނޫސްތަކަށް އެއްވަރުގެ ހަމަހަމަ ފުރުސަތެއް ނޯވެއެވެ. އުސޫލުތައް ހަދައިގެންވެސް ދައުލަތުގެ ފައިސާ އޮހެނީ ސަރުކާރުގެ ރުހުން އޮންނަ ބަޔަކަށެވެ. ސަރުކާރަށް ފާޑުކިޔަމުން ސަރުކަރުގެ ތެރެއިން މާލީ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ.

އެހެންނޫނަސް ނޫސްވެރި ކަމުގެ މިނިވަން ކަމަކީ ސަރުކާރުތަކުން އެކަނި ހޯދާދެވޭނެ އެއްޗެއް ނޫނެވެ. އެއިރަކު އޮންނަ ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް އަމިއްލަ ވިޔަފާރިތަކުން ވެސް އެއްބާރުލުން ލިބޭނީ މަދު ފަހަރެއްގައެވެ. ސަރުކާރުން ފިއްތުމެއް ނުފިއްތިޔަސް ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް ގިނަ އަމިއްލަ ވިޔަފާރި ތަކުން އެހިތެރިވެދޭން ޖެހެލުންވުމުގެ ސަގާފަތެއް ރާއްޖޭގައިވެސް އޮވެއެވެ.   

ކޮންމެ ނޫހަކުންވެސް އެބައެއްގެ ހަރަދު ބަރަދު ހަމަޖެއްސުމަށް ގޮތްތައް ހޯދާ ކެރި ފޯރުންތެރިކަން ހުންނަ މިންވަރަކުން ނޫސްވެރިކަން ކުރުމަކަށް ހުރަހެއް ނެތެވެ. އިންތިޒާމު ވެގެން ނޫސްތަކަށް ދައުލަތުގެ މާލިއްޔާއިން ފައިސާދޭ އުސޫލެއް ހަދާ ހިންގާކަށް ނުޖެހެއެވެ. ދައުލަތުން ނޫސްތަކަށް ފައިސާ ދިނުމަކީ އެއްހަމައަކުން އިންސާފުން ކުރެވޭނެ ކަމެއްނޫނެވެ. އެހެނަސް ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން އެމީހުންގެ މާކެޓިންގ ނިޒާމުގެ ތެރެއިން އެކުންފުންޏަކަށް އެންމެ މަންފާ ކުރަނިވި ގޮތަކަށް މަރކެޓިންނަށް ހަރަދު ކުރުމަކީ މުޅިން އެހެން ކަމެކެވެ.

ދައުލަތުން ނޫސްވެރިކަން ކުރިއެރުވުމަށް ކޮށްދޭން ޖެހޭ މުހިންމު ކަންކަން އެބަހުއްޓެވެ. ނޫސްވެރިކަމާ ގުޅުން ހުރި ފަންނު ތަކުން މީހުން ބިނާކުރުމަކީ ވަރަށް ބޭނުން ތެރިކަމެކެވެ. މައުލޫމާތު ހޯދާ ލިބިގަތުން ފަސޭހަކޮށް ދިނުމަކީ އެހާމެ އިސްކަންދޭން ޖެހޭ ކަމެކެވެ. ނޫސްވެރިންނާއި ނޫސްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ. ނޫސްވެރިކަމުގެ ގާނޫނީ އޮޅިތައް ތިރި ކުރަން ޖެހެއެވެ. މިނިވަން ނޫސްވެރި ވެއްޓެއް ނަގަހައްޓާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޒިންމާދާރު ސެލްފްރެގިލޭޓަރީ ބާރަކަށް ނޫސްވެރިކަން ހަދާދެން ޖެހެއެވެ. ނޫސްވެރިކަމުގެ އަގުވަޒަން ކުރުމަކީ ހިތްވަރު ލިބޭނެ ކަމެކެވެ.