އައްޑޫގައިވެސް ތަފާތުކުރުން
ސިޓީ މީހުންނަކީ އެހެން މީހުނަށްވުރެ މަތިވެރިކަމެއް ލިބިފައިވާ ބައެއްތަ!
ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުތަކުން ވެރިކަން ހިންގާފައިވަނީ ބައިބައިކޮށް އެއް ބަޔަކު އަނެއްބަޔަކާ ޖައްސައިގެންނެވެ. އެއްރަށް އަނެއް ރަށާއެވެ. މާލެއާއި ރާއްޖެތެރެއާއެވެ. އެގޮތުން މާލޭ ބޭފުޅުންނާއި ރަށްފުށު މީހުންގެ ދަރަޖަ ކުރުމެއް އޮންނަނީ އަށަގަންނަވާފައެވެ.
މާލެއާއި ރާއްޖެތެރޭގެ ވިސްނުން 90ގެ އަހަރުތަކާ ހަމަޔަށް އައިއިރު ވަރަށް ބޮޑުތަނުން ކުޑަވެފައި އޮތްކަމަށް ގަބޫލު ކުރެވުނެވެ. އެހެންނަމަވެސް އެ ހަގީގަތް ބަދަލުނުވާކަން ލާމަރުކަޒީ ގާނޫނާއެކު ފާޅުވެއްޖެއެވެ.
މާލެ ސިޓީއަކަށްވެ، ސިޓީ މީހުންނަކީ އެހެން މީހުނަށްވުރެ މަތިވެރިކަމެއް ލިބިފައިވާ ބަޔަކަށްވީއެވެ. ސިޓީގައި އޮންނަ ކުރިއެރުން އެހެން ބަޔަކަށް ހައްގުނޫން ކަމަށް އިހުސާސު ކޮށްދެއެވެ. ރާއްޖޭގެ ރަށްތަކުގެ ތޮބީއަތަށް ބަލާއިރު މަދުތަނަކަށް ނޫނީ ސިޓީގެ ދަރަޖަ ހޯދޭނެ ގޮތެއްވެސް ނެތެވެ. ސިޓީގެ ދަރަޖަ ގާނޫނީ ގޮތުން ދޭންކަނޑައަޅާފައި ހަގީގީ މިންގަޑުތަކަށް ފެތޭ ހަމައެކަނި ތަނަކީ މާލެއެވެ. އެހެންނަމަވެސް ފިއްތުން ތަކާއެކު ބައެއްކަހަލަ ލުއިތައް ދީގެން ސިޓީގެ ދަރަޖަ ބައެއް ރަށްރަށަށް އެބަދެއެވެ. ނަތީޖާއެއްގެ ގޮތުން މަންޒަރު ބަދަލުވަމުންދާ ގޮތާމެދު ވިސްނާލަ ބައްލަވާށެވެ.
މާލެ ސިޓީގައި ހުރި ކޮންމެ ތަނަކަށް ތަނެއް އަނެއް ސިޓީތަކުގައި ހުންނަން ޖެހޭނެކަމަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ދައުލަތުގެ މުއައްސަސާތަކާއި ޑިޕޮލޮމެޓިކް މިސަންތަކާއި ވިޔާފާރި މަރުކަޒުތައް ސިޓީތަކުގެ މެދުގައި ހަމަހަމަކޮށް ބަހާލެވިފައި އޮންނަން ޖެހޭނެކަމަށް ވިސްނާ މީހުން މަދެއް ނޫނެވެ.
ތިލަފަތް ހަމަކުރަން އެންމެ ބޮޑަށް ވަކާލާތު ކުރެވޭތަން ފެންނަނީ އައްޑޫއިންނެވެ. އައްޑޫގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އައްޑޫގެ ތަރައްގީގެ ފުރުސަތުތަކަށް މާލޭ ސަރުކާރުން އަބަދުވެސް ހުރަސްއަޅައެވެ. ސަރުކާރުން އައްޑޫގައި ކަމެއްކުރިޔަސް ކުރަނީ އަމާކީތީ ފަރަށްދާ އުސޫލުން ކަމަށް އައްޑޫ ގިނަ ބަޔަކު ދެކެއެވެ.
މާލެއާއި އައްޑޫގެ ތަފާތު ކުރުމުގެ ވާހަކަ ދައްކާއިރު އައްޑޫން ވެސް ތަފާތުކުރުން ފެންނަލެއް ކުޑައެއް ނޫނެވެ. ސަބަބުތައް ބައިވަރު ހުރީމައެވެ. އައްޑޫ ބައެއް މީހުން ދެކޭގޮތުގައި އެއީ އައްޑޫ ސިޓީއެއް ނޫނެވެ. ހިތަދޫ ސިޓީއެވެ. ހިތަދުއާއި ގުޅިފައިވާ ރަށްރަށާއި ހިތަދޫއާއި ތަފާތު ކުރުން ބޮޑު ކަމުންނެވެ. ކަނޑު ހުރަސްކޮށް ދާންޖެހޭ ހުޅުމީދޫ އަކީ ރަށްފުށް ކަމަށް ބެލެވޭ ގޮތަށް މައިސިޓީގައި ގްރޭޑް ކުރެވިފައި އޮތް އޮތުން ބޮޑުކަމުންނެވެ.
އައްޑޫ ސިޓީގެ ރަށްރަށު ގިނަ މީހުން ދެކޭގޮތުގައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އޮވެގެން ރަށްރަށް ހިންގުން ސިޓީ ކައުންސިލަކުން ހިންގުމަށްވުރެ ނަތީޖާ މާރަނގަޅެވެ. ރައްޔިތުންނަށް ހިދުމަތް ހޯދުމާއި ކަންކަން ކުރުމަށް މާފަސޭހައެވެ. އެވާހަކަތަކަށް ބާރުލިބޭ ހެކިވެސް އެހާމެ ގިނައެވެ. އެހެން ކަމުން އެނގިކަށަވަރުވަނީ ތޮބީއަތާ ހިލާފު ނިޒާމަކުން ނަތީޖާ ހާސިލު ނުކުރެވޭނެ ކަމެވެ.