މުއިއްޒުވެސް ސައީދަށް އިތުބާރެއް ނުކުރޭ: ޝަމްހީދު
އިއުލާނުކޮށްފައި ހުރީ ހުސް ފޭކް ޕްރޮޖެކްޓް
އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ރައީސް މުހައްމަދު މުއިއްޒު ވެސް މިހާރު އިތުބާރު ނުކުރާކަމަށް ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދުގެ މައްޗަށް އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލާގައި ވާހަކަ ދައްކަވަމުން ހުޅުނާލޭ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރ ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އެންމެ ބާރަށް ކުރިއަށް ގެންދާ ރަސްމާލެ ޕްރޮޖެކްޓުގައި ސައީދުގެ ދައުރެއް ނެތީ އެހެންވެންނެވެ.
މިނިސްޓަރ ސައީދުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ މައިގަނޑު ސަބަބުތައް ވެސް ޑރ.ޝަމްހީދުވަނީ ވިދާޅުވެ ދެއްވާފައެވެ. މުއިއްޒުގެ ސަރުކާރުން ސައީދު އިގްތިސޯދީ މިނިސްޓަރކަމުގައި އިއުލާނުކޮށްފައި ހުރި ބައެއް ޕްރޮޖެކްޓްތަކަށް ޑރ. ޝަމްހީދު އަލިއަޅުއްވާ ލެއްވިއެވެ.
8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި ފޭކް ޕްރިންސާއެކު ހިންގަން އުޅުނު ބިޔަ ސްކޭމްގެ ވާހަކަ ޑރ. ޝަމްހީދު ހަދާން ކޮށްދެއްވިއެވެ. މާލޭކައިރީގައި އޮތް ތެޔޮ ފުނަދޫން ތެޔޮ ސްޓޯރޭޖްތައް އެހެންތާކަށް ބަދަލުކޮށް ގާއިމުކުރާނެކަމަށް އިއުލާނުކުރި ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ހަބުގެ ހުވަފެން ހަގީގަތަކަށް ނުހެދުނުކަން ފާހަގަ ކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ދަތުރު ފަތުރު ފަސޭހަކޮށް ތަރައްގީގެ އެހެން ހަރުފަތަކަށް ގެންދިޔުމަށް ގާއިމުކުރާނެ ކަމަށްބުނި ފޮނަދޫ-މާލެ-ހުޅުމާލެ މޮނޮރެއިލް ސިސްޓަމާއި ފޮނަދޫ-މާލެ-ހުޅުމާލެ ބްރިޖު ކަނެކްޝަން، ހިޔާލީ ފޮލާއަކަށް ވެގެން ގޮސްފައިވާކަން ހަދާންކޮށް ދެއްވިއެވެ.
ހުޅުލޭ ސީޕްލޭން ޓާމިނަލް ރީލޮކޭޝަނާއި ފޮނަދޫ އެސްޓީއޯ ފިއުލްފާމް ރިލޮކޭޓް ކުރުން ކޮބައިތޯ އެއްސެވިއެވެ.
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ނުފެށި ނޭވާ ހޮޅިއަށްއެޅި ވެންޓިލޭޓަރަށް ލާންޖެހުނުކަން ހަނދާން ކޮށްދެއްވިއެވެ. އިހަވަންދޫ އިކޮނޮމިކް ގޭޓްވޭ ފޭލިވެ އިހަވަންދިއްްޕޮޅު އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓު އިނދަޖެހިފާ އޮތް އޮތުން ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ.
ނާރާނެކަމަށް ބުނި ޑޮލަރުގެ ހާލަތާއިމެދު މަޖިލީހުގައި މެންބަރުން ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރ ސައީދުގެ އިތުބާރު ގެއްލިފައިވާކަން ތަކުރާރުކޮށް ފާޅުކުރިއެވެ.




