ބަލިވެއިން 11 އަހަރުގެ ކުޑަކުއްޖެއްގެ ދަރިވައްޓާލަން އަމުރުކޮށްފި
ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ އަންހެންކުއްޖަ އިނީ ބަލިވެ
ޖިންސީ ގޯނާގެ ޝިކާރައަކަށްވެގެން ބަލިވެއިން 11 އަހަރުގެ ކުޑަކުއްޖަކަށް، އެ ބަލިވެއިނުމައިގެން ކުރިއަށްދާން މަޖުބޫރު ނުކުރެވޭނެ ކަމަށް ޖައްމޫ އެންޑް ކަޝްމީރު ހައިކޯޓުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ، މެޑިކަލް ބޯޑުން އެ ކުއްޖާ ބެލުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް އެ ކުއްޖާ ބަލިވެއިންތާ 24 ހަފުތާއާއި 02 ދުވަސް ވެފައިވާކަން އެނގުމާ ގުޅިގެންނެވެ.
ޖައްމޫ، ކަޝްމީރު އަދި ލަޑާކް ހައިކޯޓުން އަންގާރަ ދުވަހު ނިންމި ނިންމުމުގައިވަނީ، 11 އަހަރުގެ އެ ކުއްޖާގެ ބަލިވެއިނުން ނިމުމަކަށް ގެނައުމުގެ ހުއްދަ ދީފައެވެ. ކޯޓުން ބުނެފައިވަނީ "މެޑިކަލް ޓާމިނޭޝަން އޮފް ޕްރެގްނަންސީ އެކްޓް" ގެ ދަށުން ކަނޑައަޅާފައިވާ 24 ހަފުތާގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެކަމުގެ ސަބަބުން ގާނޫނުއަސާސީން އެ ކުއްޖާއަށް ލިބިދޭ ރައްކާތެރިކަން ހަނި ނުކުރެވޭނެ ކަމަށެވެ.
ޖަސްޓިސް ވަސީމް ސާދިގު ނަރުގަލް ނިންމެވި މި ނިންމުމުގައި، ކަމާބެހޭ އިދާރާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވެގެން ބަލިވެއިން 11 އަހަރުގެ ކުޑަކުއްޖަކަށް، އެ ބަލިވެއިނުމައިގެން ކުރިއަށްދާން މަޖުބޫރު ނުކުރެވޭނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ޝަރީއަތުން މައްސަލަ ބަލަމުންދިޔަ ދުވަސްވަރު، 2003 ވަނަ އަހަރުގެ ގަވާއިދުގައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް، 1971 ވަނަ އަހަރުގެ ގާނޫނާއި ގާނޫނުއަސާސީގެ 226 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ލިބިގެންވާ ބާރުތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ހަވާލާދެއްވައި، ހަމައެކަނި ގާނޫނުގައިވާ މުއްދަތެއް ހަމަވުމުން އަންހެނެއްގެ ނުވަތަ ކުއްޖެއްގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުން މަހުރޫމް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މެޑިކަލް ބޯޑުން އެ ކުއްޖާ ބެލުމަށްފަހު ހާމަކޮށްފައިވަނީ، ބަލިވެއިނުން ނިމުމަކަށް ގެނައުމަށް އެ ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހުރި ކަމަށެވެ. އަދި މި މަރުހަލާގައި ބަލިވެއިނުން ނިމުމަކަށް ގެނައުމަކީ ސިއްހީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި، ނަމަވެސް ބައެއް ސިއްހީ ނުރައްކާތައް ހުރެދާނެ ކަމަށްވެސް ބޯޑުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކޯޓުން އިތުރަށް ބުނެފައިވަނީ، ވަގުތު ފާއިތުވެގެން ގޮސްފައިވަނީ އެ ކުއްޖާގެ އިހުމާލުން ނޫން ކަމަށާއި، އެއީ މެޑިކަލް ރިޕޯޓުތައް ހޯދުމާއި ޝަރުއީ މަރުހަލާތަކަށް ހޭދަވި ވަގުތު ކަމަށެވެ. އެހެންކަމުން، ކުއްޖާގެ އުމުރަށާއި ހާލަތަށް ބަލައި، ބަރަމުއްލާގެ ގަވަރުމެންޓް މެޑިކަލް ކޮލެޖްގެ ހޮސްޕިޓަލުން އެންމެ އަވަސް ފުރުސަތެއްގައި މިކަން ކުރިއަށް ގެންދިއުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، މި މަރުހަލާގައި އެ ކުއްޖާގެ މަންމަ ނުވަތަ ބެލެނިވެރިޔަކަށް ބައިވެރިވެވޭނެ ގޮތް ހެދުމަށާއި، ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އަންގާފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހޯދުމުގެ ތަހުގީގަށް ބޭނުންވާ ޑީ.އެން.އޭ ސާމްޕަލްތައް ރައްކާތެރިކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ، މިއަހަރުގެ މާރިޗު މަހު އެ ކުއްޖާގެ އާއިލާއާއެކު ބަރަމުއްލާއަށް ބަދަލުވި ފަހުންނެވެ. ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ބަލިވެއިނުމުގެ ސަބަބުން ދިމާވި އުނދަގޫތަކެއްކަން އެނގުމުން، ކަޝްމީރުގައި އުޅުނު ދުވަސްވަރު ނޭނގޭ މީހަކު އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަން ވަނީ ހާމަވެފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކުއްޖާ މިހާރު ހުރީ ދައުލަތުގެ ރައްކާތެރިކަމުގެ ދަށުގައެވެ. ނަމަވެސް މި އަމަލު ހިންގި މީހާ އަދި ހައްޔަރުކުރެވިފައެއް ނުވެއެވެ.




