ސަހަރާ ބޯ ޖަންގައްޔަކަށް | ދަ ގްރޭޓް ގްރީން ވޯލް

ސެނެގާލުން ފެށިގެން ޖިބޫތީއަށް އެފްރިކާ ބައްރު ހުރަސްކޮށް، ގަސްތަކުގެ ބޮޑު ފެހިބަސްތީއެއް ބިނާކުރުން

ސަހަރާ ބޯ ޖަންގައްޔަކަށް | ދަ ގްރޭޓް ގްރީން ވޯލް

"ގްރޭޓް ގްރީން ވޯލް" އަކީ އެފްރިކާގެ ސާހެލް ސަރަހައްދު ސަހަރާއަކަށް ބަދަލުވަމުންދާ ދިއުން ހުއްޓުވުމަށްޓަކައި ފަރުމާކުރެވިފައިވާ މުހިންމު މަޝްރޫޢެކެވެ. މީގެ އަސާސީ މަގުސަދަދަކީ ސެނެގާލުން ފެށިގެން ޖިބޫތީއާ ހަމައަށް އެފްރިކާ ބައްރު ހުރަސްކޮށް، ގަސްތަކުގެ ބޮޑު ފެހި ބަސްތީއެއް ބިނާކުރުމެވެ. ސަރަހައްދު ސަހަރާއަކަށް ބަދަލުވުމުގެ ސަބަބުން ކުރިމަތިވާ ތިމާވެއްޓާއި އިގުތިސޯދާއި ކާނާގެ ރައްކާތެރިކަމާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މި މަޝްރޫޢުގެ ދަށުން ކުރިއަށްދެއެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން ބަޔާންކުރާ ގޮތުގައި، ބިން ސަހަރާއަކަށް ބަދަލުވުމަކީ ތިމާވެށީގެ ނާޒުކު ނިޒާމުތަކަށް އިންސާނުންގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކާއި، ވަލުޖަނަވަރުންގެ މާހައުލުތައް ހަލާކުކުރުމާއި، އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ބިން ހަނަފަސްވެ، ބިންގަނޑުގެ ފެންވަރު ދަށްވުމެވެ. މިކަމުގެ ސަބަބުން ސާހެލް ސަރަހައްދުގެ ރަށްފުށުގެ ދިރިއުޅުމަށާއި ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ގަރުނު ނިމޭއިރު އުތުރު އެފްރިކާއަށް ވެހޭ ވާރޭ 25 އިންސައްތައަށް މަދުވެ، ހަނަފަސް ސަރަހައްދުތައް އިތުރަށް ހަނަފަސްވެގެން ދާނެއެވެ.

2007 ވަނަ އަހަރު އެފްރިކަން ޔޫނިއަނުން ފާސްކޮށް، 2012 ވަނަ އަހަރު ސަރަހައްދީ ފެންވަރުގައި ގްރޭޓް ގްރީން ވޯލް ތަންފީޒު ކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވައިލެވުނެވެ. ބައިވެރިވާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކޮންމެ ގައުމަކަށް ވަކިވަކިން އަމަލީ މަސައްކަތުގެ ޕްލޭންތައް މިހާރުވެސް ދަނީ އެކުލަވައިލަމުންނެވެ.

ގްރޭޓް ގްރީން ވޯލް ފުޅާމިނުގައި ގާތްގަނޑަކަށް 15 ކިލޯމީޓަރު އަދި ދިގުމިނުގައި 7775 ކިލޯމީޓަރު ހުންނާނެ ކަމަށް ބެލެވެއެވެ. މިއީ ސާހެލްގެ 11 ގައުމެއްގެ ތެރެއިން، ބިންގަނޑު ހިކި އަދި ވެލި ގިނަ ސަރަހައްދުތަކުން ދެމިގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ފާރެކެވެ. މި ޕްރޮޖެކްޓްގައި ފެން ހިފެހެންޓުމަށް ކުޅިތައް ހެދުމާއި، ހަނަފަސްކަމުގެ ތެރޭގައި ހެދޭ ސަރަހައްދުގެ އަސްލު ގަސްތައް އިންދުން ހިމެނެއެވެ.

ގަސްތަކުގެ ސަބަބުން ވަޔާއި ބިމުގެ ފަސްގަނޑު ފައިބައިގެން ދިޔުން ކުޑަވެ، ބިމަށް ފެން ދަމާ މިންވަރު އިތުރުވެގެން ދާނެއެވެ. މީގެ ސަބަބުން ބިންގަނޑުގެ މުއްސަނދިކަން އިތުރުވެ، ދަނޑުވެރިކަމާއި ސަގާފީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި ޖަނަވަރުތަކުގެ މާހައުލުތައް އާލާވެ، ޖައްވުގައި ހުންނަ ކާބަން ދަމައިގަތުމަށްވެސް ބޮޑު އެހީއަކަށް ވެގެން ދާނެއެވެ.

ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި ސަގާފީ ގޮތުން ގެންގުޅޭ ޖަނަވާރުތައް ބަލަހައްޓާ ސަރަހައްދުތައް ހިމެނޭ ގޮތަށެވެ. އެހެންކަމުން، މިކަމުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މި މަޝްރޫއުގެ އުއްމީދަކީ ހަނަފަސްކަން ކުޑަކުރުމުގެ އިތުރުން، އާންމު ރައްޔިތުންނަށް ބޭނުންވާނެ ކާނާއާއި ބޭސްވެރިކަމުގެ ސާމާނާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.