ފިލައިގެން އުޅޭތާ 42 އަހަރުފަހުން ފެނުނީ ގާތިލްތަ؟

ދޭތެރެ ދޭތެރެއިން ފެނުނަސް މުޖުރިމު ކަލޭގެ އަދިވެސް އަތުލައިނުގަނެވޭ

ފިލައިގެން އުޅޭތާ 42 އަހަރުފަހުން ފެނުނީ ގާތިލްތަ؟
  • 42 އަހަރަށްފަހު ސުކުމާރަ ކުރޫޕްގެ ހޯދުމުގެ މަސައްކަތް އައުވެއްޖެ
  • ބްރޫނާއީން ފެނުނު ކަމަށް ބުނާ ފޮޓޯއާއެކު އައު ހޯދުންތަކެއް

ކެރެލާގެ މަޝްހޫރު ކުށްވެރިޔާ ސުކުމާރަ ކުރޫޕް، ބްރޫނާއީގައި ވަގު ނަމެއްގައި ދިރިއުޅެމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކެއް ބުނެފިއެވެ. ޓީވީ ޗެނަލަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ މަސައްކަތް ކުރަމުންދިޔައީ އިމާރާތްކުރުމުގެ ދާއިރާގައެވެ. އޭނާގެ ވާހަކަދެއްކުމުގެ ގޮތް ހުރިގޮތުން އެއީ ކުރޫޕް ކަމަށް ބައެއް މީހުންނަށް ތުހުމަތު ކުރެވުނު ނަމަވެސް، އޭނާ އުޅެމުންދިޔައީ އެކަހެރި ދިރިއުޅުމެކެވެ.

މި މައްސަލައަކީ 1984 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ކުރޫޕްގެ ނަމުގައި އޮތް 8 ލައްކަ ރުޕީސްގެ އިންޝުއަރެންސް ފައިސާ ހޯދުމަށްޓަކައި، އޭނާއާ ވައްތަރު މީހަކު މަރާލުމަށްފަހު ކާރުގެ ތެރެއަށްލައި އަންދާލި ކަމަށް ތުހުމަތު ކުރެވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ފުލުހުންނަށް ނުފެނި ފިލައިގެން އުޅޭ މި ކުށްވެރިޔާގެ ވާހަކައަށް ބިނާކޮށް 2021 ވަނަ އަހަރު 'ކުރޫޕް' ގެ ނަމުގައި ފިލްމެއްވެސް ވަނީ އުފައްދާފައެވެ.

ކުރޫޕް މިހާރު މަރުވެފައިވާނެ ކަމަށް ބަލައި ފުލުހުން މި މައްސަލަ ނިންމާލަން އުޅެނިކޮށް ފެންމަތިވި މި ހަބަރާއެކު، ހޯމް މިނިސްޓަރު ރަމޭޝް ޗެންނިތަލާ ވިދާޅުވީ މިކަން އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ. އަދި އިންޓަޕޯލްގެ އެހީތެރިކަމާއެކު މިކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

1984 ވަނަ އަހަރުގެ ޗަކޯގެ ގާތިލް

އަބޫދާބީގެ ތެޔޮ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ކުރޫޕް، އޭނާގެޅިޔަނު ބާސްކަރަ ޕިއްލައި އާއި އިތުރު ބައެއްގެ އެހީގައި ކޭ.ޖޭ ޗަކޯ ނަމަކަށް ކިޔާ މީހަކު ވަގަށް ނަގައި މަރާލިއެވެ. ޗަކޯއަކީ ފިލްމު ހަދާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރާލީ ކުރޫޕްގެ ކާރުގެ ތެރޭގައި ބާއްވައި އަންދާލުމަށްފަހު، އެއީ ކުރޫޕް ކަމަށް ދެއްކުމަށެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން އެނގުނު ގޮތުގައި އެ މީހާ މަރުވީ ކާރުގައި ރޯކޮށްލުމުގެ ކުރިންނެވެ.

މި ހާދިސާއަށް ފަހު ކުރޫޕް ފިލައިގެން ދިޔަ ނަމަވެސް، އޭނާއަށް އެހީތެރިވި މީހުން ހައްޔަރުކޮށް އުމުރަށް ޖަލަށްލެވުނެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި އޭނާ ފެނުނު ކަމުގެ ރިޕޯޓްތައް ލިބުނު ނަމަވެސް، އޭނާ އަތުލައިގަނެވޭ ގޮތެއް ނުވިއެވެ.

ފޮޓޯގެ ހަގީގަތް

މިފަހަރު ޓީވީ ޗެނަލުން ދެއްކި ފޮޓޯއަކީ ކުރޫޕްގެ ފޮޓޯއެއް ކަމަށް ބުނި ނަމަވެސް، ތްރިސޫރަށް ނިސްބަތްވާ އާއިލާއަކުން ވަނީ އެއީ އެމީހުންގެ ތިމާގެ މީހެއް ކަމަށްވާ ދާމޯދަރަ މެނަން ކަމަށް ބުނެފައެވެ. ދާމޯދަރަ މެނަންއަކީ މީގެ 40 އަހަރު ކުރިން ގައުމުން ބޭރަށް ހިޖުރަކޮށް، މިހާރު މެލޭޝިއާގައި އާއިލާއާއެކު ދިރިއުޅެމުންދާ މީހެއް ކަމަށް އޭނާގެ ކޮއްކޮ ކަރުނާކަރަ މެނަން ބުންޏެވެ.

ފުލުހުންގެ ތަހުގީގުން ވެސް މިހާތަނަށް ބެލެވޭ ގޮތުގައި އެ ފޮޓޯއިން ފެންނަނީ ދާމޯދަރަ މެނަންއެވެ. އޭނާއަކީ ބްރޫނާއީގައި ބަލިހާލަތުގައި އެކަނިވެފައި ހުރި މީހެއް ކަމަށާއި، އޭނާއަށް އެހީތެރިވުމަށް ބްރޫނާއީގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ އެދިފައެވެ. އެހެންކަމުން، ކުރޫޕް ފެނުނު ކަމަށް ބުނާ ވާހަކައަކީ އަދިވެސް ކަށަވަރު ނުވާ ވާހަކައެކެވެ.