އިންޝާﷲ އޭ ބުނެގެން ޕޮލިހެއްގެ ވަޒީފާ ބަދަލުކޮށްފި
"ނިއުޓްރަލްކަން" ގެއްލުވާލިކަމަަށް ބަލާ ފިޔަވަޅުއެޅީ އައި.ޕީ.އެސް އޮފިސަރު ޑރ. ބުޝްރާ ބާނޯ އަށް
ޕޮލިސް އޮފިސަރަކު އާއްމު ތަނެއްގައި ވާހަކަދައްކަމުން "އިންޝާﷲ" ބޭނުންކުރުމުން ކަނާތު ފިޔައިގެ ގްރޫޕްތަކުން ވީޑިއޯއަކާ ގުޅިގެން ޝަކުވާކުރުމުން ބެންގާލްގެ ފުލުސް އޮފިސަރެއްގެ ވަޒީފާއިން ބަދަލުކޮށްފިއެވެ.
"ހިންދޫ ލީގަލް ފަންޑު" ކިޔާ ޖަމާއަތަކުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، އެ އައި.ޕީ.އެސް އޮފިސަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި ވެސްޓް ބެންގާލްގެ ހޯމް ސެކްރެޓަރީ ސަންގަމިތުރާ ގޯޝްއަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި، އާންމުކޮށް މުއާމަލާތްކުރުމުގައި އެ އޮފިސަރު ވަނީ "ނިއުޓްރަލްކަން" ގެއްލުވާލައި، ގައުމީ ބަސްމަގު ބޭނުންކުރުމަށް ނުކުޅެދިފައެވެ.
ވެސްޓް ބެންގާލްގެ ބީ.ޖޭ.ޕީ ސަރުކާރުން "އާންމު މަސްލަހަތަށްޓަކައި" ކަމަށް ބުނެ، އައި.ޕީ.އެސް އޮފިސަރު ޑރ. ބުޝްރާ ބާނޯ އާއި ސްޓޭޓް ޕޮލިސް ސާވިސްގެ އިތުރު ދެ އޮފިސަރަކު ވަނީ އެހެން މަގާމުތަކަކަށް ބަދަލުކޮށްފައެވެ.
ބާނޯގެ މަގާމު ބަދަލުކޮށްފައި މިވަނީ، ޔޫޓިއުބްގައި އޭނާ އާންމުކުރި ވީޑިއޯއަކާ ގުޅިގެން ކަނާތު ފިޔައިގެ ގްރޫޕްތަކުން ޝަކުވާ ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެ ވީޑިއޯގައި ބާނޯ ވަނީ ސިވިލް ސާވިސްއަށް ވަނުމަށް އޭނާ ކުރި ދަތުރާ ބެހޭގޮތުން ވާހަކަދައްކައި، ޔޫ.ޕީ.އެސް.ސީ އިމްތިހާނަށް ތައްޔާރުވުމުގައި އުއްތަރަ ޕްރަދޭޝްގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީ (އޭ.އެމް.ޔޫ) ގެ ރެސިޑެންޝަލް ކޯޗިން އެކަޑަމީ (އާރް.ސީ.އޭ) އިން ލިބުނު އެހީތެރިކަމަށް ތައުރީފުކޮށްފައެވެ.
އެ ވީޑިއޯގައި އައި.ޕީ.އެސް އޮފިސަރު ބުނެފައިވެއެވެ: "އައްސަލާމް އަލައިކުމް! އަޅުގަނޑަކީ 2021 ވަނަ އަހަރު އައި.ޕީ.އެސް ފާސްވެ، މިހާރު ހަރަގްޕޫރުގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުރި މީހެއް. ސައުދީ އަރަބިއްޔާއިން އެނބުރި އައުމަށްފަހު އަޅުގަނޑު ޔޫ.ޕީ.އެސް.ސީ އިމްތިހާނަށް ތައްޔާރުވާން ފެށިން. ފުރަތަމަ އަމިއްލައަށް ކިޔެވި ނަމަވެސް، ފަހުން އޭ.އެމް.ޔޫގެ އާރް.ސީ.އޭ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އެތަނުގެ ކުތުބުޚާނާއަކީ ވެސް ވަރަށް ފުރިހަމަ ތަނެއް. އަޅުގަނޑު މި ވާހަކަތައް ހިއްސާ މިކުރަނީ އެހެން މީހުންނަށް ވެސް މީގެން ފައިދާކުރާނެ ކަމަށް އުންމީދުކޮށްގެން."
ހިންދޫ ލީގަލް ފަންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ: "އޭނާ ވާހަކަ ފެށީ 'އައްސަލާމް އަލައިކުމް' އިން. އަދި "އިންޝާﷲ" ބޭނުންކޮށް، ނިންމާލީ "ޖަޒާކަﷲ" އިން. އޭނާ "ވަންދޭ މާތަރަމް" ނުވަތަ "ޖައި ހިންދު" ބޭނުންކޮށްފައެއް ނުވޭ. އިންޑިއާގެ ދައުލަތް ތަމްސީލުކުރާ ވަޒީފާގައި ހުރި އޮފިސަރަކު އާންމު މުއާމަލާތްތަކުގައި ނިއުޓްރަލްކަން ހިފަހައްޓައި، ގައުމީ ބަސްމަގު ބޭނުންކުރަންޖެހޭނެ. މިކަން މުރާޖައާކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެދެން."
މި މައްސަލައާ ގުޅިގެން 'ދަ އިންޑިއަން އެކްސްޕްރެސް' އިން ބާނޯއާ ސުވާލުކުރުމުން، އޭނާ ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.
މިދަނޑިވަޅުގައި، ކްރިޝްނާނަގަރްގެ ޓީ.އެމް.ސީ މެންބަރު މަހުއާ މޮއިތްރާ ވަނީ ބީ.ޖޭ.ޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމުގެ ބޮޑުވަޒީރު "ސެންގޯލް" އާއި ހުސްގަޔާ ތިބި ސާދޫންނާއެކު އައު ޕާލަމެންޓް އިފްތިތާހުކުރި ގައުމެއްގައި، މުސްލިމް އައި.ޕީ.އެސް އޮފިސަރަކު "އައްސަލާމް އަލައިކުމް" އަދި "އިންޝާﷲ" ކިޔައިގެން ވަޒީފާއިން ބަދަލުކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ގައުމު މިވަނީ ނަފްރަތާއި ތައައްސަބުގެ ސަބަބުން މަގުއޮޅިފައި ކަމަށް ވިދާޅުވެ، އިންޑިއާ ސަލާމަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ޕަޝްޗިމް މެދިނީޕޫރުގެ ހަރަގްޕޫރުގެ އެޑިޝަނަލް އެސް.ޕީގެ މަގާމުގައި ހުރި ބާނޯ މިހާރު ވަނީ އެސް.އޭ.ޕީ 4 ވަނަ ބަޓާލިއަންގެ ޑެޕިއުޓީ ކޮމާންޑަންޓްގެ މަގާމަށް ބަދަލުކޮށްފައެވެ. އެއީ ޑަބްލިއު.ބީ.ޕީ.އެސް އޮފިސަރު ސުބެންދޫ މަންޑަލް ހުރި މަގާމެވެ.
ހަރަގްޕޫރުގައި ބާނޯގެ ބަދަލުގައި މަސައްކަތް ކުރައްވާނީ ޕާތާ ގޯޝް އެވެ. އޭނާއަކީ މީގެ ކުރިން ޗަންދަންނަގަރް ޕޮލިސް ކޮމިޝަނަރޭޓްގެ އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރެވެ. ސުބެންދޫ މަންޑަލް ދެން ހުންނަވާނީ ކުރިން ގޯޝް ހުރި މަގާމުގައެވެ.


