ނަޝީދުގެ ކާމިޔާބީއާއިއެކު އެމްޑީޕީ އިސްސަފުގެ ރިއެކްޝަން

ބޮޑު ބަދަލަށް އިތުބާރު ލިބި އެއްމިސްރާބަކަށް އަމާޒު ހިފުން

ނަޝީދުގެ ކާމިޔާބީއާއިއެކު އެމްޑީޕީ އިސްސަފުގެ ރިއެކްޝަން

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު

އެމްޑީޕީ ގެ ޗެއަރޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަންނަވަމުން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ ކަމަށެވެ. އެ މަސައްކަތްތައް ކުރުމުގައި ރައީސް ނަޝީދުގެ ތަޖުރިބާ ގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދާ ވާދަ ކުރެއްވި މީކާއީލް ނަސީމް ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދެކިވަޑައިގެން ބޭފުޅެއްގެ ހައިސިއްޔަތުން މީކާއީލަށް މަރުޙަބާ ވިދާޅުވަމުން ވިދާޅުވީ މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން ކަމަށާއި ޕާޓީ އާއިގެން ކުރިއަށް ދާންވީ އެންމެން އެކީގައި ކަމަށެވެ. 

މެންބަރ މީކާއީލް ނަސީމް

ރައީސް ނަޝީދަށް ފޯނުކުރައްވާ ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިއެވެ. އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނެކަމާއި ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނަވަނެ ކަމަށް ވިދާޅުވިއެވެ. 

މީކާއީލް ނަސީމަށް ތާއީދުކޮށް ވޯޓު ދެއްވި އާންމު މެންބަރުންނާއި، ކެމްޕެއިން ޓީމުން ކޮށްދެއްވި ބުރަ، ހިތްވަރުގަދަ މަސައްކަތަށް އެބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށް ވެސް މީކާއީލް ނަސީމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު

އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ހަރަކާތުގައި ބައިވެރިވެ، ޕާޓީގެ ޑިމޮކްރަސީގެ ރޫޙު ނެރުނު އެންމެހާ މެމްބަރުންނަށާއި، އަމާން އޮމާންކޮށް އިންތހާބުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވި އެމްޑީޕީގެ އެންމެހާ ވޮލަންޓިއަރުންނަށް ޝުކުރު ދެންނެވިއެވެ. 

އިންތިހާބުގައި ވާދަކުރެއްވި މީކާއިލް ނަސީމާއި އިބްރާހިމް މުހައްމަދު (ވާޑު) ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށްވެސް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. 

ޝާހިދު ވިދާޅުވީ މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، އެންމެންއެކުގައި މިސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން ބޭނުންވާފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސަތްކަތައް ފަށަންވީ ވަގުތު ކަމަށެވެ.

ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ "މަރުހަބާ ރައީސް ނަޝީދު. މަރުހަބާ އެމްޑީޕީ މެންބަރުން."

މާތް ރަސްކަލާނގެ ވާގިފުޅާއެކު ކާމިޔާބަށް ވާސިލުވެވިއްޖެކަމަށާއި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަމުން  އިންތިހާބުގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ އާންމު މެންބަރުންނަށް ހާއްސަ ޝުކުރެއް ދަންނެވިއެވެ.

ސާބިތު ތިޔަ ކޮށްދެއްވީ އެމްޑީޕީގެ މިސްރާބު ކަނޑައަޅައިދޭ، ޕާޓީގެ ވިންދަކީ އާއްމު މެންބަރުން ކަމާއި ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް ތިޔަ ދެއްވީ މުހިންމު ވޯޓެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަމުން ފައްޔާޒު ވިދާޅުވީ ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށެވެ.

ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށާއި އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން ކަމަށައި އެމްޑީޕީ ކުރިއަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ފައިސަލް ނަސީމް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ވަރުގަދަވެ، ޕާޓީގެ ހަރަކާތްތެރިކަން އިތުރުވެ، 2028 އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އެމްޑީޕީ އަކީ ރާއްޖެ އަށް ހެޔޮ ބަދަލު ތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ގެނެސްދޭނެ އަދި ރައްޔިތުންނަށް ހަމަޖެހުން ހޯދައިދޭނެ ޕާޓީ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ. 

މާލޭ މޭޔަރ އާދަމް އާޒިމް

އެމް.ޑީ.ޕީގެ ޗެއަރ ޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަމުން ވިދާޅުވީ އުންމީދުކުރަނީ، އެންމެން ގުޅިގެން އެމް.ޑީ.ޕީ އެކަތިގަނޑެއްގެގޮތުގައި މަސައްކަތްކޮށް، 2028 ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމަށެވެ.

މި ވަގުތު ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތް ގޮތުން، ސަރުކާރު ޒިންމާދާރު ކުރުމަށް ޓަކައި، ޒިންމާދާރު މުހިއްމު މަސައްކަތްޕުޅުތަކެއް، ރައީސް ނަޝީދުގެ ލީޑަރ ޝިޕްގެ ދަށުން ކުރައްވަމުން ގެންދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ ނާކާމީޔާބުވެ ވަޑައިގެންނެވި ނަމަވެސް، މީކާއިލް ނަސީމްގެ ޝަޚުޞިއްޔަތާއި ތޫނު ވިސްނުންފުޅު ފެނިގެންދިޔާއީ، ތަޢުރީފު ހައްގުވާ ފަދަ ގޮތަކަށްކަން ފާހަގަކުރެއްވިއެވެ. މި ފަހަރު އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް، މީކާއީލަކީ ސިޔާސީ ކުރިމަގެއް އޮތް ހަރުދަނާ ޒުވާނެއްކަން ސާބިތުވެގެން ހިނގައްޖެކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.