ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ވީޑިއޯއެއް އާންމުވެގެން ބޮޑު ނުރުހުމެއް
ވީޑިއޯތައް އާންމުކުރި ސޯޝަލް މީޑިއާގެ 32 އެކައުންޓަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަނީ
އިންޑިއާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ވީޑިއޯއެއް އާންމުވުމާ ގުޅިގެން މުޅި ގައުމުގައި ބޮޑު ނުރުހުމަކާ ކުރިމަތިވެއްޖެއެވެ.
ބިހާރުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާއާއެކު ހުރި ފިރިހެން ކުއްޖާއަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެންނަ ހިތްދަތި ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ގްރޭޑް 10 ގައި ކިޔަވަމުންދާ މި ދެ ދަރިވަރުން ޓިއުޝަން ކްލާހަކަށް ފަހު އެނބުރި ދަނިކޮށް، ސެޕްޓެމްބަރު 19 ވަނަ ދުވަހު ޖަމޫއީ ޑިސްޓްރިކްޓުން ބަޔަކު ވަނީ އެކުދިން ހުއްޓުވާފައެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ ބަޔަކު އެ ދެ ކުދިން ވަށާލައި އަނިޔާކުރަމުންދާއިރު، އަންހެން ކުއްޖާއަށް ވަނީ ޖިންސީ ގޯނާ އާއި ފުރާނައަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން ކުޑަކުއްޖަކު ހައްޔަރުކޮށް، މިކަމުގައި ބައިވެރިވި އެހެން މީހުން ދެނެގަތުމަށް ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވަނީ އިންޑިއާގެ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ގާނޫނު އާއި އެހެނިހެން ޖިނާއީ ގާނޫނުތަކުގެ ދަށުންނެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ކުދިންގެ ވަކިން އެނގޭ ފަދަ ގޮތަކަށް ވީޑިއޯތައް އާންމުކުރި ސޯޝަލް މީޑިއާގެ 32 އެކައުންޓަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޯ ވުމަން އިން ވަނީ އަންހެން ކުއްޖާގެ އަމިއްލަ މިނިވަންކަމާއި ސިއްރު ހިފެހެއްޓުމަށާއި، އެ ވީޑިއޯތައް އިތުރަށް ފެތުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބިހާރުގައި އަންހެނުންގެ ރައްކާތެރިކަމާއި، "މޯރަލް ޕޮލިސިންގް" ނުވަތަ އަހުލާގީ ކަންކަން ބަލާކަމަށް ބުނެ އާންމުން ހިންގާ ހަރުކަށި އަމަލުތަކާ މެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު، ސިޔާސީ ލީޑަރުން ދަނީ މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ.


