ގެއްލުނު ފަހުން 3 އަހަރު: ތަސްލީމަށް ވީގޮތް ސަރުކާރަށް ބުނެއެއް ނުދެވުނު!

ޖިނާއީ އެއްވެސް ކަމެއް ހިންގެއް ނުހިންގެއް ތަހުގީގަކަށް ނުހޯދުނު

ގެއްލުނު ފަހުން 3 އަހަރު: ތަސްލީމަށް ވީގޮތް ސަރުކާރަށް ބުނެއެއް ނުދެވުނު!

ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުދިޔަ މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދަށް ވީ ކިހިނެއް ހެއްޔެވެ. އޭނާގެ މަތީން ހަދާން ހުރި މީހަކު އެބަހުރިހެއްޔެވެ. 

ތަސްލީމު ގެއްލިގެން ރިޕޯޓްކުރިތާ 3 އަހަރުވެގެން ދިޔައީއެވެ. ހޯދާ ހޯދާ އޭނާގެ ހަބަރެއް ވީކަމަކަށް ނުވިއެވެ. އޭނާ ގެއްލުނީ ކަމެއް ގެއްލުވާލީކަމެއް ނޭގުނެވެ. ގެއްލިގެން މީހަކު ހޯދުމުގެ އިތުރަށް އެކަމުގައި ޖިނާއީ އެއްވެސް ކަމެއް ހިމެނޭތޯ ބެލުމަށް ތަހުގީގެއް ފެށިކަމަށް ވެސް ބުންޏެވެ. 

ތަސްލީމުގެ ފޯނު ޕޮލިހަށް ލިބި އެ ފޯނުގެ ފޮރިންސިކް ތަހުލީލެއް ހެދިއެއް ނުހެދިއެއް ނޭގެއެވެ. ދަތުރު ދިޔަމީހުންނާއި ސުވާލުކޮށް ތަހުގީގަށް ލީޑެއް ލިބުނެއް ނުލިބުނެއް ނޭގެއެވެ. ތަސްލީމަށް ވީގޮތެއް ހޯދުނު ކަމަކަށް ދިވެހި ފުލުހުންނަކަށް ނުވިއެވެ. ހާދިސާއެއް ހިނގުމުން ނިކަން ފާޓުފުޅާކޮށް އެކަމަކާ އުޅޭކަމަށް ދައްކައެވެ. އާހިރުގައި ގޮސްނިމެނީ ނަތީޖާއެއް ނުލިބި ބޮނޑު ނިގުލަށެވެ. 

ނޭވަޔަކު ދެކޮޅު ބަޔަކު އެވާހަކައެއް ނުދައްކަންޏާ ކަމެއްގެ ހަގީގަތް ހާމަކޮށް އިންސާފު ހޯދާދިނުމަކީ ދިވެހި ފުލުހުންގެ ކިބައިން ފެންނަ ކަމެއް ނޫނެވެ. ރާއްޖޭގައި ހިނގާފައިވާ ގޮތްނޭ މަރުތަކާއި ގެއްލިފައިވާ މީހުންނަށް އިންސާފު ލިބި ދިނުމަކީ ދަންނަކަމެއް ނޫން ކަހަލައެވެ. ދައުލަތުގެ ކުރިމަތީގައި ރައްޔިތު މީހާގެ ނަފްސަކީ އަގެއް ހުރި އެއްޗަކަށް ނުވަނީއެވެ. 

އިންސާފު ނުލިބިފައިވާ އެތައް މަރަކާއި ގެއްލިފައިވާ އެތައް ބަޔަކު ތިބުމުން ދައުލަތެއް އޮތުމުގެ ބޭނުމެއް އޮތެކޭ ހިއެއް ނުވެއެވެ. ގޮތް ނޭނގޭ ގޮތްގޮތަށް މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ އެހެން ގިނަ މީހުން ފަދައިން ތަސްލީމަށް ވީގޮތް އަދިވެސް އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެފެ. އިންޓަރޕޯލުން ރެޑްނޯޓިސް ނެރެގެން ފެންނަނަމަ މިހާރު ފެނެއްޖައީހެވެ. ތަސްލީމަށް އިންސާފު ހޯދާދިނުމުގައި ތިން އަހަރުވެގެން ދިޔައިރު ވެސް މުއިއްޒު ސަރުކާރުވަނީ ފޭލިވެފައެވެ.