ކިންގް ކޯބްރާގެ ވިހަ ބާތިލުކުރާ މުޅިން އައު ފަރުވާއެއް އިޖާދުކޮށްފި
ހަރުފަ ދަތްއެޅުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު އެއްލައްކައަށްވުރެ ގިނަ މީހުން މަރުވޭ
ހަރުފަ ދަތްއެޅުމުން މަރުވިޔަނުދީ ސަލާމަތްކޮށްދޭނެ، ކިންގް ކޮބްރާ ގެ ވިހަ ބާތިލުކުރާ އައު އެންޓިވެނަމެއް ސައިންސްވެރިން އުފައްދައިފިއެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުން ފެންނަ ތަފާތު ބާވަތްތަކުގެ ކޮބްރާ އާއި ކިންގް ކޮބްރާގެ ވިހަ ހަށިގަނޑުގައި މަސައްކަތްކުރުން ހުއްޓުވުމުގެ ގާބިލުކަން ލިބިގެންވާ މި އެންޓިވެނަމް އުފެއްދުމަކީ، ހަރުފަ ދަތްއެޅުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު މަރުވާ އެއްލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އިންޑިއާ މީހުންނެވެ.
މި އައު އެންޓިވެނަމް އުފައްދާފައިވަނީ ބެންގަލޫރުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ދިރާސާވެރިން، ޑެންމާކްގެ ޓެކްނިކަލް ޔުނިވާސިޓީގެ އެހީތެރިކަމާ އެކުގައެވެ.
މިހާރު ބޭނުންކުރެވެމުންދާ ގިނަ އެންޓިވެނަމްތަކަކީ އަސް ފަދަ ޖަނަވާރުގެ ޕްލާޒްމާ ބޭނުންކޮށްގެން އުފައްދާ އެއްޗިއްސަށް ވާއިރު، އޭގެ ނަތީޖާ ހަރުފަގެ ބާވަތަށާއި ސަރަހައްދަށް ބިނާކޮށް ތަފާތުވެއެވެ. ނަމަވެސް އައު ހޯދުމާއެކު ހުރިހާ ބާވަތެއްގެ ކޮބްރާގެ ވިހައަށް އެއް ފަރުވާއެއް ދެވޭނެ މަގު ވަނީ ފަހިވެފައެވެ.
މި ދިރާސާގައި ބޭނުންކޮށްފައިވަނީ "ނެނޯބޮޑީސް" ނުވަތަ "ވީ.އެޗް.އެޗް.އެސް" (VHHs) ގެ ގޮތުގައި މަޝްހޫރު ފަސް ހާއްސަ އެންޓިބޮޑީއެކެވެ.
ސައިންސްވެރިން މި ފަރުވާ ތައްޔާރުކޮށްފައިވަނީ އިންޑިއާގެ ކޮބްރާ އާއި ކިންގް ކޮބްރާގެ ވިހައިގައި އެކުލެވޭ ތިން މައިގަނޑު ވިހަ މާއްދާއެއް ކަމަށްވާ "އަލްފާ ނިއުރޯޓޮކްސިންސް" އާއި "ސައިޓޯޓޮކްސިންސް" އާއި "ފޮސްފޮލިޕޭސް އޭ2" ބާތިލު ކުރެވޭނެ ގޮތަށެވެ. މި ވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ވާގިއެރުމާއި، ސެލްތަކަށް ގެއްލުންވުމުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން މެދުވެރިވެއެވެ.
މި އާ އެންޓިވެނަމް ކާމިޔާބުކަމާއެކު މީދާ ބޭނުންކޮށްގެން ވަނީ ޓެސްޓުކޮށްފައެވެ.


