ޝާހިދަކީ ރަނގަޅު ރައީސަކަށް ވާނެތަ!

ދުޅަހެޔޮ އަމާން ރާއްޖެއެއް ހޯދާދިނުން ނޫން އެޖެންޑާއެއް ނެތްކަށް ކަށަވަރު؟

ޝާހިދަކީ ރަނގަޅު ރައީސަކަށް ވާނެތަ!
ފައިލް ފޮޓޯ:

ޝާހިދަކީ ރަނގަޅު ރައީސަކަށް ވާނެތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލުމުން އެމްޑީޕީގައި މިވަގުތު ތިއްބެވި ލީޑަރުންގެ ތެރެއިން އޮނަރަބަލް އަބްދުއްލާ ޝާހިދަކީ އެންމެ ރަނގަޅުއެއް ޗޮއިސް ކަމުގައި ގަބޫލު ކުރަން އުދަނގުލެއް ނޫނެވެ. 

ބަވަނަވެތި މިޒަމާނުގައި ދުނިޔެ ދަންނަ ރައީސަކު ހުރުން ރާއްޖެއަށް ވަރަށްވެސް މުހިންމެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ބޮޑެތި ބަދަލުތަކާއި އެކު ރަނގަޅު ނާރެހުގައި ގައުމު ހިފަހައްޓަން ދުނިޔެ ދަންނަ ލީޑަރެއް ގައުމުގެ ހުންގާނުގައި ބެހެއްޓުމަކީ ރަނގަޅު ނިންމުމެކެވެ.

މުދަލުގެ އަގު އުފުލުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ބޭރަށް ބަރޯސާވެފައިވާ ރާއްޖެފަދަ ގައުމަކަށް ވަރުގަދަ ހާރިޖީ ޝަހުސިއްޔަތެއް ގައުމުގެ ވެރިއަކަށް ބެހެއްޓުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުމާއި ކިޔަވައިދޭނެ ސްކޮލަރޝިޕްތައް ހޯދުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގައި އަލަށް ތައާރަފް ވާންނުޖެހޭ ވެރިއެއްގެ މުހިންމުކަން ވަކީން ބޮޑެވެ. ބޭރު ދުނިޔޭން ފަހި ފުރުސަތުތައް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަކީ، ބައިނަލްއަގުވާމީ ދާއިރާގައި ގުޅުންތައް ވަރުގަދަ ބޭފުޅަކަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

ތެދެކެވެ. ދުޅަހެޔޮ އިގްތިސޯދެއް ހޯދުމަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ. އާއްމުންގެ ކެކުޅުންތަކުގެ ހައްލެވެ. ފުދުންތެރި ރައްޔިތުންގެ ގައުމަކަށް ރާއްޖެ ހެދުމަށް އޮތް ހަމައެކަނި މަގެވެ. އެކަން ކުރެވޭނީ ރާއްޖޭގެ އިގުތިސޯދު އެންމެ ސިނާއަތަކަށް ހުއްޓިފައި އޮތް އޮތުން ބަދަލުކޮށް އަސްދަޑިން ބޭރަށް ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ނެރެވޭ ވަރުގެ މީހަކަށެވެ. 

އަބްދުއްލާ ޝާހިދަށް އެކަން ނުވާންވީ ސަބަބެއްނެތެވެ. ލިބި ވަޑައިގެން ހުންނެވި ސިޔާސީ ތަޖުރިބާއާއި ގާއިމުވެފައިވާ ބައިނަލް އަގުވާމީ ގުޅުންތަކާއި އިލްމީ ގާބިލުކަމަށް ބަލާއިރު ރާއްޖޭން އެވަރުގެ އެންމެ މީހަކު ހޯދަންޏާ ޝަހީދަށް ވުރެވަކީން އެކަށޭނަ މީހަކު ނެތޭވެސް ބުނެވިދާނެއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ޝާހިދުގެ ފަރާތްޕުޅުން ލިބެންޖެހޭ ޔަގީންކަމަކާ އިތުބާރުތަކެއް އަދިވެސް ބައިވަރު އެބަހުއްޓެވެ. 

ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުކޮށް އަތްފޯރާފަށަށް ޑޮލަރުގެ އަގުތިރިކުރެވޭނެ ގޮތަކީ ކޮބައިކަން ބުނެދެވެން ޖެހެއެވެ. ސަރުކާރުން އާއްމު ވިޔަފާރީގެ ތެރެއަށް ނުވަދެ ރާއްޖޭގެ ޕަބްލިކް ސެކްޓަރ ވަރުގަދަކޮށް، މައިކްރޯ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް އެމީހުންގެ ޖީބުކަނޑަން ނޫޅެ ދައުލަތް ހިންގާނެ ގޮތެއް ބުނެދޭން ޖެހެއެވެ. 

އަސާސީ ހައްގުތައް ކަށަވަރުކޮށް ދޭނެގޮތުގެ ދެމެހެއްޓެނިވި ނިޒާމަކަށް ރުޖޫއަވެވޭނެ ގޮތެއް ސާފުކޮށްދޭން ޖެހެއެވެ. ރައްޔިތުން މުއްސަދިކޮށް ނުދީ ޓެކްސް ނަގައިގެން ދައުލަތް ހިންގުން ހުއްޓުވެން އޮތް ގޮތެއް ބުނެދޭން ޖެހެއެވެ. އަސާސީ ހިދުމަތް ދީގެން ފައިދާ ހޯދުމުގެ ވިސްނުމާ ސަރުކާރު ދުރަށް ދާނެ ގޮތެއް ކިޔާދޭން ޖެހެއެވެ. ދައުލަތުގެ ވިޔަފާރިތައް ރާއްޖޭގެ ތޮށިން ބޭރަށް ނެރެގެން ދައުލަތަށް ބޭރުފައިސާ ވައްދާދޭނޭ ޕްލޭނެއް އޮތްކަން އެގެންޖެހެއެވެ. 

ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ކުޑަކުރާނެ ގޮތަކާއި ކުރާނެ ވަރެއްވެސް މިހާރު ރައްޔިތުން ސާފުކުރަން ބޭނުންވެއެވެ. އިސްރާފާއި ކޮރަޕްޝަން ނައްތާލުމަށް އަޅާނެ ފިޔަވަޅުތައް އޮޅުމެއް ނެތް ވަރަށް ހާމަ ކޮށްދޭން ޖެހެއެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރާ އެކަނިވެރި މީހާވެސް ގާނޫނާއި އުސޫލުތަކުގެ ތެރޭގައި ތާށިވެ ކުރިއަށް ނުދެވޭވަރަށް ގަވާއިދުތައް ހަރުކަށިނުވެ ފަހި މާހައުލެއް ހޯދާދޭނެ ގޮތްތައް އޮޅުންފިލުވާ ދޭންޖެހެއެވެ. 

ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދާދިނުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި ބޭރު މީހުންގެ މައްސަލަ ހައްލުކޮށް ރާއްޖޭގެ އުފެއްދުންތެރި ކަމުގެވެށީގައި ބޭރު މީހުން ބައިވެރިކުރާނެ ގޮތާއި މިންވަރު ސާފުކުރަންވެސް ބޭނުމެވެ. މާލެއަށް ބަރޯސާވުން ކުޑަކޮށް ރަށްފުށުގެ އާއްމު ހާލަތު ރަނގަޅުކުރުމުގައި އޮތް ޕްލޭނަކީ ކޮބައިކަންވެސް އެނގުން މުހިންމެވެ. ރާއްޖޭގެ ތޮބީއަތާއި އެއްގޮތަށް ލާމަރުކަޒީ ނިޒާމުގެ ކަންކަން ހިންގުމުގައި ބާރުތައް ދޫކޮށްލާނެ މިންވަރަކާއި ކޮންމެ ސިޓީއަކާއި އަތޮޅެއްގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ އަދާލަތުގެ ކަންކަން ހިންގާ ބެލެހެއްޓުން ލާމަރުކަޒު ކުރާނެ ވަރަކާއި ގޮތެއްވެސް ސާފުވާން ޖެހެއެވެ. 

ވެލްފެއަރ ސްޓޭޓެއްގެ ގޮތުގައި ސިއްހީ ހިދުމަތާއި އަސާސީ ހިދުމަތްތައް ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން ސާފުކޮށްދީ ރައްޔިތުން ދިރިތިބުމާއި ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމުގައި ތަންފީޒުކުރާ ޕޮލިސީ އަކީ ކޮބައިކަންވެސް އެނގެންޖެހެއެވެ. ދިވެހީންގެ ދިރިއުޅުމުގެ ހާލަތު އެހެން ލެވެލަކަށް އުފުލާލަާ، ފުދުންތެރި ދުޅަހެޔޮ އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދާދިނުން ނޫން އެހެން އެޖެންޑާއެއް ނެތްކަށް ކަށަވަރު ކޮށްދުމުގެ މުހިންމުކަން އަދި މާބޮޑެވެ.