މުސްލިމް ފަނޑިޔާރަކަށް މަރުގެ އިންޒާރުތަކެއް
ކޯޓު ހުކުމްތައް ބަލަންޖެހޭނީ ގާނޫނީ ދަލީލްތަކަށް | ހުކުމް އިއްވި މީހެއްގެ ދީނުގެ މައްޗަކަށް ނޫން
އިންޑިއާގައި 'ގެރި ހިމާޔަތްކުރާ' ބަޔަކު ކުށްވެރިވުމާ ގުޅިގެން މުސްލިމް ފަނޑިޔާރަކަށް މަރުގެ އިންޒާރުތަކެއް ކުރިމަތިވެއްޖެއެވެ. މީހަކު މަރާލި މައްސަލައެއްގައި 14 ފިރިހެނަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ މައްސަލަ ބެއްލެވި އަންހެން ފަނޑިޔާރަށް އިންޓަނެޓް މެދުވެރިކޮށް ބަދުބަސް ބުނުމާއި މަރުގެ އިންޒާރުތައް ދޭން ފެށީއެވެ.
މީހަކު މެރުމާއި، މީހަކު މަރާލަން އުޅުމާއި، ހަމަނުޖެހުން ހިންގުމާއި، ގާނޫނާ ހިލާފަށް މީހަކު ހިފެހެއްޓުން ފަދަ ކުށްތަކުން އެ 14 މީހުން ކުށްވެރިވާ ކަމަށް ކަނޑައެޅީ ޖޫން މަހުގެ 12 ދުވަހުއެވެ. ސާބިތުވި ކުށްތަކާއި ގުޅިގެން އެ 14 މީހުނަށް އުމުރު ދުވަހުގެ ޖަލުހުކުމް އިއްވީ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ކޯޓެއްގެ އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖް ތަބައްސުމް ހާންއެވެ. ޖަޖް ތަބައްސަމް ހާނަކީ މުސްލިމެކެވެ.
އުމުރުން 50 އަހަރުގެ ނަޒީރު އަހުމަދު ނަމަކަށް ކިޔާ މީހަކު ރޭގަނޑު ވަގުތެއްގައި ގެރިތަކެއް އުފުލަނިކޮށް، "ގޯ ރަކްޝަކް" (ގެރި ހިމާޔަތްކުރާ މީހުން) ކަމަށް އަމިއްލައަށް ކިޔައިގެން އުޅޭ ބަޔަކު، ދަނޑިބުރިތަކާއި ދަގަނޑުބުރިތަކުން ހަތިޔާރު އަޅައިގެން އޭނާ ހުއްޓުވާ ބޮޑެތި އަނިޔާތައް ކުރުމުން ނަޒީރު މަރުވާން ދިމާވި ހާދިސާ ހިންގާފައިވަނީ 2022 ގައެވެ.
އެ މީހުން ވަނީ ނަޒީރު އަހުމަދާއި އޭނާގެ ދެ ބައިވެރިން އުޅަނދުން ނެރެ، ގެރި ވަގަށް ބޭރުކުރާ ކަމުގެ ތުހުމަތުގައި ވަރަށް އަނިޔާވެރިކޮށް ތަޅައިގަނެފައެވެ. އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނަޒީރު އަހުމަދު ވަނީ ނިޔާވެފައެވެ. އެކަމަކު އޭނާގެ ދެ ބައިވެރިން ވަނީ ސަލާމަތްވެ ކޯޓުގައި ހެކިބަސް ދީފައެވެ.
ހިންދޫންނަކީ ގެރި މުގައްދަސް އެއްޗެއްގެ ގޮތުގައި ދެކޭ ބައެކެވެ. އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ގެރި މެރުމަކީ މަނާ ކަމެކެވެ.
ފަނޑިޔާރު ތަބައްސުމް ހާންގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ ބަޔަކު ރޭވުންތެރިކަމާއެކު ހިންގާފައިވާ ރަހުމުކުޑަ ގޮތަކަށް މީހަކު މަރާލުމުގެ އަމަލެކެވެ.
ނަމަވެސް، މި ހުކުމާއެކު އެ ކަމަނާ ވަނީ ދީނީ ނަފްރަތުގެ އަމާޒަކަށް ވެފައެވެ. ހުކުމް އިއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، މުސްލިމް ފަނޑިޔާރު ތަބައްސުމް ހާނަށް ބަދުބަސް ބުނެ، އިންޒާރުދޭ ގިނަ ވީޑިއޯތަކެއް އިންޓަނެޓްގައި ފެންމަތިވާން ފެށިއެވެ. އެ ވީޑިއޯތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ ކަމަނާ އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅީ އެއީ ހިންދޫންނަށް ވާތީއެވެ.
އާންމުކޮށް ކޯޓު ހުކުމްތަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، ފަނޑިޔާރު ތަބައްސުމް ހާނަށް ދެމުންދާ ހަމަލާތައް އަމާޒުވެފައިވަނީ ގާނޫނީ ހަމަތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި އެކަން އަމާޒުވެފައިވަނީ އެ ކަމަނާގެ ދީނަށެވެ. މި މައްސަލަ ބޮޑުވުމާ ގުޅިގެން ގާނޫނީ ދާއިރާގެ އިސް ޖަމިއްޔާތަކުން ވަނީ އެ ކަމަނާއަށް ތާއީދުކޮށް، ހިމާޔަތް ދިނުމަށް ގޮވާލާފައެވެ. އަދި މިހާރު އެ ކަމަނާއަށް ވަނީ ފުލުހުންގެ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދީފައެވެ.
ބަހުގެ ހަމަލާތައް ފެށުނީ ހުކުމް އިއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ކުށްވެރިވި މީހުންގެ އާއިލާތަކުން ކޯޓު ބޭރަށް އެއްވެ، ހުކުމާ ދެކޮޅަށް އިހުތިޖާޖުކޮށް، ކުށްވެރިން ޖަލަށް ގެންދިޔުމަށް ހުރަސްއެޅިއެވެ. އެއްވި މީހުން ބުނާ ގޮތުގައި، އެ 14 މީހުންނަށް އަދަބު ދެވުނީ "ގެރި ސަލާމަތްކުރުމުގެ" މަސައްކަތް ކުރާތީއެވެ.
އޭގެ ފަހުން، ހިންދޫ ހަރުކަށި ފިކުރުގެ މީހުން އިންޓަނެޓްގައި ބޮޑު ކެމްޕޭނެއް ފެށިއެވެ. އެ މީހުން ވަނީ ފަނޑިޔާރު ތަބައްސުމް ހާނަށް ދީނީ ގޮތުން ފުރައްސާރަކޮށް، ޖިންސީ އަނިޔާދިނުމާއި މަރުގެ އިންޒާރުދީ ވީޑިއޯތައް އާންމުކޮށްފައެވެ. އެއް ވީޑިއޯއެއްގައި ބުނެފައިވަނީ 10 ދުވަސް ތެރޭގައި އެ މީހުން މިނިވަން ނުކޮށްފިނަމަ މުޅި ގައުމުގައި "ލޭއޮހޮރުވުމެއް" ހިންގާނެ ކަމަށެވެ. މި ވީޑިއޯތައް އާންމުކުރި މީހުންގެ މޫނާއި މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެތައް ހާސް ބަޔަކު ވަނީ އެ ވީޑިއޯތަކަށް ތާއީދުކޮށްފައެވެ.
ކަނާތު ފިޔައިގެ ހިންދޫ ނޫސް ޗެނަލެއް ކަމަށްވާ 'ސުދަރުޝަން ނިއުސް' ގެ އެންކަރަކު ވެސް ވަނީ ކުށްވެރިންގެ އާއިލާތަކަށް ހިތްވަރުދީ ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި، ގެރިތައް ސަލާމަތްކުރުމަށް ހުރިހާ އެއްޗެއް ގުރުބާންކުރި ބަޔަކު ޖަލަށް ދާންޖެހިދާނެ ކަމަށް އެ މީހުން ދުވަހަކުވެސް ހީނުކުރާނެއެވެ. އަދި ގެރި ހިމާޔަތްކުރާ މީހުންގެ ހައްގުގައި ތެދުވުމަށް އޭނާ ބެލުންތެރިންނަށް ގޮވާލިއެވެ.
ޖޫން 22 ވަނަ ދުވަހު، ޕަންޖާބު ސްޓޭޓްގައި "ގޯ ރަކްޝާ ޕަރިޝަދު" އިން ބޭއްވި މުޒާހަރާއެއްގައި ފަނޑިޔާރު ތަބައްސުމް ހާންގެ ސިފަޖެހޭ ބުދެއް ހަދައި، އެއަށް އަނިޔާކޮށް އަންދާލާފައިވެއެވެ. އޭގެ ތިން ދުވަސް ފަހުން، އުއްތަރު ޕްރަދޭޝްގައި ބޭއްވި މުޒާހަރާއެއްގައި ވެސް ވަނީ އެ މީހުން މިނިވަންކުރުމަށް ގޮވާލާފައެވެ.
ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މާކަންޑޭ ކަޓްޖޫ 'އެކްސް' ގައި ވިދާޅުވި ގޮތުގައި، މި ހަމަލާތަކަކީ ހަމައެކަނި ހުކުމަށް ފާޑުކިޔުމެއް ނޫނެވެ. އޭގެ ބަދަލުގައި، ފަނޑިޔާރުގެ ދީނީ އައިޑެންޓިޓީ ބޭނުންކޮށްގެން އެ ކަމަނާގެ ގާނޫނީ ބާރުވެރިކަން ނަގާލަން ކުރާ މަސައްކަތެކެވެ. "ކޯޓު ހުކުމްތައް ބަލަންޖެހޭނީ ގާނޫނީ ދަލީލުތަކުގެ މައްޗަށެވެ. އެ ހުކުމް އިއްވި މީހެއްގެ ދީނުގެ މައްޗަކަށް ނޫނެވެ،" އޭނާ ލިޔުއްވާފައިވެއެވެ.
ފަނޑިޔާރު ތަބައްސުމް ހާން ވަނީ ކަޓްޖޫއަށް މެސެޖެއް ފޮނުއްވައި ޝުކުރު އަދާކުރައްވާފައެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި، މި ފުރައްސާރަތަކުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި، ހުކުމް އިއްވުމަކީ ކުށެއް ކުރެވުން ފަދަ އިހުސާސެއް ކުރެވޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަން ގެ ރައީސް ވިކާސް ސިންގް ވިދާޅުވި ގޮތުގައި، ފަނޑިޔާރަކަށް އިންޒާރު ދިނުމަކީ ޑިމޮކްރަސީގެ ބިންގަލަށް ނުރައްކާވާ ފަދަ ސީރިއަސް މައްސަލައެކެވެ. "މިފަދަ ކަންކަމަށް ފުރުސަތު ދީފިނަމަ، އެއްވެސް ފަނޑިޔާރަކަށް އިންސާފު ގާއިމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފިތުނަ އުފައްދާ ވީޑިއޯތައް ފަތުރާ މީހުން ހޯދުމުގެ މަސައްކަތް ސައިބަރ ކްރައިމް ޔުނިޓުން ދަނީ ކުރަމުންނެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ވަކީލު ސަންޖޭ ހެގްޅޭ ވިދާޅުވާ ގޮތުގައި، ފަނޑިޔާރު ތަބައްސުމް ހާންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދައުލަތުންނާއި ޖުޑީޝަރީން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރަކަށް ދޭ ރައްކާތެރިކަމަކީ އެ މީހެއްގެ މަގާމަށް ނުވަތަ ދީނަށް ނުވަތަ އެ ވަގުތެއްގެ ސިޔާސީ މަސްރަހަށް ބަލައިގެން ދޭންޖެހޭ އެއްޗެއް ނޫނެވެ.
މިދިޔަ ހަފްތާގައި، މަދްޔަ ޕްރަދޭޝްގެ ހައިކޯޓުން ވަނީ ފަނޑިޔާރު ތަބައްސުމް ހާންގެ ހިމާޔަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ހުށަހެޅުމަށް އިސް އޮފިޝަލުންނަށް އަމުރުކޮށްފައެވެ. އަދި އެ ކަމަނާއަށް ދީފައިވާ ފުލުހުންގެ ސަލާމަތީ ރައްކާތެރިކަން ދެމެހެއްޓުމަށް ވެސް އެކޯޓުން އަމުރުކޮށްފައި ވެއެވެ.


