ރަންވީރު ސިންގް ކުނި ހޮވުމުން ތަފާތު ރިއެކްޝަން
ބައެއް މީހުންނަށް އޭނާ ކުނި ހޮވުން ގަބޫލެއް ނުކުރެވުނު
ހަފްލާއެއްގައި ރަންވީރު ސިންގް ކުނި ހޮވާ ވީޑިއޯއެއް ޕެޕަރާޒޯއަކު ހިއްސާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ. އެކަމަކީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އެއްބަޔަކު ސިފަކުރިއިރު ދީޕިކާގެ ނުފޫޒެއް އޭނާއަށް އޮނާތީ ވެދާނެ ގޮތެއް ކަމަށް ބައެއް މީހުން ބުންޏެވެ.
ސެލެބްރިޓީ ހެއާ ޑިޒައިނަރު ދަރުޝަން ޔެވަލެކާރުގެ ސެލޫން ހޯމަ ދުވަހު އިފްތިތާހު ކޮށްދިނުމަށް ފަހު ރަންވީރު ސިންގ ފެނިގެން ދިޔައީ ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އަށް ފަރުވާކުޑަ މޫޑެއްގައި ޕްރެންކެއް ކުޅެނިކޮށެވެ. އަދި ތަޅުންގަނޑުން ކުނި ހޮވަމުން ދިޔަތަން ވެސް ފެނިގެން ދިޔައެވެ.
ބައެއް މީހުންނަށް އޭނާ ކުނި ހޮވުން ގަބޫލެއް ނުކުރެވުނެވެ. އެކަމަކީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އެއްބަޔަކު ބުންޏެވެ. އަދި ސާފުތާހިރު ކަމަށް އޯބްސެސްޑް ވެފައިވާ ވާހަކަ ގިނައިން ދައްކާފައިވާ އަނބިމީހާ ދީޕިކާ ޕަދުކޯންގެ ނުފޫޒު ފޯރައިގެން އެޒާތުގެ ކަންކަން ކުރެވެނީ ކަމަށް ގަބޫލުކުރާ މީހުނެއް ވެސް މަދެއް ނޫނެވެ.
އިވެންޓަށް ރަންވީރު އައީ ޕްލޭން ކަޅު ޓީޝާޓަކާއި އަޅިކުލައިގެ ޑެނިމްސް އަކާއި ކަޅު ބޫޓެއްގައެވެ. ފާރެއްގެ ކައިރީން ހިނގަމުން ދިޔައިރު އޭނާއަށް ކުދިކުދި ޓިޑްބިޓް ތަކެއް ފެނިގެން އެތަކެތި ނެގީއެވެ.
އިންސްޓަގްރާމް ޔޫޒަރަކު ވީޑިއޯއަށް ކޮމެންޓްކޮށް ބުނެފައިވަނީ އޭނާގެ އަންހެނުންނަށް އޯސީޑީ ޖެހިފައިވާތީ ވާގޮތެއް ކަމަށެވެ. އެހެން މީހަކު އިތުރަށް ބުނި ގޮތުގައި ދީޕިކާ ވަރަށް ސާފުތާހިރު ކަމަށާއި ގޭގައި ގެންގުޅޭ އެއްޗެހީގެ ސާފުތާހިރުކަން ހިފަހައްޓަން ވެސް ވަރަށް ބޮޑަށް ލޯބިކުރާ ކަމަށް ގިނަ ރިއަލިޓީ ޝޯތަކެއްގައި ވެސް ދީޕިކާ ހާމަކޮށްފައިވާ ވާކަމަށެވެ. އެހެންކަމުން ރަންވީރުގެ ލައިފްސްޓައިލަށް ވެސް އޭގެ އެފެކްޓް ކޮށްފައި ހުރެދާނެ ކަމަށް އެ މީހާ ބުންޏެވެ.
އިންޑިއާގެ މަގުތަކުގައި ވަރަށް ގިނައިން ކުނި އެބަހުރި ކަމަށާއި ދުވަހަކު ވެސް ހޮވާފަ ނުވާ ކަމަށް ކޮމެންޓެއްގައި މީހަކު ބުންޏެވެ. ސާމާސާ ރާގެއްގައި އެހެން މީހަކު ބުނީ އޭނާއަށް ޑައިމަންޑް އަނގޮޓިއެއް ފެނުނު ކަމަށެވެ. ރަންވީރުގެ އެންމެ ފަހުގެ ފިލްމު ސާކަސް އަށް ނިސްބަތްކޮށް ކުނި ކަމުނުދާނަމަ ކުނި ފިލްމުތައް ހަދަނީ ކީއްވެތޯ މީހަކު ސުވާލު އުފެއްދިއެވެ.