އެންމެގިނައިން ރަލާ އޫރުމަސް ވިއްކާ މަހުޖަނާ ސަލަފުގެ ބައްދަލުވުން

ސިޔާސީ ކަމެއްގައި ރައީސް ނަޝީދާ އެކު ސަލަފް ޖަމިއްޔާއިން އިސްލާމް ދީނަށްޓަކާ

އެންމެގިނައިން ރަލާ އޫރުމަސް ވިއްކާ މަހުޖަނާ ސަލަފުގެ ބައްދަލުވުން

މި ބުނި މަހުޖަނަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމެވެ. ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ޝިޢާރާ އެ ދީނުގެ ޝަޚްޞިއްޔަތާ ހައިބަތާ ގަދަރު އުފުލުމަށް މަސައްކަތް ކުރާ ދީނީ ޢިލްމުވެރިން ނިސްބަތްވާ ޖަމިއްޔާ އެކެވެ.

މި ބައްދަލު ވުމުގައި އޮނަރަބްލް ގާސިމް އިބްރާހީމްގެ އިތުރަށް ބައިވެރިވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ އެކި މަގާމް ތަކުގައި ތިއްބެވި ސިޔާސީ މައިދާނަށް ނިސްބަތްވާ ބޭބޭފުޅުންނެވެ. އެހެން ކަމުން މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތާ ގުޅޭ މަޝްވަރާތަކެއް ކަމުގައި ބެލެވެއެވެ. 

ސަލަފް ޖަމިއްޔާގަައި އިސްކޮށް ހަރަކާތް ތެރިވާ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަރިފަސްކޮޅެއް ނިސްބަތްވާ މޭރުމަކުން ވާހަކަ ދައްކަވާ، ފައިސާ ދީފިއްޔާ ހިލޭ އަންހެނުން ނުތިބޭނެ ކަމަށް ފާޅުގައި ވިދާޅުވި ބޭފުޅެކެވެ. 

ލަފާ ކުރެވޭ ގޮތުން މިއީ ސިޔާސީ ކަމެއްގައި ކުރީގެ ރައީސް ނަޝީދާ އެކު ސަލަފް ޖަމިއްޔާއިން އިސްލާމް ދީނަށްޓަކާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށް ވެގެން ހިނގައިދާނެއެވެ.