ފޮށާ ބޭލި ބަރަހަނާ ވާވަރަކަށް ހަލީލު މޭކަރާނެ!

ފޮށާ ބޭލި ބަރަހަނާ ވާވަރަކަށް ހަލީލު މޭކަރާނެ!

ސަރުކާރުން ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރީމާ ބަސް ނުބުނެ ތިބޭނެ ކަމަށް ނިލަންދޫ ހަލީލަށް ހީވަނީ ހެއްޔެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ފޮށާ ބޭލެން ފެށީމާ އިސްލާހުވުމުގެ ބަދަލުގައި އަދިވެސް ތިޔަ އުޅެނީ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް ހެއްޔެވެ. އެކަމެއް ނުވާނެއެވެ. 

މުއިއްޒު އެޅިހާ ބަތަކަށް ރިހެވެގެން ތިބޭނީ ނިލަންދޫ ހަލީލާއި ތުރާކުނު ސައީދުމެން ކަހަލަ އަޅުކުދީންނެވެ. ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލިސް ކޮނޑިކޮއްކޮއަށް ހަދައިގެން ދައުލަތް ދަވާލަން ފުރުސަތު ދީގެނެއް އެންމެނަކު ނުތިބޭނެއެވެ. ރަނގަޅަށް ފޮށާބޭލި ބަރަހަނާވީމާ ހަލީލެއް ކަމަކު ލަދު ގަންނާނެއެވެ. 

އުތުރު ކޮރެއާގެ ރައީސް ހެދިގެން ދުނިޔެއާއި ދެކޮޅަށް މުއިއްޒަށް ހުރެވޭނީ އެވަރުގެ އުރަތްޕަތެއް ފުދުން ތެރިކަމެއް ހުރިނަމަތާއެވެ. މިއަހަރު ނިމެންވާއިރަށް ދަންކަން ހުރި ބޭރުގެ ދަރަނި ބިލިޔަން ޑޮލަރަށް ވުރެ މައްޗެވެ. ބަޔަކު ހެޔޮކަމުން ލުއިގޮތްތަކެއް ހަދާ ނުދީފިއްޔާ މުއިއްޒަށް ހަތަރެސްކަން ހަމަވާނެއެވެ. 2026 ގައިވެސް ދޮޅުބިލިޔަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ނުދައްކާ ސަލާމަތް ވާނެ ގޮތަކަށް އޮތީވެސް ބޭރުން ލުއި ތަކެއް ހޯދާދިނުމެވެ. 

ދަރާވިކި ހަސްނެތިފައި އޮތް ސަރުކާރަކުން ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތްދީގެން ހިތުހުރި ކަމެއް ކުރީމާ ނުވެނުދާނެ ހުރިހާ ގޮތެއް ވާނެއެވެ. ހާރިޖީ ވަޒީރު ހެދިގެން މަތިހަށި ނަގާފައި ހަލީލު ސަލާންޖަހަން ދާންއޮތީ އެމީހުންގެ ފައިބުޑަށެވެ. ޓޫރިސްޓުން ގެންނަން ފަހަތުން ދުވަން އޮތީ އެ މީހުންނެވެ. ދުނިޔޭގެ ރުހުންނެތި އަރަބިން ކައިގެން ތިއްބަކަސް ދިވެހިން ނަކަށް ކާކަށް ނުލިބޭނެއެވެ. 

ވެރިކަަން ލިބުނީމާ ތަނެއް ދޮރެއް ނުބަލާ ގައުމަށް ލިބޭހާ ބޭރު ފައިސާ ބައިހަދާފައި ދަތުރުކޮށް ތަޅާއަޅަމުން ދާއިރު އެވާހަކަ މީހުން ނުދައްކައެއް ނުތިބޭނެއެވެ. ވެރިންގެ ވަންހަ ދިލަކޮޅު އެންމެން އެމްބަސީތަކަށް ލައިގެން ބޭރުފައިސާތައް ބުރުއްސާތަން ބަލަން އެންމެނަކު ނުތިބޭނެއެވެ. ދުނިޔޭގެ ގައުމުތަކުންދޭ ލުއިތައް ނުހަމަ ގޮތްގޮތަށް ބޭނުންކޮށް ގައުމުގެ ހީރަސް ކަނޑާލާތައް ބަލަހައްޓައިގެނެއް ނުތިބޭނެއެވެ. 

ކޮރަޕްޝަން އިންޑެކްސް ވަހުގާޖެހި އަދުލު އިންސާފު އޮޔާގޮސް ޑިމޮކްރަސީ ކަފުންކުރާތަން ބަލަން ދުނިޔެއެއް ނުއޮންނާނެއެވެ. ދުނިޔޭގެ ބަޔަކު ދިއްކޮށްލާހާ އެއްޗެއްގައި ސޮއިކޮށްގެން ތިބެ އދ އާއި އީޔޫއާއި ކަމަންވެލްތު ފަދަ ތަންތަނުން ދަހިލީ ކަންކަމާ ނުބެހެވޭނެ ކަމަށް ބުނެ އަޅި ބުރުވައިގެން ވާނެ މޮޅެއް ހަރާމުން ހަރާމެވެ.