ސިޔާސީވީ މުޒާހަރާއެއް ނޫން - ގޯތި ދިނުން!

ހުރިހާ ދެންމުމެއް ދަންމަނީ ގޯތިތައް ނުދޭން

ސިޔާސީވީ މުޒާހަރާއެއް ނޫން - ގޯތި ދިނުން!

ގޯތި މުޒާހަރާ ސިޔާސީވެގެން ބަނޑު ކައްކާނެ ކަމެއްނެތެވެ. މާލެ ސަރަހައްދުން ގޯއްޗާ ފްލެޓް ދިނުން ސިޔާސީ ކޮށްގެން އުޅެނީ މުއިއްޒު ސަރުކާރުންނެވެ. ސިޔާސީވެގެން އުޅެނީ ގޯތި މުޒާހަރައެއް ނޫނެވެ. މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ފިނިކޮށް ޕްރެޝަރ ކުޑަކުރަން ސަރުކާރުން ޖައްސާހަ ވައްތަރެއް ބަލަން އެންމެން އަބަދު ތިބޭނެކަމަށް ހީނުކުރާށެވެ. ސަރުކާރުން ޖަހާ ބެރަކަށް ނަށާނީ މުސާރަވެރިންނާއި ކުލީ ގަލަންތަކެވެ.

އިބޫ ސަރުކާރަކުން ދީފައިވާ ގޯއްޗާއި ފްލެޓް ކަނޑައެޅިފައި އޮތް ގޮތަށް ނުދީ ހިފަހައްޓަނީ ސީދާ މުއިއްޒު ސަރުކާރުންނެވެ. މާލެ ސަރަހައްދުން ގޯތީދޭން ކަނޑައަޅާފައިވާ މީހުންނާއި އެ މީހުނަށް ދޭން ކަނޑައެޅި ގޯތިތައް ހަވާލު ނުކުރާން ޒާތްޒާތުގެ ބަހާނާ ސަރުކާރުން ދެއްކުމުން އެކަން ގަބޫލު ކުރުވައިގެން ތިބެވޭނެކަމަށް ހީކޮށް ގޯތި މުޒާހަރާ ސިޔާސީ ވެއްޖެޔޭ ކިޔައިގެން ކުލީ ގަލަންތައް ލައްވާ ޕްރޮޕަގެންޑާ ފަތުރަން ނުހަދާށެވެ. 

ފްލެޓްތަކުގެ ކަތަކުގައިވެސް ފެންނުހިފޭ މައްސަލައެއް އޭސީސީއަށް ވައްދުވައިގެން އުޅެނީ ޑރ. މުއިއްޒެވެ. އެކަން ކުރުވީ ރިޔާސީ އިންތިހާބުގެ ކުރިން ފްލެޓްތައް ބަޔަކަށް ދީފިއްޔާ ވެރިކަމަށް ނާދެވެދާނެ ކަމަށް ބިރުންނެވެ. ފްލެޓް ދިނުމުގެ ޕްރޮސަސް އޭސީސީން ހުއްޓުވީ އެބޭނުމުގައެވެ. 

ވެރިކަމަށް އަންނަން އުޅުން އިރު މުއިއްޒު ބުނަމުން އައީ ކުރީ ސަރުކާރުން ދީފައިވާ ގޯއްޗެއް ފްލެޓެއްވިޔަސް ހަވާލު ނުކޮށް ނުހުންނާނެ ކަމަށެވެ. ދޭން ގެޒެޓް ކޮށްފައިވާ އެއްވެސް ގޯއްޗެއް ފްލެޓެއް ނުދީ ނުބަހައްޓާނެ ކަމަށެވެ. ހިއްކާފައި އޮތް ތަނަކަސް ނުހިއްކާ އޮތްތަނަކަސް އެމީހަކަށް ލިބުނު ތަނެއް އެ މީހަކަށް ދޭނެ ކަމަށެވެ. 

މާލެ ސަރަހައްދުން ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި 9003 ގޯތިން ސަރުކާރު ބަދަލުވީއިރު ނުހިކި އޮތީ އެންމެ 600 ގޯއްޗެވެ. އެ ގޯތިތައް ހިއްކުމުގެ މަސައްކަތް ވެރިކަން ބަދަލުވީއިރު ވެސް އައީ ބާރަށް ހިނގަމުންނެވެ. މުއިއްޒަށް ވެރިކަން ލިބުމާއެކު ގޯތިތައް ހިއްކުން ހުޓާލީއެވެ.

މާލެ ސަރަހައްދުން ގޯތި ދިނުމުގެ ބަދަލުގައި ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅުން ދީފައިވާ ގޯތިތައް ދޭން ދިމާކުރީ ފުށިދިއްގަރުފަޅު ހިއްކައިގެންނެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ މީހުނަށް ގޯތިދޭން ދިމާކުރިއިރު ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮތީ ބޯމަތީގައެވެ. މާލޭ މީހުންގެ ވޯޓް ނުލިބިދާނެތީ ގަތްބިރުން ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތިތައް ހަވާލުކުރާނެ ކަމަށް ބުނަން މަޖުބޫރުވީ އެހެން ވެގެންނެވެ. 

ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތިތައް ހަވާލު ކުރުމުގެ ނިޔަތް ނެތުމުން އެކިފާޑުގެ ބަހަނާ ދައްކައިގެން ލަސްކޮށް ފަސްކުރަނީއެވެ. އެގޮތުން ހުޅުމާލޭން ގޯތިދޭ ސަރަހައްދުގެ އަޑީގައި ހޮޅިތަކެއް އޮތް ވާހަކައާއި ގޯތިތައް މަގަށް އަރާ ވާހަކައާ ދެއްކިއެވެ. ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ނެތް ވާހަކަ ދައްކައިގެން މީހުންގެ ބޯކާލަން އުޅުނެވެ. ވެރިކަމަށް އައިއިރު ނުހިކި އޮތް 600އެއްހާ ގޯތި ހިއްކަން ނޫޅެ ކަނޑުން ގޯތި ދީގެންއުޅޭ ވާހަކަ ދެއްކީ އެކަން ކޮށްދިނުމުގެ ހިޔާލު ވެސް ނެތީމައެވެ. ގިރާވަރުފަޅުން ދީފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަކީވެސް ދަންމާލުމުގެ އުކުޅެކެވެ. ހަގީގަތުގައި މި ހުރިހާ ދެންމުމެއް ދަންމަނީ ގޯތިތައް ނުދޭން ވެގެންނެވެ. ގޯތި މުޒާހަރާ ސިޔާސީ ވެއްޖެއޭ ކިޔައިގެން އުޅެނީ ގޯތި ލިބުނު މީހުންގެ ޕްރެޝަރ ކުޑަކުރުމަށެވެ.