ދެބޯގެރި ދުއްވައިގެން ސާޖިދާގެ އިހުމާލެއް ނުފޮރުވޭނެ!
ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އޭރުވެސް މިހާރުވެސް ސާޖިދާ
އަޖައިބެކެވެ. ވެރިކަމުގައި އޮތީ އެމްޑީޕީއެއް ނޫނެވެ. ރައީސްކަމުގައި ހުރީ އިބޫ ސޯލިހެއް ނޫނެވެ. އެކޮނޮމިކް މިނިސްޓަރަކީ ފައްޔާޒު އިސްމާއީލެއް ވެސް ނޫނެވެ. ހެލްތު މިނިސްޓަރ ކަމުގައި ހުރީ ކުޑަ އަމީނެއް ކެރަފާ ނަސީމެއް ނޫނެވެ. އެކަމަކު ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އޭރުވެސް މިހާރުވެސް އެ ހުރީ ސާޖިދާ މުހައްމަދެވެ.
ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަން ކުރާތާ ނުވަމަސް ވެއްޖެއެވެ. ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގައި ހުންނަންޖެހޭ އެކަށީގެންވާ ސާފުތާހިރުކަމުގެ މިންގަނޑުތައް ހަމައަށް ހުރިތޯ ބަލާ ފިޔަވަޅު އަޅަން މުއްދަތު ލިބިއްޖެއެވެ. ކުރީ ސަރުކާރުތަކުން ބަލަހައްޓަމުން އައި މިންގަނޑުތައް ނުބެލެހެއްޓި އެކަންކަން ބޮއްސުން ލައިގެން ދިޔައީ މުއިއްޒުގެ ވެރިކަމުގައެވެ.
ޑރ. މުއިއްޒުގެ އަންހެނުން ސާޖިދާގެ ބެލުމުގެ ދަށުން ހިންގާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ ފެއިލްވިއްޔާ ފޭލިވީ ސާޖިދާގެ އިހުމާލުންނެވެ. ކުރީ ސަރުކާރުން ސާޖިދާއަށް ލިބެންވާ ބާރެއް ނުލިބި އޮވެގެން ނުވެފައިހުރި ކަމަށްބުނާ ކަންކަން ސަރުކާރު ސަޖިދާއަށް ހިތަކަށް ލިބުމުންވެސް ނުވިއެވެ.
ވިޔަފާރިކުރުމުގެ ހުއްދައަކީ ވިޔަފާރިކުރުމާއި ބެހޭ ގާނޫނު ތަކުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ދޭއެއްޗެކެވެ. ކާބޯތަކެތި ތައްޔާރު ކުރުމުގެ ސާފު ތާހިރުކަމަކީ ވިޔަފާރި ހުއްދައާއި ގުޅުމެއް އޮތްކަމެއްނޫނެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރާ ވިޔަފާރިތަކުގައި ކުރާ ވިޔަފާރިއެއްގެ ބާވަތުން އެކަމެއް ކުރަން ނަގަން ޖެހޭ ހުއްދައެއް ނެގުމަކީ ކުރާ ވިޔަފާރީގެ ބާވަތާ ގުޅުން އޮންނަ ކަމެކެވެ. ސާފު ތާހިރުކަން ކަށަވަރު ކުރުން ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލްގެ ބޮލަށް ކަނޑާ ލައިގެން ސާޖިދާގެ އިހުމާލަކުން ނުރެކެވޭނެއެވެ.
އިމާރާތް ކުރުމާބެހޭ މަސައްކަތް ކުރަން ރަޖިސްޓްރީ ކުރާ ވިޔަފާރީއެއް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ނަގަންޖެހޭ ހުއްދައެއް ނެގުމާއި ނުނެގުމަކީ އެކޮނޮމިކް މިނިސްޓްރީއާ ބެހޭކަމެއް ނޫނެވެ. ގެސްޓުހައުސް ވިޔަފާރި ކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ނަގަން ޖެހޭ ހުއްދައެއް ވަކިން ނަގަން ޖެހޭނެއެވެ. ކާބޯ ތަކެތި ތައްޔާރުކުރާ ވިޔަފާރިތަކުން ނަގަން ޖެހޭ ކޮލިޓީ ކޮންޓްރޯލް ހުއްދަތަކަކީ އެކަމާބެހޭ އިދާރާތަކުން ވަކިން ނަގަންޖެހޭ ހުއްދަތަކެވެ.
ކާބޯތަކެތި އުފައްދާ ތަންތަނުގެ ސާފު ތާހިރުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވި ހެލްތު މިނިސްޓަރު ހަލީލާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ސާޖިދާ ފޭލިވީމާ ކުރީ ސަރުކާރޭ ފައްޔާޒު އިސްމާއީލޭ ކިޔައިގެން ގޭސް އެނބުރިޔަސް މުއިއްޒު ސަރުކާރު އެކަމުގައިވެސް ފޭލިނުވާކަމަކަށް ނުވާނެއެވެ. އެހެން ބައެއްގެ ބޮލުގައި އިލްޒާމު އަޅުވައިގެން ދެބޯގެރި ދުއްވާ ދުއްވުމަކުން ސާޖިދާގެ ކުނިވަހެއް ނުކެނޑުވޭނެއެވެ.