ޔާމީނާ ދެކޮޅަށް ޕިޕީއެމް އާއި ޕީއެންސީ

ސަރުކާރުން ކޮންމެ ކަމެއް ކުރާނީ ގާނޫނީ ހުކޫމަތުގެ ތެރެއިން: ރައީސް ޔާމީނު

ޔާމީނާ ދެކޮޅަށް ޕިޕީއެމް އާއި ޕީއެންސީ

ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިއުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ރައީސް ޔާމީނު އެ މަނިކުފާނުގެ ވެރިކަމުގައި ވިދާޅުވިއެވެ. " މުޖުތަމައަކަށް ލިބިގެން ނުވޭ ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑުކިއުމުގެ ހައްގެއް. ގާނޫނު އަސާސީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުން ލާޒިމް ކުރާ ކަމެއްގެ ގޮތުގައި،" ރައީސް ޔާމީނު ވިދާޅުވެފައި ވެއެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރީއަތުން ނިންމާ ކަމެއް ރައީސްއާ ހަމައަށް އަންނަން ނުޖެހޭ ކަމަށާއި ކުށުން ބަރީއަވާން ތިން މަރުހަލާ އޮންނައިރު، އެކަން ނުވުމަކީ ރައީސާ ހަމައަށް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނު ވިދާޅުވި ވިދާޅުވުމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީން މިހާރަކު މި އުޅެނީ ކޮން ފާޑަކަށް ހެއްޔެވެ. ރައީސް ޔާމީނެއް ކަމަކު ހުންނަވާނީ ގާނޫނުގެ މަތީގައި ނޫންކަން ރައީސް ޔާމީނު ވަނީ ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވާފައެވެ. " ސަރުކާރުން ކޮންމެ ކަމެއް ކުރާނީ ވެސް، ގާނޫނީ ހުކޫމަތުގެ ތެރެއިން" ކަމަށް ރައީސް ޔާމީނު ވިދާޅުވެފައި ވަނީ ސަމާސާ އަކަށް ނޫނެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި " ސަރުކާރުން މީހުން ހިފާ ހައްޔަރެއް ނުކުރާނެ. ސަރުކާރުން ކުރާ ކަމެއް ކުރަނީ ބައަކު، ބައެއްގެ ހައްގުތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް" ޓަކައެވެ.

ތެދު ފުޅެކެވެ. ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހުނީ ރައީސް ޔާމީނު ރައްޔިތުންގެ ހައްގަށް އަރައިގަނެ ރިޝްވަތުނަގާ މަނީލޯންޑަރ ކުރިކަން ޝަރީއަތަށް ސާބިތުވީމައެވެ. ޔާމީނު ވިދާޅުވިހެން ސަރުކާރުން ކުރި ކަމެއް ކުރީ ރައީސް ޔާމީނު، ބައެއްގެ ހައްގު ތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް ޓަކައެވެ. ދެން އޮންނާނީ ހުރިހާ މަރުހަލައިގެ ކޯޓުތަކުން ނިމެންދެން ކެއްތެރިވެގެން ތިބުމެވެ.

ރައީސް ޔާމީނު ވިދާޅުވިހެން ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑު ކިއުމުގެ ހައްގެއް މުޖުތަމައަކަށް ލިބިގެން ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުމަށެވެ. މުޒާހަރާކޮށް ސުލްހަ މަސްލަހަތު ނަގާލާކަށް ނޫނެވެ. ޖަމާއަތުގެ މަސްލަހަތު ނަގާލުމުން އެކަން ކުރާ ބަޔަކު ހައްޔަރު ކުރާނެއެވެ. ރައީސް ޔާމީނު ވެސް ވިދާޅުވެފައިވާ ގޮތުގައި މުޒާހަރާއެއް ކޮށްގެން މީހަކު ހައްޔަރު ކުރިއަސް އެކަން ކުރަނީ ރައީސް އޮފީހުން އަންގައިގެނެއް ނޫނެވެ.