އެމްޑީޕީ 12މެންބަރުން މަޖިލީހުގާ ތަޅާނީ ނަކަހެއްނޫން!
މުއިއްޒުގެ މަޖިލިސް ވާނީ މުއިއްޒަށް ޑިކްޓޭޓަރޝިޕް ކަށަވަރުކޮށްދޭ ބާރަށް
ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް 2005 ގައި ފެށުނުއިރު މަޖިލީހުގެ މެޖޯރިޓީ ބޮޑުކޮށް އޮތީ އޭރުވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ހާއްސަ މަޖިލީހުގައި 113 މެންބަރުން ތިބިއިރު އިސްލާހީ ހަރާކަތުގެ ތިބީ 12 ވަރަކަށް މެންބަރުންނެވެ.
ވެރިކަމުގެ އާރާބާރުގައި މައުމޫނު ހުންނަވަނިކޮށް ހިފެހެއްޓިފައިވާ އެތައް ހައްގެއް ހޯދީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު މައުމޫނު އަތްޕުޅުގައި އޮއްވައެވެ. ސިޔާސީ ޕާޓީ ހަދާ ހިންގުމުގެ ގާނޫނީ ބާރު ހޯދިއެވެ. 18 އަހަރުން މައްޗަށް ވޯޓުލުމުގެ ހައްގު ހޯދިއެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދިއެވެ. އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ ހައްގު ހޯދިއެވެ. އެނޫންވެސް އެތައް ހައްގެއް ހޯދީ މަޖިލީހުގެ ސްޕަރމެޖޯރިޓީ އޭރުގެ ރައީސަށް އޮއްވައެވެ. މަޖިލީހުގައި ތިބީ އެންމެ 12 މެންބަރުންނެވެ.
އޭގެ ފަހުން ވިއްސަކަށް އަހަރު ނުވަނީސް އިސްލާހީ ހަރަކާތުގެ 12 މެންބަރުންނާއެކު އަނެއްކާވެސް ހައްގުތައް ކަށަވަރުކުރަން މިއޮތީ ޖެހިފައެވެ. އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީއަށް މެޖޯރިޓީ އޮވެގެން ރައިސް އިބޫ ހިތުހުރި ގޮތަކަށް ކަންކަން ނުކުރިޔަސް ޕީއެންސީގެ ސްޕަރ މެޖޯރިޓީ މަޖިލިސް ވެގެން ދާނީ ރައިސް މުއިއްޒުގެ ޑިކްޓޭޓަރޝިޕް ކަށަވަރު ކޮށްދޭ ބާރަށެވެ. ހައްދެއްނެތް މިންވަރަށް ބާރާއި އިހުތިޔާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒަށް ހޯދާ ދޭނެއެވެ. މަޖިލީހުގެ ރުހުން ހޯދަން ނުޖެހި ބޮޑެތި ގިނަ ކަންތައް ތަކެއް ކުރުމަށް ގާނޫނީ ބާރު ދޭނެއެވެ. ސަރުކާރުން ހުށަހަޅާހާ ކަމެއް ދެވަނަ ވިސްނުމަކަށް ނުގޮސް ފާސްކޮށް ތައްގަޑުޖަހާ ދޭނެއެވެ.
ރައީސް މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މަޖިލީހުގެ ތެރެއިން ފާސްކޮށްދީ ސިއްކަ ޖަހަމުން ދާއިރު އެމްޑީޕީގެ 12 މެންބަރުން ތިބޭނީ ނަކަސްތަޅާކަށް ނޫނެވެ. ކަށީގެ މަދަށް އެމީހުން ހިތްވަރު ކުރާނެއެވެ. އެހެނަސް ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ 12 މެންބަރުން ނަކަސްނުތަޅާ މަޖިލީހުގެ ތެރޭގައި ކަމެއް ކުރެވޭނީ އެއްރޫހެއްގައި ގިނަ ބަޔަކު ސީދާ ހަރަކާތަށް ނިކުމެގެންނެވެ. ސަރުކާރުން ދައްކާ ނަނާ ހުވަފެނުގައި ނުޖެހި އެއްވާނަކަށް ހައްގުބަސް ބުނެ އަޑު އުފުލައިގެންނެވެ.
މަޝްވަރާއާއި ޑިމޮކްރޭޓިކް ހަމަތައް ގަބޫލު ނުކުރާ ޑިކްޓޭޓަރެއްގެ ފުށުން ރަނގަޅަކަށް އުންމީދު ކުރާނީ މޮޔައެކެވެ. ނިކަން ދެކޭށެވެ. އަދި މިއުޅެނީ މަޖިލިސް ހޮވާ ދާއިމީ ނަތީޖާ އިއުލާނު ނުކޮށެވެ. އެކަކަށް ދެ މަގާމާ ދެ މުސާރަ ދޭން ކަނޑައެޅީއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖޭންސީ (އެންސްޕާ)ގެ ސީއީއޯ ކަމުގައި ހީނާ ވަލީދު ބަހައްޓައިގެން ރައީސް އޮފީހުގެ އިސްތަރުޖަމާނު ކަމަށް ހީނާ ވަލީދު އިސްކުރީއެވެ. މިޒާތުގެ ކިތަންމެ ފިލްމެއް އަދި ފެންނާނެއެވެ.
ގޯތިތަކާއި ފްލެޓް ތަކަށް ހަދާނީ ހަދާނެ އެއްޗެކެވެ. ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ ބާރު މުޅިން ކަނޑުވާލާ އިންތިހާބީ ބަޔަކު ތިބޭ ތިބުން ނިމުމަކަށް ގެންނާނެއެވެ. މިނިވަން މުއައްސަސާ ތަކަކީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި އަނިޔާތައް ފޮރުވާދޭ ތަންތަން ކަމަށް ހަދާނެއެވެ. ފަނޑިޔާރުގެއަކީ ސަރުކާރުން ބޭނުންވާ މީހުންގެ މައްޗަށް އުގޫބާތް ކަނޑައަޅަން ހުންނަ ތާކަށް ހަދާ ނިންމާނެއެވެ. ހައްގާ އިންސާފަކީ ރައީސް މުއިއްޒު ކަމުގާ މީހުން ގަބޫލުކުރާ ވަރަށް މުއިއްޒު މުގައްދަސްކޮށް ހުދު މުހުތާރުވެރި ކަމުގެ ހުރިހާ ސިފައެއް ލާފުރާ ފުރިހަމަ ކުރާނެއެވެ.
ސަރުކާރު ޖަވާބު ދާރީކުރުން ސަރުކާރާ ހަވާލު ކުރުމުން ނުވެނުދާނެ ހުރިހާ ގޮތެއް މިފަހަރު ވާނެއެވެ. ކެވުނު ވިހައިގެ އިހުސާސް ވާނީ މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ވިހައިގެ އަސަރު ފޯރީމައެވެ. ފޫނާއްޓެއްގެ ލޮލުން ތިމާގެ ދުނިޔެ ބަލާ ކޮންމެ މީހަކަށް އޭނާގެ ދުނިޔެ ފެންނާނީ ނާށީގައި ލޯޖެހުމުން ފެންނަ ހިސާބެވެ.