މަސައްލަތައް ނިމޭއިރު ބިޑިއެޅޭނީ މުއިއްޒު އަތުގަ!
ހުރަގޭގެ ތޭރިތަކުގެ ފަހަތުން އެންމެކުރިން ޖާގަލިބޭނެ އެކަކީ މުއިއްޒު
ރައީސް މުއިއްޒު ޕީއެންސީ ހަރުގެ ޖަލްސާގައި ވިދާޅުވި މައްސަލަތައް ބަލާ ދައުލަތަށް އިންސާފު ލިބެންޏާ ކިތަންމެހާވެސް ރަނގަަޅެވެ. ލޮލުން ބޮލުން ތާއީދެވެ. ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ތަފާތު ކުރުމެއްނެތި މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ހޯއްދަވާ ދެއްވުން ލަސްނުކުރައްވާށެވެ.
ރައީސް ތިޔަ ވިދާޅުވަނީ މިދަންނަވާ ކަންތައްތަކުގެ ވާހަކަ ދޮގެއްތޯއެވެ. އެހެން ވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ހަނދާން އައުކޮށްލުމުގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށް ނުލާންވީ ކަމެއް ނެތްތާއެވެ. އެންމެންމެ އެދިއެދި މި ތިބެނީ ތިޔަ ދުވަހެއް ދެއްކެވުމަށެވެ. ރައީސް ތިޔަ ވިދާޅުވާ ތަހުގީގުތައްކޮށް ނިމޭއިރު ބިޑިއެޅިގެން ހުރަގޭގެ ތޭރިތަކުގެ ފަހަތަށް ދާންޖެހޭ މީހުންގެ ލިސްޓްގެ އެންމެ ކުރިން ޑރ. މުއިއްޒު ޖާގަ ނުހޯއްދަވައިފިއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ. ހިތްވަރު ހުރިއްޔާ އަވަހަށް ފައްޓަވާށެވެ.
ރައީސެވެ. ކުރިންވެސް އެމްއެމްޕީއާރުސީއޭ ކިޔައިގެން މައްސަލަތަކެއް ބަލައިފިއެވެ. ދައުލަތަށް ލޯލާރިއެއް ނުލިބި އެކަން ދިޔައީ ކަނިފުށީ ކަލޭގެ ޖެހި ކޮކަޑިއަށް ވެގެންނެވެ. މި ފަހަރު އެމްއެމްޕީއާރުސީ މައްސަލަ ބައްލަވާއިރު އެހެން އެކަން ވިޔަދެއްވައިގެން ނުވާނެއެވެ. މި ފަހަރު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމުގައި މިދަންނަވާ ކަންކަން އެކުއެކީ ގެންދަވައްޗެވެ. އެހެންނޫނީ ވެގެންދާނީ ގުއިތަފާލުގައި ދަޑިން ތެޅުމަށެވެ. ގުއިތަފާލުގައި ދަނޑިން ތެޅީމާ ވާގޮތް އެނގޭ ނޫންތޯއެވެ.
- އެމްއެމްޕީއާރުސީގެ ރޫޓްކޯސް ކަމުގައިވާ އެމްޕީއެލްއިން ނެގި 5 މިލިއަން ޑޮލަރާއި 2014 ވަނަ އަހަރު ޕީޕީއެމްއިން މަޖިލިސް ކެންޕެއިނަަށް ކުރި ހަރަދުތަކާއި އެކަމުން ބައިއެޅިގެން ދިޔަގޮތްތައް ނިކަން ރަނގަޅަށް ބައްލަވަންވާނެއެވެ.
- އެމްއެމްޕީއާރުސީ ސްކޭންޑްލް އާއި ގުޅިގެން އުފެދުނު ހުރިހާ ޖަރީމާތަކާއި އެކަމުގައި ޝާމިލްވި ހުރިހާ އެންމެންގެ މައްސަލަތައް ފިލިން ފިއްޔަށް ނުބަލާ ދޫކޮށްލައިގެން ނުވާނެއެވެ.
- އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި ދުވަސްވަރު ފެށި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކުއްލިއަކަށް ފުޅާވަމުން ދިޔަ މުއްސަނދިންގެ ވިޔަފާރި ތަކާއި އެކަމުގައި ޝާމިލްވީ ހުރިހާ އެންމެންނާއި މަންފާ ކުރި ހުރިހާ ފަރާތެއްގެ މައްސަލަތައް ހިންދާލައިގެން ނުވާނެއެވެ.
- ނޫމަޑި ސްކޭންޑަލްއަކީވެސް ނުބަލާ ފަރުޖެއްސެން އޮތް ކަމެއް ނޫނެވެ. އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ދައުލަތާއި ދެކޮޅަށް ދެއްވި ބަޔާނާއި ޝަރީއަތުގައި ހުއްޓިފައިއޮތް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުގެ މައްސަލަ އާއި އެ މައްސަލައަށް ހުއްޓުން އެރިގޮތާއި އެކަމުގައި އޮތް ނުފޫޒުތައް ނިކަން ރަނގަޅަށް ބަލަން ޖެހެއެވެ.
- ގާނޫނު އަސާސީ އާއި ގާނޫނު ތަކަަށް ބަދަލު ގެނައުމަށް މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދިން އެތެރެއާއި ބޭރުގެ އިނާޔަތްތަކާއި އެކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކެއްގެ މައްސަލަތައް އަލިފުން ޔާއަށް ނުބަލައެއް ދައުލަތަށް ގެއްލުނު ގިނަ ފައިސާއެއް ނުފެންނާނެއެވެ.
- 2013 އިންފެށިގެން އެކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ދައުލަތަށް ގެންލުންވާ ގޮތަށް ހިންގާފައިވާ ހުރިހާ ޖަރީމާތަކާއި އެކަމުގައި ޝާމިލްވި ނެޓްވޯކްތައް ނުހޯދައެއް ދައުލަތަށް އިންސާފެއް ނުލިބޭނެއެވެ.
- ޓޫރިޒަމާއި އެނޫން ބޭނުމުގައި ދޫކުރިހާ ރަށްރަށާއި ފިނޮޅުތަކާއި ފަޅުތަކާއި ބިންތަކަށް ލިބެންވާ އެކްއިޒިޝަން ފައިސާތައް ދެއްކިގޮތާއި އެ ފައިސާ ދައުލަތަށް ނުވަދެ ވަނތް ތަންތަނާއި އެކަމުގައި އިހްމާލުވި ފަރާތްތަކާއި ޝާމިލްވި ނެޓްވޯކްތަކާއި ފައިސާތައް ދައުރު ކުރިގޮތާއި މަންފާވި މީހުންގެ ހުރިހާ މައްސަލަތަކެއް ސާފުކޮށް ބަލަންވާނެއެވެ.
- ނަސަންދުރަ ޕެލަސް ހޮޓަލްގެ ބިން ދޫކޮށްލެވުނު ގޮތާއި އެޕާޓްމަންޓްތައް ގަންނަން ލާރި ދައުރުވި ގޮތްތައްވެސް ނޭނގިއެއް ކަމަކު ނުދާނެއެވެ.
- ބްރިޖާއި ރިންގްރޯޑާއި ގުޅޭ ކޮރަޕްޝަންތަކާއި ދައުލަތުގެ މަސައްކަތްތަކާ ހަވާލުވެގެން އުޅުނު ބޭރުން ކުންފުނިތަކުން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ނެގި މަހު މުސާރައާއި ހޯދި ކަޓުތަކާއި އިނާޔަތްތައް ނުބަލައެއް ނުވާނެއެވެ.
- މާލެސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ޑރ. މުއިއްޒު ގަތް ކަދުރު ރުއްތަކާއި އެ މުއާމަލާތާ ގުޅުން ހުރި ހުރިހާ ކަމެއް އަކުރުން އަކުރަށް ނުބަލައެއް ނުވާނެއެވެ.
- މާލެސިޓީ ކައުންސިލަށް ސިޓީ ލިޔަން ކޮންސަލްޓުން ލައިގެން އޭރުގެ މޭޔަރ ދައުލަތުގެ ފައިސާ އިސްރާފްކުރި ގޮތުގެ ތަފްސީލް ނެ\ޭނގިއެއްވެސް ނުވާނެއެވެ.
- މޭޔަރ މުއިއްޒު އިސްވެހުރެ އާސަހަރާ މިސްކިތް ރިނަވޭޓް ކުރަން ބަޔަކަށްދީ މަސައްކަތުގެ %10 ވެސް ނުނިމެނީސް އަގުގެ %90 ފައިސާ ދީފާ އެމިހުން އަތުން މަސައްކަތް އަތުލާ އެހެން ބަޔަކަށް ބޮޑު އަގުދީގެން މަސައްކަތް ނިންމަން ހަވާލުކުރުމުގައި ހިންގާފައިވާ ޖަރީމާގެ ހަގީގަތް ހޯދާ ޝާމިލްވާ ބަޔަކަށް ފިޔަވަޅު ނާޅައެއްްވެސް ނުވާނެއެވެ.
- 2014 އިންފެށިގެން ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންގެ ނުފޫޒުން ހިންގާފައިވާ ކުދިބޮޑު ޖަރީމާތައް ނުބަލާ ދޫކޮށްލައިގެން އިންސާފެއް ނުހޯދޭނެއެވެ.
- ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ހިންގާފައިވާ ޖަރީމާތަކާއި ބިޑްތަކާއި އެތަންތާނގެ ފައިސާތައް ދައުރުކުރި ގޮތާއި ސަރުކާރާއި އަމިއްލަ މީހުން ހޯދާފައިވާ ނާޖާއިޒް ފައިދާތަކާއި އެކަމުގައި ޝާމިލްވި ނެޓްވޯކްތައް ނުހޯދައެއް ނުވާނެއެވެ.
- އެޗްޑީސީގެ ތެރެއިން ގަނެފައިވާ އެޕާޓްމަންޓްތަކާއި ކުއްޔަށް ނަގާފައިވާ ތަންތަނަަށް ފައިސާ ދެއްކި ގޮތްތަކާއި ނުރަނގަޅުކޮށް އެކަމުގައި ޝާމިލްވި ނެޓްވޯކްތަކާއި އެޗްޑީސީގެ ޖަރީމާތައް ރަނގަޅަށް ނުބެލިއެއް ނުވާނެއެވެ. ސީލައިފަކާއި ކޭޕާކަކުން އެކަނި ނިންމާލެވޭކަށް ނެތެވެ.